ރައީސް މިހާރު ފިޔަވަޅު އެ އަޅުއްވަނީ ބިރުފުޅުން: އިދިކޮޅު ޕާޓީތައް
ރައީސް މިހާރު ފިޔަވަޅު އެ އަޅުއްވަނީ ބިރުފުޅުން: އިދިކޮޅު ޕާޓީތައް

އިދިކޮޅު ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ގާނޫނާ ހިލާފަށް ރައީސް އަބްދުﷲ ޔާމީން މިހާރު ފިޔަވަޅު އަޅުއްވަމުން އެ ގެންދަނީ ބިރުފުޅުން ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

ރައީސް މިހާރު ފިޔަވަޅު އެ އަޅުއްވަނީ ބިރުފުޅުން: އިދިކޮޅު ޕާޓީތައް
ރައީސް މިހާރު ފިޔަވަޅު އެ އަޅުއްވަނީ ބިރުފުޅުން: އިދިކޮޅު ޕާޓީތައް

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ސިޔާސީ އެހެން އިދިކޮޅު ފަރާތްތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ނިންމި ހިސާބުން އިދިކޮޅު ޕާޓީތަކާ މެދު ރައީސް އަޅުއްވާ ލާއިންސާނީ އަދި ގާނޫނާ ހިލާފު ފިޔަވަޅުތައް އިތުރުވެފައިވާ ކަމަށެވެ. އަދި ދޮގު ތުހުމަތުތަކެއްގައި އިދިކޮޅު ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރަމުން ގެންދަނީ މަޖިލީހުގައި އެ ބޭފުޅުން ކުރައްވާ މަސައްކަތް ހުއްޓުވަން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރޭ ހައްޔަރު ކުރުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން އިނގިރޭސި ބަހުން ނެރުނު އެ ބަޔާނުގައި ވަނީ ސިޔާސީ މައިދާނުގައި އެ ޕާޓީތަކަށް ހުރި ހުރަސްތައް ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ.

އެގޮތުން ގާސިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ކުރާ ދައުވާގެ ތަފްސީލު ވެސް އެ ބަޔާނުގައި ވެ އެވެ.

އިދިކޮޅު ޕާޓީތަކުން ބުނިގޮތުގައި ގާސިމް ހައްޔަރު ކުރުމުން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މިހާރު އެ ތިއްބެވީ ޖަލުގަައި ނުވަތަ ކޮންމެވެސް ހުކުމެއްގަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި ވެސް ނަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފަ އެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން، ޓެރަރިޒަމްގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދާކަން ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ގާސިމް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން، މ. މާފަންނުވިލާ އަށް ވަދެ އެވެ. މިފަހަރު ވެސް ގާސިމް ހައްޔަރުކުރީ ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގަ އެވެ.