21 އެޕްރީލް 2017 - 11:35

މެޑްރިޑް (އޭޕްރިލް 21) - އަންނަ އާދިއްތަ ދުވަހު ސްޕެނިޝް ލީގުގައި އޮންނަ އެލް ކްލަސިކޯ މެޗުގައި ކުޅުމުގެ ފުރުސަތު ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ އަށް ގެއްލިއްޖެ އެވެ.
ސްޕެނިޝް ލީގުގައި މި މަހު 8 ވަނަ ދުވަހު މަލާގާ އަތުން ބާސެލޯނާ ބަލިވި މެޗުގައި ނޭމާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެ ރަތް ކާޑާ އެކު ނޭމާ އެއް މެޗަށް އޮޓަމެޓިކުން ސަސްޕެންޑްވި ނަމަވެސް އޭނާގެ ސަސްޕެންޝަން އިތުރުކުރީ އެ މެޗުގައި އެސިސްޓަންޓް ރެފްރީއާ ދިމާކުރުމުންނެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ރެއާލް ސޮސިއެޑާޑް އަތުން މޮޅުވި މެޗުގައި ނޭމާ ވަނީ ރަތް ކާޑުގެ ސަސްޕެންޝަން ފުރިހަމަކޮށްފަ އެވެ. ކްލަސިކޯ މެޗުގައި ނޭމާ އަށް ކުޅެވޭނެ ގޮތް ހެދުމަށް ބާސެލޯނާ އިން ވަނީ އަނެއް ދެ މެޗުގެ ސަސްޕެންޝަން އެޕީލްކޮށްފަ އެވެ. އެހެން ނަމަވެސް ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ނޭމާ އަށް ދިން އަދަބަށް ލުޔެއް ނުދިނުމަށެވެ.
ކްލަސިކޯ މެޗުގެ އިތުރުން ދެން ނޭމާ އަށް ގެއްލޭނެ އަނެއް މެޗަކީ އަންނަ ބުދަ ދުވަހު އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓުމުން ބާސެލޯނާ އިން މިހާރު ސަމާލުކަންދެނީ ލީގަށް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ވަނީ ބުނެފަ އެވެ. ވާދަވެރި ރެއާލާ ދެކޮޅަށް މުހިއްމު މެޗަކަށް ނުކުންނައިރު ނޭމާ ނުލައި ކުޅެން ޖެހުމަކީ ބާސެލޯނާ އަށް ލިބޭނެ އުނިކަމެކެވެ.
ބާސެލޯނާ އިން ބުނީ ނޭމާ އަށް ކުޅެވޭނެ ހަނި ފުރުސަތެއް އޮތަސް އެ ފުރުސަތުގެ ބޭނުން ހިފަން ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން ބާސެލޯނާ އިން އަންނަނީ އެޕީލް ކޮމިޓީގެ ނިންމުން ޓްރިބިއުނަލަކަށް ހުށަހަޅައިގެން ކުރިއަށް ގެންދަން މަސައްކަތް ކުރަމުންނެވެ.