އާންމު
ފަރުދުންނާއި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށް ދިވެހި ކުންފުނިތަކުގައި
އިންވެސްޓްކުރުމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް
(އެމްއެސްއީ) އިން ތައާރަފްކުރި ޕްރައިވެޓް މާކެޓް ޕްލެޓްފޯމް، "ވިޔަނަ"
މެދުވެރިކޮށް ވިޔަފާރިތަކަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށް
އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން
ބުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ތައާރަފްކުރި އެ ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރިތަކަށް 627 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ
ކަމަށެވެ. އެ ފައިސާ ހޯދާފައި ވަނީ 'ވިޔަނަ' ބޯޑުގައި ލިސްޓުކޮށްފައިވާ 12
ސެކިއުރިޓީއެއް މެދުވެރިކޮށެވެ. އޭގެ ތެރޭގައި ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފަސް އިންސްޓްރޫމަންޓު ވެސް ހިމެނެ އެވެ.
އެމްއެސްއީއިން
ބުނީ ޕަބްލިކްކޮށް ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ހިއްސާ ގަނެވިއްކުމުގެ
އިތުރުން، ސެކިއުރިޓީޒް މާކެޓަކީ ވިޔަފާރިތަކަށް މުހިންމު ދައުރެއް
އަދާކުރެވިދާނެކަން ހާމަވާކަމަށެވެ. އަދި 'ވިޔަނަ' މެދުވެރިކޮށް އަމިއްލަ
ވިޔަފާރިތަކަށް އާންމުކޮށް ލިސްޓުނުކޮށް ވެސް އިންވެސްޓަރުންގެ އަތުން ފަންޑިންގ
ހޯދުމުގެ ފުރުސަތު ލިބޭކަން ފާހަގަކުރި އެވެ. އެ ޕްލެޓްފޯމު ބޭނުންކޮށްފައިވާ
ކުންފުނިތަކުގެ ތެރޭގައި ސިއްހީ، ތައުލީމީ އަދި ކޮންސްޓްރަކްޝަންގެ ދާއިރާ ހިމެނޭކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ 'ވިޔަނަ' ޕޯޓަލް.
އެމްއެސްއީއިން
ބުނީ 'ވިޔަނަ' އަކީ އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ދިވެހި ވިޔަފާރިތަކަށް
ފައިނޭންސްކުރުމަށް ލިބޭނެ ފަހި ފުރުސަތެއް ކަމަށެވެ. އެ ޕްލެޓްފޯމު
މެދުވެރިކޮށް، އާންމު ފަރުދުންނާއި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށް އެ
ޕްލެޓްފޯމުގައި ރަޖިސްޓްރީވެ، ހުށަހެޅިފައިވާ އިންވެސްޓްމަންޓްތަކުގެ މައުލޫމާތު
ދިރާސާކޮށް، އޭގެ ޝަރުތުތައް އެ ފަރާތްތަކުގެ ބޭނުންތަކާ ގުޅޭތޯ ބެލޭނެ އެވެ.
'ވިޔަނަ' ޕްލެޓްފޯމުގައި ބޭންކުތަކާއި މާލީ އިދާރާތަކުން
މިހާރުވެސް އެކި ހުށަހެޅުންތަކުގައި ބައިވެރިވެފައިވާ ކަން އެމްއެސްއީއިން
ފާހަގަކުރެ އެވެ. އަދި އިތުރު ބޭންކުތަކުން ވެސް އެ ޕްލެޓްފޯމް މެދުވެރިކޮށް
އިންވެސްޓްކުރުމަށް ވިސްނަމުންދާކަމަށް އެކުންފުނިން ބުންޏެވެ.
'ވިޔަނަ' އަކީ 'އެންޑް-ޓު-އެންޑް' ޑިޖިޓަލް ޕްލެޓްފޯމެކެވެ. އެ
ޕްލެޓްފޯމު މެދުވެރިކޮށް ސެކިއުރިޓީޒް ދޫކުރުމާއި،
އިންވެސްޓަރުން ސަބްސްކްރައިބްކުރުމާއި، ހިއްސާ/ސެކިއުރިޓީ ބެހުމާއި، މައުލޫމާތު ހާމަކުރުމުގެ
ކަންކަން މެނޭޖުކުރެވޭނެ އެވެ. އަދި ސެކިއުރިޓީ ދޫކުރާ ފަރާތްތަކަށާއި، އާންމު އިންވެސްޓަރުންނަށް
އަދި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށް ވަކިވަކި ރަޖިސްޓްރޭޝަން މަގުތައް އެ
ޕްލެޓްފޯމުގައި ވަނީ ފަހިކޮށްދީފަ އެވެ.
