ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ޑެންމާކާ ދެކޮޅަށް ޕޯޗުގަލް
ކުޅޭ މެޗުން ވެސް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރުސަތު ނުދޭނެ ކަމަށް ކޯޗު
ޖޯޖް ޖީސަސް ބުނުމުން އެކަމާ ހިތްހަމަނުޖެހި ރޮނާލްޑޯ ޓީމުގެ ޓްރެއިނިން ކޭމްޕް
ދޫކޮށް ހިނގައްޖެ އެވެ.

އާދީއްތަ ދުވަހު ނޯވޭ އަތުން 2-1 އިން ޕޯޗުގަލް މޮޅުވި
މެޗުން ވެސް ރޮނާލްޑޯ އަށް ކޯޗު ފުރުސަތެއް ނުދެ އެވެ. ޑެންމާކް މެޗުގެ ކުރިން
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖީސަސް ބުނީ މި މެޗުގެ ފުރަތަމަ
އެގާރައިގައި ވެސް ރޮނާލްޑޯ ނުހިމެނޭނެ ކަމަށެވެ.

އޭގެ ފަހުން ރޮނާލްޑޯ އިންސްޓަގްރާމުގައި ލިޔުނު ގޮތުގައި ނޫސްވެރިންގެ
ބައްދަލުވުމުގައި ކޯޗު ދެއްކި ވާހަކަތަކާ ގުޅިގެން، ޕޯޗުގަލް ފުޓްބޯޅަ
ފެޑެރޭޝަނުގެ ރައީސްއާ ވާހަކަދެއްކުމަށް ފަހު ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕް
ދޫކޮށްދާން ނިންމާފައިވާ ކަމަށެވެ.

ރޮނާލްޑޯ ބުނީ އޭނާ އެ ޓީމަކަށް ސަތޭކަ ޕަސެންޓްދޭ ގައުމީ
ޓީމު ދޫކޮށް ދިޔަ ހަގީގީ ސަބަބުތައް ވަގުތު ޖެހުމުން ޕޯޗުގަލް ރައްޔިތުންނަށް
ކިޔައިދޭނެ ކަމަށެވެ.

"މިހާރު މިއީ ޓީމާއި ކުޅުންތެރިންނަށް ކާމިޔާބަށް އެދޭ
ވަގުތު،"

ޖީސަސް ބުނީ ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނުޖެހޭ
ކަމަށެވެ. އެކަމަކު ބެންޗުގައި އިންނަން ޖެހުމުން އޭނާ ހިތްހަމަނުޖެހިފައި ހުރި
ކަމަށް ޖީސަސް ބުންޏެވެ.

ރޮނާލްޑޯ އަށް ފުރުސަތު ނުދިނުމުން އޭނާގެ އާއިލާ ބައެއް
މެމްބަރުންނާއި، ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން
ފާޅުކުރަމުންނެވެ.

ނޯޥޭ މެޗުން ޕޯޗުގަލް މޮޅުވީ ރޮނާލްޑޯގެ ބަދަލުގައި ކުޅުނު
ގޮންސާލޯ ރާމޯސް ޖެހި ގޯލުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޖީސަސް ވަނީ ރޮނާލްޑޯ
އަށް އެ މެޗުގެ ވަކި ހިސާބަކުން ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު
ރާމޯސް ރަނގަޅަށް ކުޅޭތީ އާއި ރޮނާލްޑޯ މިހާރުގެ ސިސްޓަމަށް ނުފެތޭތީ ފުރުސަތު
ނުދިނީ އެވެ.

ޕޯޗުގަލްއަކީ ހަލުވި ކުޅުންތެރިންތަކެއް ތިބޭ
ޓީމަކަށްވާތީވެ، އެ ޓީމުގެ ގޭމްޕްލޭނަށް ރޮނާލްޑޯގެ މިހާރުގެ ލަސްކުޅުމުގެ
ސަބަބުން އަސަރުކުރާ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އެކަމަކު މިދިޔަ ވޯލްޑް
ކަޕާ ހަމަޔަށް ވެސް އޭނާ އައީ ފުލްކޮށް ކުޅެމުންނެވެ.

ރޮނާލްޑޯ ރިޓަޔާކުރަން ގާތްވެފައިވީ ނަމަވެސް އޭނާ މަތީ
ފެންވަރުގައި އަދިވެސް ކުޅެނީ 1000 ގޯލު ޖެހުމުގެ ރެކޯޑް ހެދުމުގެ އަމާޒުގަ އެވެ.
އޭނާގެ މިހާރުގެ ޖުމްލައަކީ 979 ގޯލެވެ.