ޓެކްސް ދައްކާ ފަރާތްތަކަށް ހާއްސަކޮށް، ޓެކްސް އިދާރާ މީރާ އިން "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް"
(އެމްޖީއައިއެސް) ރަސްމީކޮށް ތައާރަފްކޮށްފި އެވެ.

އެ  ސިސްޓަމް ތައާރަފްކޮށްދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.

އެ ސިސްޓަމް ތައާރަފުކުރުމާ އެކު، ގްރީން ޓެކްސް އަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ވެސް ޓޫރިސްޓް އެސްޓެބްލިޝްމަންޓްތަކަށް
އަންނަ ޓޫރިސްޓުންގެ މައުލޫމާތު ހުށަހެޅޭނެ އެވެ.

މީރާއިން ބުނީ، އެ ސިސްޓަމުން މައުލޫމާތު ހުށަހެޅުމުން، މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހޭ މައުލޫމާތު އެ މިނިސްޓްރީއަށް ވެސް ހުށަހެޅުނީ ކަމުގައި ބެލެވޭނެ ކަމަށެވެ. މީރާއިން ބުނީ، އެ ސިސްޓަމުގެ ސަބަބުން، ޓޫރިސްޓް ފެސިލިޓީތަކުން މައުލޫމާތު
ހުށަހެޅުމުގެ އިލްތިޒާމު ފުރިހަމަކުރުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ. އެ ސިސްޓަމާއި ޓޫރިސްޓް ފެސިލިޓީތަކުގެ ސިސްޓަމާ
އިންޓަގްރޭޓްކުރުމުން، މައުލޫމާތު ހުށަހެޅުމަށް މެނުއަލްކޮށް ކުރަންޖެހޭ
މަސައްކަތްތައް ވެސް ނިމުމަކަށް ގެނެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ. 

އެ ސިސްޓަމަކީ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ
ސިސްޓަމެއް ކަމުގައި ވިޔަސް، ޓެކްސް ދައްކާ ފަރާތްތައް އޮންބޯޑް ކުރުމުގައި މީރާއިން އެކަން ކުރިއަށް ގެންދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ރިސޯޓްތަކާއި، ހޮޓާތަކާއި، އަދި 50 އެނދަށްވުރެ
މަތީގެ ގެސްޓްހައުސްތަކުން، އަންނަ ނޮވެމްބަރު މަހުން ފެށިގެން އެ ސިސްޓަމް
މެދުވެރިކޮށް ރިޕޯޓް ކުރަންޖެހޭނެ އެވެ. ގްރީން ޓެކުހަށް
ރަޖިސްޓަރީކޮށްފައިވާ އެހެނިހެން ފަރާތްތަކުން، އެ ސިސްޓަމް މެދުވެރިކޮށް ރިޕޯޓް ހުށަހަޅަން ޖެހޭނީ ޖެނުއަރީ 1، 2027 އިން ފެށިގެންނެވެ.

އެ ސިސްޓަމް ތައާރަފުކުރި ނަމަވެސް، ގްރީން ޓެކްސް
ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ސުންގަޑިތަކަށް އެއްވެސް
ބަދަލެއް ނާންނާނެ ކަމަށް މީރާއިން ބުންޏެވެ. އަދި ކުރިއެކޭ އެއްގޮތަށް ގްރީން ޓެކްސް ރިޓާން
ހުށަހެޅުމާއި ފައިސާ ދެއްކުން ކުރިއަށް ދާނީ "މީރާކަނެކްޓް"
މެދުވެރިކޮށެވެ. ނަމަވެސް، އާ ސިސްޓަމަށް މައުލޫމާތު ރިޕޯޓް ކުރުމުން، އެ
މުއްދަތުގެ ގްރީން ޓެކްސް ބަޔާނާ އެކު އިތުރު އިންފޮމޭޝަން ޝީޓެއް އަޕްލޯޑްކުރާކަށް
ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި ބަޔާން ހުށަހަޅާއިރު އެ މައުލޫމާތު ގްރީން ޓެކްސް
ބަޔާނަށް ޕްރީފިލް ކޮށްދޭނެ ކަމަށްވެސް މީރާއިން ބުންޏެވެ.