17 ޖޫން 2016 - 00:06

ލިޔޯން، ފްރާންސް (ޖޫން 16) - ޔޫކްރޭން 2-0 އިން ބަލިކޮށް ބައިނަލްއަގްވާމީ މުބާރާތެއްގައި ނޮދަން އަޔަލެންޑް 34 އަހަރަށް ފަހު މިރޭ ހޯދި މޮޅާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ އުއްމީދު އެ ޓީމު ދަމަހައްޓައިފި އެވެ.
ޔޫކްރޭން އަތުން ނޮދަން އަޔަލެންޑް ހައިރާންކުރުވަނިވި މޮޅެއް މިރޭ ހޯދިއިރު އެ ޓީމު އެންމެ ފަހުން ބައިނަލްއަގްވަމީ މުބާރާތެއްގެ މެޗަކުން މޮޅުވީ، 1982 ވަނަ އަހަރު ސްޕެއިނުގައި ބޭއްވި ވޯލްޑް ކަޕުގައި އެ ގަައުމު އަތުންނެވެ.
މި މޮޅާ އެކު އެ ޓީމު ތިން ޕޮއިންޓާ އެކު ގްރޫޕް ސީ ގެ ތިން ވަނައިގައި އޮތްއިރު އެ ގްރޫޕުގެ އެއް ވަނައިގައި އޮތް ޖަރުމަނާއި ދެ ވަނައިގައި އޮތް ޕޮލެންޑަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މިރޭ ޕޮލެންޑާއި ޖަރުމަން ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ދެ ވަނަ ބުރުގެ ފުރުސަތު ލިބޭނެ އެވެ. ދެ މެޗުން ވެސް ބަލިވެފައިވާ ޔޫކްރޭނަށް ދެ ވަނަ ބުރުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
މިރޭގެ މެޗުގައި ނޮދަން އަޔަލެންޑަށް 49 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ގަރެތު މެކޫލީ އެވެ. ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އޭނާ ގޯލުގެ މަތީ ކަނަށް ވައްދާލީ ބޮލުން ޖަހަ އެވެ. ބޯވާރޭގެ ތެރޭގައި ކުޅުނު މި މެޗުގައި ނޮދަން އަޔަލެންޑުގެ ދެ ވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖެހީ ނިއަލް މެކްގިން އެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމުގެ ކުޅުންތެރިޔަކު ފޮނުވާލި ހަމަލައެއް ޔޫކްރޭނުގެ ގޯލްކީޕަރު ބްލޮކްކުރުމަށް ފަހު ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތެވެ.