ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ މައުލޫމާތު ޓެކްސް އިދާރާ، މީރާއިން ތައާރަފްކުރި މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް (އެމްޖީއައިއެސް) މެދުވެރިކޮށް އެއްތަނަކުން ލިބި، ދައުލަތުގެ މާލީ އިދާރާތަކާ ސީދާ ގުޅުވައިދޭ މަރުކަޒީ ނިޒާމެއް ގާއިމް ކުރެވިއްޖެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޖީއައިއެސް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޒަރީރު ވިދާޅުވީ، ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ސިނާއަތަށް ވާއިރު، އެ ދާއިރާގެ މައުލޫމާތަކީ
ސަރުކާރާއި ދައުލަތުގެ ގިނަ އިދާރާތަކަކުން ބޭނުންކުރާ މައުލޫމާތެއް ކަމަށެވެ. އެފަދަ މައުލޫމާތުތައް
ބަލަހައްޓާ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް އެ ސިސްޓަމްގެ ސަބަބުން ބޮޑު
ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެމްޖީއައިއެސް ސިސްޓަމް ތައާރަފުކުރުމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދައުލަތް
ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު، މޯލްޑިވްސް 2.0 ގެ ޑިޖިޓަލް ތަސައްވުރުގެ ދަށުން ހާސިލް ކުރެވުނު
މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

އޭނާ ވިދާޅުވީ އާ ސިސްޓަމްގެ
ސަބަބުން މީރާގެ މަސައްކަތްތަކަށްވެސް ކުރިއެރުންތައް ލިބެމުންދާތަން ފެންނަ ކަމަށާއި މީރާއަކީ އެފޯޓްލެސް ޓެކްސް ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރާ
މުއައްސަސާއެއްގެ ގޮތުގައި ދެމިއޮންނަން ޖެހޭ ކަމަށެވެ.

މި
ސިސްޓަމްގެ ސަބަބުން ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޮޑެތި
ފައިދާތަކެއް ކުރާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ. ހާއްސަކޮށް އަމިއްލަ ޕްރޮޕަޓީ
މެނޭޖްމަންޓް ސިސްޓަމެއް ނެތް ގެސްޓް ހައުސްތަކާއި ވިޔަފާރިތަކަށް، ޓޫރިސްޓުންގެ މައުލޫމާތު ބެލެހެއްޓުމަށް އެ ޕްލެޓްފޯމް ބޭނުން ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.