ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި އެ ކޮލެޖުގެ ދަސްވެނިވުން ހަފްލާ ފަށައިގެން ކުރިއަށް ދާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
އެ ކޮލެޖުން ބުނީ މި އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ތާވަލުކޮށްފައި ވަނީ ދެ ދުވަހުގެ މަތިން އެކި ދަންފަޅިތަކަށް ބަހާލައިގެން ކަމަށެވެ. އިއްޔެ އެ ހަފްލާ ފަށާފައި ވާއިރު، ދަސްވެނިވުމުގެ ހަފްލާގެ އެންމެ ފަހު ދަންފަޅި ތާވަލުކޮށްފައި ވަނީ މިރެއަށެވެ.
މިއަހަރުގެ ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާގައި، އެ ކޮލެޖުގެ އެކި ޕްރޮގުރާމުތައް ފުރިހަމަކުރި 1،237 ދަރިވަރުން ދަސްވެނިވާނެ ކަމަށް އެކޮލެޖުން ބުންޏެވެ. އޭގެ ތެރެއިން 70 ޕަސެންޓަކީ އަންހެން ދަރިވަރުންނެވެ.
އެ ކޮލެޖުން ބުނީ މިއަހަރު ދަސްވެނިވާ ދަރިވަރުންގެ 60 ޕަސެންޓަކީ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތައް ފުރިހަމަކުރި ދަރިވަރުން ކަމަށެވެ. ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާގެ ފުރަތަމަ ދުވަސް ހާއްސަކޮށްފައި ވަނީ ވެސް އެ ޕްރޮގުރާމުތައް ފުރިހަމަކުރި ދަރިވަރުންނަށެވެ.
މިއަދު އޮންނަ ސެޝަންތަކުގައި ދަސްވެނިވާނީ އެ ކޮލެޖުން އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްއާ ގުޅިގެން ހިންގާ ޕްރޮގުރާމުތަކުގެ ދަރިވަރުންނެވެ.
އިއްޔެ އޮތް ހަފްލާގެ ފުރަތަމަ ދަންފަޅީގައި ދަސްވެނިވީ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ދަރިވަރުންނެވެ. އެ ދަންފަޅީގައި މާސްޓާ އޮފް ޓީޗިން އިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބެޗުން ދަސްވެނިވި ދަރިވަރުންނަށް ވެސް ވަނީ ސެޓްފިކެޓު ދީފަ އެވެ. އެ ދަންފަޅީގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދެވެ.
އެ ރަސްމިއްޔާތުގައި ހީނާ ވިދާޅުވީ، ގައުމެއްގެ ދިރުން ބިނާވަނީ އެ ގައުމެއްގެ ތެރޭގައި އިލްމީ އަދި ފިކުރީ
ސިކުނޑިތައް އުފެދެމުންދާ މިންވަރެއްގެ މައްޗަށް ކަމަށެވެ. އެހެންވެ، ގައުމުގެ އީޖާދީ
އަދި ފިކުރީ ވިސްނުންތަކެއްގެ މައްޗަށް ދެމެހެއްޓުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު
އެޅިފައިވަނީ ކުދިން ތަރުބިއްޔަތުކޮށް އުނގަންނައިދޭ މުދައްރިސުންގެ މައްޗަށް
ކަމަށް ވިދާޅުވި އެވެ.
އިއްޔެ އޮތް ދަސްވެނިވުމުގެ ހަފްލާގެ ދެ ވަނަ ދަންފަޅީގައި ދަސްވެނިވީ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ އާއި
ގާސިމް އިބްރާހީމް ސްކޫލް އޮފް ބިޒްނަސްގެ ދަރިވަރުންނެވެ. އެ ދަންފަޅީގައި އެ ކޮލެޖުގެ މާސްޓަ އޮފް އިންޖިނިއަރިންގެ އިލެކްޓްރިކަލް، މެކޭނިކަލް އަދި މެކަޓްރޯނިކްސް ސްޕެޝަލައިޒޭޝަނުގެ ފުރަތަމަ ބެޗު ވެސް ވަނީ ދަސްވެނިވެފަ އެވެ.
