އިންޑިއާ ސިފައިން އަރަބި ކަނޑުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، 360 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ހުރި ބޯޓެއް ހިފަހައްޓައި ޕާކިސްތާނުގެ ފަސް މީހަކު އިންޑިއާގެ ކޯސްޓްގާޑުން ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިންޑިއާގެ ކޯސްޓް ގާޑުން ބުނި ގޮތުގައި މަސްބޯޓެއް ހިފަހައްޓައި ފާސްކުރި އިރު 526 ކިލޯގްރާމްގެ ހައި-ގްރޭޑް ހެރޮއިން އާއި މެތަމްފެޓަމިން ފެނިފައިވެ އެވެ. ބޯޓު އަތުލައިގަތީ އަރަބި ކަނޑުގެ ތެރެއިން، ލަކްޝަދީބުގެ ހުޅަނގުން ކަމަށާއި މަސްތުވާތަކެތި ހުރީ އީރާނުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއްގައި ކަމަށް ވެސް އިންޑިއާ ސިފައިން ބުންޏެވެ.

އިންޑިއާގެ ކޯސްޓް ގާޑުން އީރާންގެ މަސްބޯޓަށް އަރައި ޑްރަގާ އެކު މީހުން އަތުލައިގަންނަނީ. -- ފޮޓޯ: އިންޑިއާ ކޯސްޓް ގާޑް
އިންޑިއާގެ ކޯސްޓްގާޑާއި، ގުޖުރާތުގެ އެންޓި-ޓެރަރިޒަމް ސްކޮޑް (އޭޓީއެސް) އަދި ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި މިދިޔަ މަހުގެ 25 އިން ފެށިގެން އައީ ބޯޓަށް ފާރަލަމުން ކަމަށް ބުންޏެވެ.
އަތުލައިގަތް އުޅަނދުގެ އެކި ބައިތަކުގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗާއި އެ ބޯޓުގައި ތިބި ޕާކިސްތާނުގެ ފަސް މީހުން މިހާރު ވަނީ އިތުރަށް ތަހުގީގުކޮށް ގާނޫނީ ކަންކަން ފުރިހަމަކުރުމަށް މުމްބާއީއަށް ގެންގޮސްފަ އެވެ.

އިންޑިއާގެ ކޯސްޓް ގާޑުން އީރާންގެ މަސްބޯޓަށް އަރައި ޑްރަގާ އެކު މީހުން އަތުލައިގަންނަނީ. -- ފޮޓޯ: އިންޑިއާ ކޯސްޓް ގާޑް
އިންޑިއާގެ ކޯސްޓްގާޑުން ބުނި ގޮތުގައި މިއީ ކަނޑުގެ ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބައިނަލްއަގުވާމީ ގޮތުން ހިންގާ މަސްތުވާތަކެތީގެ ނެޓްވޯކްތައް ހުއްޓުވުމަށް ކުރަމުން މަސައްކަތުގައި ހޯދުނު ބޮޑު ކާމިޔާބީއެކެވެ.