'ވިޔަނަ'
ބޭނުންކުރާ ވިޔަފާރިއަކަށް، ފައިދާ ލިބޭނެ މިންވަރާއި، ފައިސާ އަނބުރާ ދައްކާނެ މުއްދަތާއި،
އަދި ބޭނުންވާ ހާލަތްތަކުގައި ރަހުނުގެ ޝަރުތުތައް ހިމެނޭ ގޮތަށް ދަރަނީގެ ސެކިއުރިޓީ
ދޫކުރެވިދާނެ އެވެ. ހަމައެކަނި އިންވެސްޓުމަންޓުގެ ފައިދާއަށް ބެލުމުގެ ބަދަލުގައި އިންވެސްޓަރުން އެ
ހުރިހާ ޝަރުތަތައް ރަނގަޅަށް ބަލަންޖެހެ އެވެ. އެ ޝަރުތުތަކުގެ ތެރޭގައި ފައިސާ ދައްކަންޖެހޭ
ސުންގަޑިތަކާއި އިންވެސްޓްމަންޓާ ގުޅިފައިވާ ރިސްކުތައް ހިމެނޭނެ އެވެ.
'ވިޔަނަ' ސެކިއުރިޓީޒްގެ އެވަރެޖް
ސަބްސްކްރިޕްޝަން އަދަދު 85 ޕަސެންޓަށް ވުރެ އިތުރުވެފައި ވާއިރު، ގިނަ ހުށަހެޅުންތަކަށް
ވަނީ އެދިފައިވާ މިންވަރަށް ނުވަތަ އެއަށްވުރެ އިތުރަށް ވެސް ސަބްސްކްރައިބްކޮށްފަ
އެވެ. އެ ސެކިއުރިޓީޒްތަކުން އަހަރަކު އެވަރެޖްކޮށް ގާތްގަނޑަކަށް 8 ޕަސެންޓުގެ
ރިޓާނެއް ލިބެ އެވެ. މިއީ މިހާތަނަށް އެވަރެޖްކޮށް، ލިބިފައިވާ ފައިދާއަށް ވިޔަސް، ކުރިއަށް އޮތް ތަނުގައި އެ އަދަދުގެ ފައިދާއެއް ލިބޭނެކަން ޔަގީނެއް ނުކޮށްދެ
އެވެ. އެހެންވެ، އިންވެސްޓަރުން ސަބްސްކްރައިބްކުރުމުގެ ކުރިން، އިންވެސްޓަރުން ސެކިއުރިޓީ
ދޫކުރާ ފަރާތުގެ މާލީ ހާލަތާއި ހުށަހެޅުމުގެ މައުލޫމާތުތައް ދިރާސާކުރުން
މުހިންމެވެ.
އެމްއެސްއީ އަދި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ
(އެމްއެސްޑީ) ގްރޫޕް ސީއީއޯ އައުޝަން ލަތީފް ވިދާޅުވީ، 'ވިޔަނަ' ޕްލެޓްފޯމުގެ ހަގީގީ
ކާމިޔާބީ އަކީ ކުރިން ކެޕިޓަލް މާކެޓަށް ވިސްނާފައިނުވާ ކުންފުނިތަކުންވެސް މިހާރު
ކެޕިޓަލް ހޯދުމަށް އެ ޕްލެޓްފޯމު ބޭނުން ކުރުމަށެވެ. އަދި އެކުންފުނިން
ޕްލެޓްފޯމާއި އިންފްރާސްޓްރަކްޗާ ގާއިމުކޮށްދީފައި ވާއިރު، އެކުންފުނީގެ
އުއްމީދަކީ އިތުރު، ގިނަ ވިޔަފާރިތަކާއި އިންވެސްޓަރުން އެ ޕްލެޓްފޯމުގެ ބޭނުން
ހިފުން ކަމަށް ވިދާޅުވި އެވެ.
