ދުބާއީން ފުރައިގެން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީ ގެ ފްލައިޓެއް، ކޮކްޕިޓް ތެރޭގައި ޕައިލެޓުންގެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ކުއްލި ހާލަތުގައި ޖައްސައިފި އެވެ.
އެއާލައިނުން ވަނީ، ބޯޓުން ދަތުރުކުރި 174 އަށްވުރެ ގިނަ ފަސިންޖަރުންނާއި ކުރޫއިން އެއްވެސް ގެއްލުމެއް މި ހާދިސާގައި ވެފައި ނުވާކަން ކަށަވަރުކޮށްދީފަ އެވެ.
އެންމެ ފުރަތަމަ މި ހާދިސާ ރިޕޯޓްކޮށްފައިވަނީ ބޯޓު ހައިޖެޓްކުރީ ކަމަށެވެ. އެއީ ދަތުރުގެ މެދުތެރެއިން ކުއްލި ނުރައްކަލުގެ ސިގްނަލެއް ކަމަށްވާ "Squawk 7700" ފޮނުވުމަށް ފަހު، ބޯޓު ހައިޖެކްކޮށްފި ނަމަ ފޮނުވާ ބައިނަލްއަގުވާމީ ސިގްނަލް ކަމަށްވާ "Squawk 7500" ގެ ސިގްނަލް ފޮނުވުމުންނެވެ.
އެއާ އެކު، ބޯޓު ހައިޖެކްކުރީ ކަމަށް އޮތީ ބެލެވިފަ އެވެ.
އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ބުނިގޮތުގައި މި ސިގްނަލްތައް ފޮނުވަން މެދުވެރިވީ ބޯޓުގެ ކެޕްޓަނާއި ކޯ-ޕައިލެޓާ ދެމެދު ހިނގި ޒުވާބެއް ބޮޑުވެ، ކޮކްޕިޓް ތެރޭގައި ވަޅިން ހަމަލާދިނުމުގެ ސަބަބުންނެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ޕައިލެޓުންގެ ތެރެއިން އެކަކު ބޯޓު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ.
ބޯޓު ކުއްލިއަކަށް ތިރިއަށް މިސްރާބު ޖެހުމުން ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
ހައިޖެކް ސިގްނަލާ އެކު އިޒްރޭލުގެ އެއާފޯސްގެ ފައިޓާ ޖެޓްތައް ގޮސް ބޯޓަށް ފާރަވެރިވާން ފެށި އެވެ. އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވަގުތުން ސަލާމަތީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
މި ބޯޓުގައި އިޒްރޭލުގެ 100 އަށްވުރެ ގިނަ މީހުން ތިއްބެވެ. އަދި ސައުދީ އަރަބިއްޔާ އާއި އިޒްރޭލާ ދެމެދު ރަސްމީ ސިޔާސީ ގުޅުމެއް ނޯންނާތީ، ސައުދީގެ މިލިޓަރީ ބޭހެއް ހިމެނޭ ތަބޫކަށް ބޯޓު ޖެއްސުން ވެސް ވެގެންދިޔައީ ސިޔާސީ މައްސަލައަކަށެވެ.
ފްލައިދުބާއީގެ ސީއީއޯ ވިދާޅުވި ގޮތުގައި މި މައްސަލަ މިހާރު ވަނީ ހާއްސަ ކޮމިޓީއަކުން ތަހުގީގުކުރަން ފަށައިފަ އެވެ. އަދި ތަބޫކް އެއާޕޯޓުގައި ތާށިވެފައި ތިބި ފަސިންޖަރުން ބަލައި ދުބާއީން އެހެން ބޯޓެއް ސައުދީއަށް ދިއުމަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ. އިޒްރޭލުގެ އެލް އަލް އެއާލައިނުން ވެސް ވަނީ ފަސިންޖަރުން ގެނައުމަށް އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.