ތުރުކީއާ ގުޅިގެން އިޓަލީން 2034 ގައި ބާއްވާ ޔޫރޯގެ މެޗުތައް
ބާއްވަން 14 ސްޓޭޑިއަމެއް ޝޯޓްލިސްޓުކޮށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ޔުއެފާ
އަށް ހުށަހަޅައިފި އެވެ.
ޔުއެފާގެ ސްޓެންޑަޑަށް ފެތޭ ސްޓޭޑިއަމްތަކެއް ނެތުމުން
އިޓަލީ އަތުން މުބާރާތުގެ ހޯސްޓިން ރައިޓްސް އަތުލަފާނެ ކަމަށް ވެސް އޮތީ ވާހަކަ
ދެކެވިފަ އެވެ. އެކަމަކު އިޓަލީގެ ބައެއް ކްލަބްތަކުން އާ ސްޓޭޑިއަމް އަޅަން
ނިންމައި، މިހާރުގެ ބައެއް ސްޓޭޑިއަމްތަކުގެ ފެންވަރު މަތިކުރަން ނިންމާފައި އޮތުމުން
އެ ބިރެއް މިހާރު ނެތެވެ.
އިޓަލީން ހުށަހެޅީ 13 ސިޓީއަކުން 14 ސްޓޭޑިއަމެކެވެ. އޭގެ ތެރޭގައި
ހިމެނޭ މަޝްހޫރު ސްޓޭޑިއަމްތަކަކީ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމާއި، ނަޕޯލީގެ ޑިއޭގޯ
މަރަޑޯނާ އާއި، ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމެވެ. ދެން ހިމެނޭ ސިޓީތަކަކީ
ބޮލޯނިއާ، ކަލިއާރީ، ފްލޮރެންސް، ޖެނޯއާ، ލެއްޗޭ، ޕަލޭމޯ، ސަލޭނޯ، ބާރީ އަދި
ވެރޯނާ އެވެ.
ދެ ސްޓޭޑިއަމެއް ހިމެނެނީ ރޯމްގަ އެވެ. އޭގެ ތެރެއިން އެއް
ސްޓޭޑިއަމަކީ އަލަށް ބިނާކުރާ ޕިއެޓްރަލަޓާ ސްޓޭޑިއަމެވެ. މިލާނުން ސެންސީރޯގެ
ބަދަލުގައި ހުށަހަޅާފައި އޮތީ އޭސީ މިލާނާއި، އިންޓަ މިލާން ހިއްސާވާ ގޮތަށް
އަލަށް ބިނާކުރާ ސްޓޭޑިއަމެވެ.
ޔުއެފާ އިން މި
ސްޓޭޑިއަމްތަކުގެ ފެންވަރު ވަޒަންކޮށް ފޮނުމުން އޭގެ ތެރެއިން މުބާރާތް
ހޯސްޓްކުރާނެ ފަސް ސްޓޭޑިއަމެއް ނިންމާލީ އިޓަލީ ފެޑެރޭޝަނުންނެވެ.
އިޓަލީގައި އެންމެ ފަހުން ޔޫރޯ ބޭއްވީ
މުޅި ޔޫރަޕް ހިއްސާވެގެން 2021 ގައި ބޭއްވި ފަހަރުގަ އެވެ. އެ މުބާރާތުގައި
އިޓަލީގައި މެޗުތައް އޮތީ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގަ އެވެ. އެ ގައުމުގައި
އެންމެ ފަހުން ވޯލްޑް ކަޕް ބޭއްވީ 1990 ގަ އެވެ.