އެމްއެސްއީ އަދި އެމްއެސްޑީ އިން މާކެޓަށް ބޭނުންވާ
އިންފްރާސްޓްރަކްޗަރ ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި އިޝޫކުރާ ފަރާތްތައް ރަޖިސްޓްރީކުރުމާއި، އިންވެސްޓަރުން
އޮންބޯޑުކުރުމާއި، ސައްހަކަން ކަށަވަރުކުރުމާއި އަދި މުއާމަލާތްތަކުގެ ރިޕޯޓިން
ހިމެނެ އެވެ. އެ ޕްލެޓްފޯމް ހިންގަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
(ސީއެމްޑީއޭ) އިން ފާސްކޮށްފައިވާ އުސޫލުތަކުގެ ދަށުންނެވެ. އަދި އެމްއެސްޑީ އިން ވިޔަނަ
ސެކިއުރިޓީޒްގެ ރަޖިސްޓްރާ އަދި ޕޭއިން އޭޖެންޓުގެ ދައުރު ވެސް އަދާކުރެ އެވެ.
މިހާތަނަށް އިންވެސްޓަރުންނަށް އިންޓްރެސްޓާއި ފައިދާގެ
ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ދިވެހި ރުފިޔާ ޖަމާކޮށްދީފައި ވާއިރު،
ދޫކުރެވުނު 12 ސެކިއުރިޓީޒްގެ ތެރެއިން އެއްވެސް ސެކިއުރިޓީއަކުން ތާވަލާ
އެއްގޮތަށް ފައިސާ ދެއްކުމުގައި ޑިފޯލްޓްވެފައި ނުވާކަން އެމްއެސްއީއިން
ފާހަގަކުރެ އެވެ. އެމްއެސްއީއިން ބުނީ އެ
ރެކޯޑުގެ ސަބަބުން އަލަށް ދޫކުރާ ކޮންމެ ސެކިއުރިޓީއެއްގެ ރިސްކުތަކާއި ފައިސާ
އަނބުރާ ދެއްކުމުގެ ޝަރުތުތައް ވަޒަންކުރުމުގެ މުހިންމުކަން ކުޑަނުދޭކަމަށެވެ.
'ވިޔަނަ'އިގެ މަސައްކަތްތައް އިތުރަށް ތަރައްގީކުރުމަކީ އެމްއެސްއީ
އާއި އެމްއެސްޑީގެ ސްޓްރެޓީކްޖިކް ޕްލޭނާއި ގުޅިފައިވާ މުހިންމު މަސައްކަތެކެވެ.
އެގޮތުން އަންނަ އަހަރަށް އެމްއެސްއީއިން އިތުރު ތިން ސެކިއުރިޓީއެއް
ތައްޔާރުކުރަމުން ދާއިރު، އިތުރު ކުންފުނިތަކުން ވެސް އެ ޕްލެޓްފޯމު ބޭނުން
ކުރުމަށް ހުރި ފުރުސަތުތައް ދަނީ ހޯދަމުންނެވެ.
ދިގު މުއްދަތުގެ އެ ސްޓްރެޓީޖީގެ ތެރޭގައި ކުދި
ކުންފުނިތަކަށް ފުރުސަތުތައް ހޯދައިދިނުމަށްޓަކައި "ވިޔަނަ ގްރޯތު ބޯޑު"
އެކުލަވާލުން ހިމެނެއެވެ. އަދި ވިޔަފާރިތަކަށް
އިތުރު ކެޕިޓަލް ހޯދުމުގެ މަގުތައް ފަހިކޮށްދިނުމަށްޓަކައި، ދެމެހެއްޓެނިވި
ފައިނޭންސިން ފުރުސަތުތައް ތަރައްގީކުރުމަށް އެމްއެސްއީ އިން ދަނީ ކަމާބެހޭ
ފަރާތްތަކާއި އެކު މަސައްކަތް ކުރަމުންނެވެ.
ކުންފުނިތަކުން ވިޔަފާރި ފުޅާކުރުމުގެ ޕްލޭންތައް ރާވަމުން
ދާއިރު، 'ވިޔަނަ' އަކީ ފައިނޭންސިންއަށް އިތުރު މަގެއް ހޯދައިދޭނެ ފުރުސަތެއް
ކަމަށް އެމްއެސްއީއިން ބުންޏެވެ. ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް 'ވިޔަނަ'
މެދުވެރިކޮށް ރަޖިސްޓްރީކޮށް، ދޫކުރެވޭ އޮފަރިންތަކުގެ މައުލޫމާތު ހޯދޭނެ އެވެ.