އެ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ތަސައްވުރު ހާސިލް ކުރެވޭނީ،
ގައުމުގެ ތަރައްގީއަށް ބޭނުންވާ މައިގަނޑު ދާއިރާތަކުން ދިވެހި ދަރިން
ތަމްރީނުކޮށް ބިނާކޮށްގެން ކަމަށެވެ. އަދި ގައުމީ ތަރައްގީ އަށް ބޭނުންތެރި ދާއިރާތައް
ދެނެގަނެ، އެ ދާއިރާތަކުން ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު
ފޯރުކޮށްދިނުމަށް ވިލާ ކޮލެޖުން ކުރާ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިއްޔެ އޮތް ހަފްލާގެ ތިން ވަނަ ދަންފަޅީގައި ދަސްވެނިވީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް، ސެންޓަ ފޯ
ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އަދި ސްކޫލް އޮފް
ސައިކޮލޮޖީ އެންޑް ކައުންސެލިންގެ ދަރިވަރުންނެވެ. އެ ދަންފަޅީގައި މާސްޓާ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ އަދި ބެޗްލާ އޮފް ފާމަސީ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.
އެ ދަންފަޅީގެ ޝަރަފްވެރި
މެހެމާނަކީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ވިލާ
ކޮލެޖުން ސިއްހީ ދާއިރާއަށް 2،000އަށް ވުރެ ގިނަ ގްރެޖުއޭޓުން ނެރެދީފައިވާ
ކަމަށް ވިދާޅުވެފަ އެވެ. އަދި އެކޮލެޖުން ދަރިވަރުންނަށް އުގަންނައި ދިނުމަށް ޒަމާނީ ވަސީލަތްތަކުގައި ބޮޑެތި
އިންވެސްޓްމަންޓްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
އެ ދަންފަޅީފައި އެ ކޮލެޖުން އަލަށް ފަށަން ރާވާފައިވާ ޕްރޮގުރާމުތައް ވެސް ވަނީ އިއުލާނުކޮށްފަ އެވެ. އެއީ:
ގާނޫނީ ދާއިރާއިން ޕޮލިސިން، ކްރިމިނޮލޮޖީ،
ކްރިމިނަލް އިންވެސްޓިގޭޝަން، އަދި ރާއްޖޭގައި ގާނޫނީ ޕްރެކްޓިސް ކުރުމުގެ
ލައިސަންސް ހޯދުމަށް ދަރިވަރުންނަށް މަގުފަހިކޮށްދޭ ސީއެލްޓީޕީ ޕްރޮގްރާމު- ސިއްހީ ދާއިރާއިން ނާސިންގެ އެކި ސްޕެޝަލައިޒޭޝަންތަކާއި، ފިޒިއޮތެރަޕީ، ސްޕީޗް ތެރަޕީ، ލެބޯޓަރީ ސައިންސް، އަދި މާސްޓާ އޮފް ކްލިނިކަލް ފާމަސީ.
- ސައިކޮލޮޖީގެ ދާއިރާއިން ފޮރެންސިކް ސައިކޮލޮޖީ އާއި ހެލްތު ސައިކޮލޮޖީގެ މާސްޓަރސް ސްޕެޝަލައިޒޭޝަންތަކާއި، ސޯޝަލް ވޯކް ޕްރޮގްރާމް.
ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާގައި އެ ކޮލެޖުގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ވިދާޅުވީ، ދަސްވެނިން
ރަމްޒުކޮށްދެނީ އާއިލާތަކުގެ އުއްމީދާއި، އިލްމު ހޯދުމަށް ކުރި ގަދަ ހިތްވަރާއި
ގުރުބާނީ ކަމަށެވެ. އަދި ކޮންމެ
ދަސްވެނިއަކު ވެސް އިސްލާމީ މަތިވެރި އަގީދާގައި ސާބިތުވެ ހުރި، ދިވެހިންގެ
ސަގާފަތަށް އިހްތިރާމްކުރާ، ތެދުވެރި ދިވެއްސަކަށް ވުމަށް ރެކްޓާ ގޮވާލެއްވި އެވެ.
