މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް
ބަދަލުކުރުމަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށާއި އުފެއްދުންތެރިކަން މައްޗަށް
ގެންދިއުމަށާއި ވިޔަފާރިތައް ކުރިއަށްގެންދިއުމަށް، ހުރިހާ ގޮތަކުންވެސް މިހާރަށް
އެންމެ މުހިންމު މަޝްރޫއޫކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ
އެވެ.

މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން
ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންގެންދާ މަސައްކަތް ބައްލަވާލެއްވުމަށް މިއަދު
ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ރައީސް ވިދާޅުވީ މި މަސައްކަތް
ސަރުކާރުގެ ހުރިހާ ފަރާތްތަކާއި އަދި މިކަމުގައި އެހީތެރިކަންދޭ ބޭރުގެ
ފަރާތްތަކާއެކުގައި ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށެވެ.

އަދި މި މަސައްކަތުގައި ރެޔާއި ދުވާލު
ވަރަށް ބުރަކޮށް ހަރަކާތްތެރިވާ ކަމާބެހޭ ސަރުކާރުގެ މިނިސްޓްރީތަކާއި
ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން ކުރައްވަމުން ގެންދަވާ އަގުހުރި
މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކަށް އެމަނިކުފާނު ޝުކުރު ދެންނެވި އެވެ.

ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން
ކުރަމުން އަންނަ މި މަސައްކަތުގެ ދަށުން ވަސީލަތް ފުރިހަމަ ޕޯޓެއްގެ ގޮތުގައި،
އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް
ގެނެވޭނޭކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ކުރިން ދެއްވައިފަ އެވެ.

ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު
ބަދަލުކުރުމުގެ މަސައްކަތުގައި، އެތެރޭގެ އުޅަނދުފަހަރަށް ހާއްސަ ކީ-ވޯލްގެ
ފުރަތަމަ 100 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ބިންގަނޑު
އެއްވަރުކޮށް މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެތެރޭގެ
ކީ-ވޯލްގެ ހިއްކި ސަރަޙައްދު ބެކްފިލް ކުރުމުގެ ގާތްގަނޑަކަށް 40 އިންސައްތަ
މަސައްކަތް ވަނީ ނިމިފަ އެވެ. އަދި ކީ-ވޯލަށް ބޭނުންވާ ޕްރީކާސްޓް ކޮންކްރީޓް
ބްލޮކްތައް ސައިޓުގައި އުފެއްދުމުގެ މަސައްކަތާއި، ބޭނުންވާ މެޝިނަރީއާއި
ވަސީލަތްތައް ހޯދުމުގެ އިތުރުން ޓާމިނަލް އިމާރާތްތައް އަޅާނެ ކޮންޓްރެކްޓަރަކު
ހޮވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރިއަށެވެ.

ތިލަފުށީގައި ގާއިމުކުރެވޭ 60
ހެކްޓަރުގެ ޖާގައިގެ މި ބަނދަރު ހުޅުވޭއިރު އަހަރަކު 390،000 ޓީއީޔޫ ކެޕޭސިޓީގައި
ކޮންޓެއިނަރު ގެންގުޅުމުގެ ޖާގަހެދޭނެ އެވެ. އަދި މުޅި މަޝްރޫއު ނިމިގެންދާއިރު މި
އަދަދު އަހަރަކު 1.8 މިލިއަން ޓީއީޔޫ އަށް ކޮންޓެއިނަރުގެ ކެޕޭސިޓީ އިތުރުކުރެވޭނެ
އެވެ. ބަނދަރު ހުޅުވާނީ ފުން މިނުގައި 14.6 މީޓަރު ހުންނަ ބައިނަލްއަގުވާމީ
ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 375 މީޓަރު ދިގު ކީ-ވޯލަކާއެކުގަ އެވެ. މި ކީ-ވޯލް
1.4 ކިލޯމީޓަރަށް ދިގުކުރުމުގެ ޖާގައޮންނާނެ އެވެ.

މީގެ އިތުރުން މި ބަނދަރުގައި
ޑޮމެސްޓިކް އުޅަނދުފަހަރަށް ހާއްސަ ގާތްގަނޑަކަށް ދެ ކިލޯމީޓަރަށް ވުރެ ދިގު
ކީ-ވޯލެއް ހެދޭނެ އެވެ. އަދި މި ބަނދަރުގައި ގާއިމުކުރެވޭ ބައިނަލްއަގުވާމީ
ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 375 މީޓަރު ދިގު ކީ-ވޯލް ހެދުމާއެކު، މުދާ
ބަރުކޮށް ބާލައިހެދުން ގާތްގަނޑަކަށް ދެ ދުވަހުގެ ޓަރން އަރައުންޑް ޓައިމްއަކަށް
ކުރުކުރެވޭނެ ކަމަށް އަންދާޒާކުރެވެ އެވެ. މާލޭ ވިޔަފާރި ބަނދަރުގައި
އުޅަނދުފަހަރުން މުދާ ބަރުކޮށް ބާލައި ހެދުމުގެ މި ޚިދުމަތް ދިނުމަށް މިހާރު ހަތް
ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެ އެވެ. ބަނދަރު ހުޅުވޭއިރު
ޝިޕް-ޓު-ޝޯ ދެ ކީ ކެރޭނާއި އެއް މޮބައިލް ހާބަރު ކެރޭނު ގާއިމުކުރެވޭނެ އެވެ.