މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް
އުފެއްދުމާއި އެ ކުންފުނީގެ މިލްކުވެރިކަމާއި ފައިނޭންސް ކުރުމާއި އަދި ހިންގުމާ
ގުޅޭ ކަންކަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މާވަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ޝާކިރު ހުށަހެޅުއްވި އެ މައްސަލައިގައި ބުނީ، މޯލްޑިވްސް ޕޯޓް ޑިވެލޮޕްމެންޓް ލިމިޓެޑް އުފައްދާފައިވަނީ ސަރުކާރު ހިއްސާވަ ތިން ކުންފުނި ކަމުގައިވާ އެމްޕީއެލް، އެސްޓީއޯ އަދި އެޗްޑީސީގެ ހިއްސާ ހިމެނޭ ގޮތަށް ކަމަށެވެ. ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއް ގުޅިގެން ވަކި ކުންފުންޏެއް އުފެއްދުމަކީ ދައުލަތުގެ މާލިއްޔަތާއި ކުންފުނިތައް ހިންގުމުގެ އުސޫލުތަކާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާ ގުޅޭ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށް ޝާކިރު ވިދާޅުވެ އެވެ.

އެ ކުންފުނި އުފައްދާފައިވަނީ މިދިޔަ އޮގަސްޓް 24 ވަނަ ދުވަހު އެވެ.

ކުންފުނިތަކާ ބެހޭ ގާނޫނުގެ ދަށުން މިފަދަ ކުންފުންޏެއް އުފެއްދުމުގެ ގާނޫނީ ހުއްދަ އޮތް ނަމަވެސް އެއީ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަމެއް ކަމަށް ޝާކިރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

އެސްއޯއީ ކޮމިޓީއަށް ހުށަހެޅި އެ މައްސަލައިގައި ދިރާސާކޮށް ތަހުގީގު ކުރުމަށް 11 ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ ހިއްސާ ހިމެނޭ ކުންފުނިތަކުން ދޭން ނިންމާފައިވާ ކެޕިޓަލްގެ އަދަދާއި މުދަލާއި ގެރެންޓީ އާއި ލޯނު ފަދަ މައުލޫމަތުތައް ހޯދުމަށް އެދިފައިވެ އެވެ. 

އެސްއޯއީ ކޮމިޓީއިން ބެލުމަށް އެދިފައިވާ ކަންކަން

1. އެމްޕީއެލް، އެސްޓީއޯ
އަދި އެޗްޑީސީން މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް އުފައްދައި އިންވެސްޓްކުރުމުގައި
އަމަލުކޮށްފައިވާ ގާނޫނީ އިޖުރާއަތްތަކާއި ކުންފުނިތަކުގެ ބޯޑުން ދީފައިވާ ހުއްދަތައް.

2. ޕްރައިވެޓައިޒޭޝަން
އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި ފިނޭންސް މިނިސްޓްރީ ނުވަތަ ހުއްދަ
ހޯދަންޖެހޭ އެހެން އިދާރާއަކުން ހުއްދަ ހޯދާފައިވޭތޯ.

3. ކުންފުނި އުފެއްދުމާއި
އިންވެސްޓް ކުރުމަކީ ހިއްސާދާރު ތިން ކުންފުނީގެ ފާސްކޮށްފައިވާ ކޯޕަރޭޓް ޕްލޭންތަކުގައި
ހިމެނޭ ކަމެއްތޯ ބެލުން.

4. ކޮންމެ ހިއްސާދާރު
ކުންފުންޏަކުން ދީފައިވާ ނުވަތަ ދޭން އެއްބަސްވެފައިވާ ރައުސްމާލާއި މުދަލާއި ގެރެންޓީ އާއި ލޯނާއި މުވައްޒަފުން އަދި އެހެނިހެން ވަސީލަތްތަކުގެ ތަފުސީލު.

5. ކުންފުނި އުފެއްދުމަށް
ބޯޑުތަކުން ނިންމިއިރު ބަލާފައިވާ ވިޔަފާރީގެ މަންފާ އާއި ފީޒިބިލިޓީ ސްޓަޑީޒްތައް

6. ކުންފުނި އުފެއްދުމުގައި
ކުންފުނިތަކާ ބެހޭ ގާނޫނާއި ޕީސީބީގެ އުސޫލުތަކާއި މާލިއްޔަތު ގަވާއިދުތަކާއި ސަރުކާރު
ހިއްސާވާ ކުންފުނިތަކުން އަމަލުކުރަންޖެހޭ ކޯޕަރޭޓް ގަވަނަންސް އުސޫލުތަކާ އެއްގޮތަށް
އަމަލުކޮށްފައިވޭތޯ ބެލުން.

7. މެނޭޖިން ޑިރެކްޓަރާއި
ބޯޑު މެންބަރުން އައްޔަންކުރި ގޮތާއި އެކަމުގައި މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް
އޮތްތޯ ބެލުން.

8. ކުންފުނިން މުދަލާއި ހިދުމަތް ހޯދުމުގައި (ޕްރޮކިއުމަންޓް) އަމަލުކުރާ އުސޫލުތަކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކެކޭ
އެއްފަދަ ރައްކާތެރި އުސޫލުތަކެއްތޯ ބެލުން.

9. ކުންފުންޏަކީ
ޕީސީބީ އާއި އޮޑިޓަ ޖެނެރަލްގެ ބެލުމުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކުންފުންޏެއްތޯ ބެލުން.

10. މިފަދަ އޮނިގަނޑެއްގެ
ދަށުން ކުންފުނި އުފެއްދުމުގެ ސަބަބުން، ދައުލަތުގެ މުދަލާއި ހޭދަ އާއި ދަރަންޏާއި
ޕްރޮކިއުމަންޓް ކަންކަން، ސަރުކާރު ކުންފުނިތަކުން ޖަވާބުދާރީވާންޖެހޭ އާންމު ނިޒާމުން
ބޭރުވެފައިވޭތޯ ބެލުން.

11. މިހާރު ހިންގާ ތިން
ކުންފުންޏެއް ގުޅިގެން އިތުރު ކުންފުންޏެއް އުފެއްދުމަކީ، ކުންފުނިތައް މަދުކޮށް، ހިންގުން
ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ ފުށުއަރާ ކަމެއްތޯ ބެލުން.

މިކަމުގައި ގާނޫނާ ހިލާފު ކަމެއް ފާހަގަކުރެވިއްޖެ ނަމަ މަޖިލީހަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އެޅުމަށާއި އޮޑިޓަ ޖެނެރަލާއި އެންޓި ކޮރަޕްޝަން
ކޮމިޝަން ފަދަ އިދާރާތަކަށް ފޮނުވަންޖެހޭ ކަންކަން ފޮނުވައިދިނުމަށް ވެސް އެ މައްސަލައިގައި އެދިފައިވެ އެވެ.