އެ ރަސްމިއްޔާތުގައި ވައިސް
ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވީ މި
އަހަރުގެ ދަސްވެނިންނާއި އެކު ވިލާ ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ ޖުމްލަ އަދަދު
27،000 އަށްވުރެ މައްޗަށް އަރާފައިވާކަމަށެވެ. އަދި މި ދަސްވެނިންނަކީ
މުޅި ރާއްޖޭގައާއި ރާއްޖެއިން ބޭރުގައިވެސް ފެތުރިފައިވާ ވަރުގަދަ ނެޓްވޯކެއްކަން
ފާހަގަކުރައްވައި، އެ އަދަދުތަކަކީ ދިވެހިންނަށް އަމިއްލަ ގައުމުގައި ތިބެގެން
ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމަށް ވިލާ ކޮލެޖުގެ ބާނީ، ޑރ. ގާސިމް އިބްރާހީމް ގެންގުޅޭ ތަސައްވުރު ހަގީގަތަކަށް ވަމުންދާކަމުގެ ހެއްކެއް
ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެ ހަފްލާގެ ވިލާ ކޮލެޖަށް ލިބިފައިވާ ބައިނަލްއަގުވާމީ ގިނަ ކާމިޔާބީތަކަށް
އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ރާއްޖޭގައި ހުރި ހުރިހާ
ޔުނިވާސިޓީ، ކޮލެޖު އަދި އިންސްޓިޓިއުޓްތަކުގެ ތެރެއިން ކިއުއެސް ފައިވް ސްޓާ އެކްސެލެންޓް ރޭޓިން ހާސިލްކޮށްފައިވާ ހަމައެކަނި މުއައްސަސާއަކީ ވިލާ ކޮލެޖު
ކަމަށެވެ. އަދި ޓައިމްސް ހަޔާ އެޑިއުކޭޝަންގެ ސަސްޓެއިނަބިލިޓީ ރޭޓިން ގައި
ވޭތުވެދިޔަ އަހަރު 401–600 ގެ ބޭންޑުގައި ހިމެނުނު ވިލާ ކޮލެޖު، މި އަހަރު ވަނީ
301–400 ގެ ބޭންޑަށް ކުރިއެރިކަން ފާހަގަކުރެއްވި އެވެ. ހާއްސަކޮށް، ފެންވަރު ރަނގަޅު ތައުލީމު
ފޯރުކޮށްދިނުމުގެ ދާއިރާއިން (އެސްޑީޖީ 4) ދުނިޔޭގެ ޓޮޕް 100 މުއައްސަސާގެ
ތެރޭގައި ވިލާ ކޮލެޖު ހިމެނިފައިވާކަން ޑރ. ނަޖީބު ފާހަގަކުރެއްވި އެވެ.
މި
އަހަރު ވިލާ ކޮލެޖުން އަލަށް ތައާރަފް ކުރި މުހިންމު ދެ ޕްރޮގުރާމު ފާހަގަކުރެއްވި އެވެ. އެއީ ދަސްވެނިވާ ދަރިވަރުންގެ ފަރާތުން
މުޖުތަމައަށާއި ސިނާޢަތްތަކަށް ޢަމަލީ ގޮތުން ފައިދާހުރި ކަންކަން ކުރުމުގެ
މާހައުލެއް ފަހިކޮށްދޭ 'ގްރެޖުއޭޓް އިމްޕެކްޓް ސެމިސްޓާ' އާއި އެކަޑެމިކް ގާބިލިއްޔަތުގެ އިތުރުން ކްލާސްރޫމުން ބޭރުން ދަރިވަރުން ހޯދާ ތަޖުރިބާތަކާއި ހަރަކާތްތައް، ފާހަގަކޮށްދޭ 'ގްރެޖުއޭޓް ލާނިން ޕްރޮފައިލް' އެވެ.