21 އެޕްރީލް 2017 - 16:40

ނިޔޯން، ސްވިޒަލެންޑް (އޭޕްރިލް 21) – ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި، މިދިޔަ ސީޒަނުގެ ފައިނަލުގައި ވާދަކުރި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް އަދި ޔުވެންޓަސް އާއި މޮނާކޯ ބައްދަލުކުރަން ޖެހިއްޖެ އެވެ.
ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނީ އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިނުގެ ސެލްޓާ ވީގޯ އަދި ނެދަލެންޑްސްގެ އަޔަކްސް އާއި ފްރާންސުގެ ލިޔޯން އެވެ.
މެޑްރިޑަށް ނިސްބަތްވާ ދެ ކްލަބުން 2014 ވަނަ އަހަރާއި މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރި އިރު ދެ ފަހަރު ވެސް ކުރީ ހޯދީ ރެއާލް މެޑްރިޑެވެ.
ބަޔާން މިއުނިކުގެ މައްޗަށް ކުރި ހޯދުމަށް ފަހު ސެމީ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދިއިރު އެތުލެޓިކޯ ސެމީން ފުރުސަތު ހޯދީ އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ ފަހަތަށް ޖައްސާލުމަށް ފަހު އެވެ.
ބާސެލޯނާއާ ވާދަކޮށް ސެމީ ފައިނަލުން ފުރުސަތު ހޯދި ޔުވެންޓަސް އަކީ މުބާރާތުގެ ޑިފެންސް ރެކޯޑް އެންމެ ރަނގަޅު ޓީމެވެ. އަނެއްކޮޅުން މޮނާކޯ އަކީ އެޓޭކިން ވަރަށް ވަރުގަދަ ޓީމެކެވެ. މުބާރާތުގެ ނޮކްއައުޓް ބުރުގައި ޔުވެންޓަސް ކޮޅަށް ގޯލެއް ވަދެފައިނުވާއިރު މޮނާކޯ އިން ވަނީ ނޮކްއައުޓް ބުރުގައި 12 ގޯލް ޖަހައިފަ އެވެ. އެހެންކަމުން މިއީ ޑިފެންސާއި އެޓޭކުގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކުރެވެ އެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗުގައި މޭ 2 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑެވެ. މި މެޗު އޮންނާނީ ރެއާލް މެޑްރިޑުގެ ސްޓޭޑިއަމުގަ އެވެ. މޭ 3 ވަނަ ދުވަހުގެރޭ މޮނާކޯ އާއި ޔުވެންޓަސް ބައްދަލުކުރާނީ މޮނާކޯގެ ދަނޑުގަ އެވެ.
ދެ ވަނަ ލެގުގައި މޭ 9 ވަނަ ދުވަހުގެރޭ ޔުވެންޓަސް އާއި މޮނާކޯ ބައްދަލުކުރާއިރު މެޑްރިޑުގެ ދެ ކްލަބުގެ ދެ ވަނަ ލެގު އޮންނާނީ މޭ 10 ވަނަ ދުވަހުގެރެ އެވެ.
ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގު މޭ 4 ވަނަ ދުވަހުގެރޭ އޮންނައިރު ދެ ވަނަ ލެގު އޮންނާނީ މޭ 11 ވަނަ ދުވަހުގެރެ އެވެ. އަޔަކްސް އާއި ލިޔޯންގެ ފުރަތަމަ ލެގު އަޔަކްސްގެ ދަނޑުގައި ކުޅޭއިރު މެންޗެސްޓާ ޔުނައިޓެޑާއި ސެލްޓާގެ ފުރަތަމަ ލެގު އޮންނާނީ ސެލްޓާގެ ދަނޑުގަ އެވެ.