ޖަޒީރާ
ރާއްޖޭގެ އެކި އަތޮޅުތަކުގެ އެކި ރަށްތަކުގައި ދިރިއުޅޭ ދިވެހިން އެކަކު އަނެކަކާ
ގުޅައިދީ، ދުރު ކައިރި ކޮށްދިން ކުންފުންޏަކީ ދިރާގެވެ. އެއީ ދިވެހިންގެ
މުވާސަލާތީ ގުޅުމުގެ ފެށުމެވެ. އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސް ކުންފުންޏާ
އެކު ދިވެހި ސަރުކާރުން ވި އެއްބަސްވުމެއްގެ ދަށުން މޭ 1988 ގައި ރަޖިސްޓަރީ ކުރި
އެ ކުންފުނި، އެ އަހަރުގެ އޮކްޓޯބަރު މަހު ފަށައިގަނެ މުޅި ރާއްޖެ ގުޅުވައިދިނީ
ދިރާގެވެ.
އޭގެ ފަހުން، 1996 ވަނަ އަހަރު ރާއްޖެ ދުނިޔެއާ ގުޅައިދީ، ރާއްޖެއަށް ޑިޖިޓަލް
ދުނިޔެއެއްގެ ކުލަވަރު ދައްކައިދީ، އިންޓަނެޓު ހިދުމަތް ވެސް ތައާރަފް ކުރީ
ހަމަ ދިރާގުންނެވެ. އެ ކުންފުނިން މިއަދު ކާމިޔާބު 38 އަހަރު ފާހަގަކުރަމުން އަންނައިރު އަދިވެސް ދެމިއޮތީ ދިވެހިންނަށް އޭރު ދައްކައިދިން ޑިޖިޓަލް ކުލަވަރު
އިތުރަށް ގަދަކޮށް، ޑިޖިޓަލް ރާއްޖެއަކަށް ކުރާ ދަތުރުގެ އެންމެ ކުރީގަ އެވެ.

ކުންފުނި އެކުލަވާލުމަށް އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: ދިރާގު
ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކާ އެކު މިއަދުގެ
ޑިޖިޓަލް ދުނިޔޭގައި އެކި ދާއިރާތަކުން ގިނަ ފުރުސަތުތަކެއް ފަހިވެފައިވާއިރު، އެ ކުންފުނިން މަސައްކަތް ކުރަނީ އެ ފުރުސަތުތައް ދިވެހިންނަށް ހޯދައިދެވޭނެ
މަގުތައް ތަނަވަސްކޮށްދިނުމަށެވެ. އެގޮތުން ދިރާގުން ރާއްޖެއަށް މުވާސަލާތީ ހިދުމަތްތައް
އެންމެ ފުރިހަމަ އަށް ފޯރުކޮށްދިނުމަށް ދޭ ފައިބާ ބްރޯޑްބޭންޑާއި މުޅި ރާއްޖެއަށް
ފޯރުކޮށްދޭ މޮބައިލް ކަވަރޭޖާއި 5ޖީ ހިދުމަތުގެ އިތުރުން ކްލައުޑް ސޮލިއުޝަންތަކަކީ
ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން ދިރާގަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް
100ޕަސެންޓް ފައިބަ-ޓު-ދަ-ހޯމް ކަވަރޭޖް ފޯރުކޮށްދިން ފުރަތަމަ އަދި ހަމައެކަނި މުވާސަލާތީ
ހިދުމަތްދޭ ކުންފުންޏެވެ.
ދިރާގުން ރާއްޖޭގައި ފޯރުކޮށްދޭ މުވާސަލާތީ ހިދުމަތްތަކަކީ
ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ އެކި އެވޯޑު ލިބިފައިވާ ހިދުމަތްތަކެކެވެ.
އެގޮތުން އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑްސްއިން 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ
ތަފާސްހިސާބުތަކަށް ބަލައި، ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކް، އެންމެ ރަނގަޅު
5ޖީ ނެޓްވޯކް އަދި އެންމެ ފުރިހަމަ 5ޖީ ގޭމިން އެކްސްޕީރިއަންސްގެ މަގާމު ދިރާގުން
ވަނީ ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން އެއީ ރާއްޖޭގެ އެންމެ ފުރަތަމަ
'ޓިއާ 4 ސެޓިފައިޑް' ޑޭޓާ ސެންޓަރު ގާއިމުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ރައްކާތެރިކަމާއި
އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

ފޯނު ބޫތު ދޮށުގައި ހަދާފައިވާ ކިއޫއެއް. -- ފޮޓޯ: ދިރާގު
ސީ-މީ-ވީ6 ސަބްމެރިން ކޭބަލް ސިސްޓަމްގައި ބައިވެރިވެ،
ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ސިސްޓަމެއްގެ ކޮންސޯޓިއަމް މެންބަރަކަށްވި ފުރަތަމަ
ދިވެހި މުވާސަލާތީ ކުންފުނީގެ ޝަރަފާއެކު، ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް ދިރާގުން
ގެނުވި ތާރީހީ ބަދަލެކެވެ. ބައިނަލްއަގުވާމީ މި ވަރުގަދަ ގުޅުމުގެ ސަބަބުން އިންޓަނެޓްގެ
ސްޕީޑް އަވަސްވެ، ހިދުމަތުގެ އިތުބާރު ބޮޑުވުމުގެ އިތުރުން، ކްލައުޑް ސާވިސްތަކާއި
ޑިޖިޓަލް ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ މަގު ފަހިވެގެ އެވެ.
ދިރާގުން ރާއްޖޭގެ ޑިޖިޓަލް ތަރައްގީއަށް ކުރާ
އިންވެސްޓުމަންޓުތަކަކީ ރާއްޖޭގެ އިޖުތިމާއީ، އިގްތިސާދީ، ތައުލީމީ އަދި ސިއްހީ
ދާއިރާގެ އިތުރުން ފަތުރުވެރިކަމާއި އެކި ސިނާއަތްތައް ވެސް ތަރައްގީކޮށް
ފުޅާކުރުމަށް ހުޅުވައިދޭ ދޮރެކެވެ. އެ ކުންފުނީގެ އަމާޒަކީ ޖަޒީރާ ގައުމަކަށް ވުމުން
ރާއްޖެއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކަށް ޒަމާނީ، ޑިޖިޓަލް
ސޮލިއުޝަންތަކެއް ހޯދައިދިނުމެވެ.
ދިރާގުން މަސައްކަތްކުރަމުން އަންނަނީ އާޓިފިޝަލް އިންޓެލިޖެންސާއި ކްލައުޑް ޓެކްނޮލޮޖީ އާއި ޑޭޓާ-ޑްރިވަން ހިދުމަތްތައް މިހާރަށް ވުރެ ފުޅާކޮށް، 'ޑިޖިޓަލް ރާއްޖެ'އެއް ބިނާކުރުމެވެ. އެ ކުންފުނީގެ އަމާޒަކީ އެންމެ ފަހުގެ ޑިޖިޓަލް ސޮލިއުޝަންތައް ދިވެހިންނަށް ފޯރުކޮށްދީ، ދިވެހިންގެ ދިރިއުޅުން މިހާރަށް ވުރެ ފުރިހަމަވާނެ ޑިޖިޓަލް ސޮލިއުޝަންތަކާއި ދިވެހިންގެ ދިރިއުޅުން އިތުރަށް މުއްސަނދި ކޮށްދޭނެ އާ ފުރުސަތުތައް ޑިޖިޓަލް ދުނިޔޭގައި ހޯދައިދިނުމެވެ.