ރާއްޖޭގައި
ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ކުޑަކުދިންގެ
ހައްގުތައް ރައްކާތެރިކުރުމުގެ ޝިއާރާ އެކު ބާއްވާ ބޮޑު ދުވުމެކެވެ. މިއީ އެ ކުދިންގެ ހައްގުތަކަށް ވަކާލާތުކޮށް، އެ ކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އެކި ޖަމިއްޔާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ބާއްވާ މުހިންމު ފަންޑްރެއިޒިން ހަރަކާތެކެވެ.
ދިރާގު ރޯޑް ރޭސް މެދުވެރިކޮށް މިދިޔަ އަހަރު 12 ޖަމިއްޔާއަކަށް 600,000 އަށް ވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ. ފައިސާގެ މި އެހީއާ އެކު އެ ޖަމިއްޔާތަކުން ކުޑަކުދިންގެ ރައްކާތެރިކަމާއި
ދުޅަހެޔޮކަމަށް ބޭނުންވާ މުހިންމު ޕްރޮގްރާމުތަކާއި މާލީ ދަތިކަން ހުރި
ބެލެނިވެރިންނަށް، ކުދިންގެ ޒަރޫރީ އެކި ބޭނުންތައް ފުއްދުމުގައި އެހީތެރިކަން ފޯރުކޮށްދެ އެވެ.

ދިރާގު ރޯޑް ރޭހުގެ ދުވުންތެރިންތަކެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ޖަމިއްޔާތަކަށް ހާއްސަކޮށްގެން މި މަހު 'ޑީއެމްއާރުއާރު އެންޖީއޯ އިމްޕެކްޓް ޕްލެޓްފޯމް'ގެ ނަމުގައި މުހިންމު ހަރަކާތެއް ދިރާގުން ވަނީ ބާއްވައިފަ އެވެ. ޖަމިއްޔާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ކާމިޔާބީ އާއި ތަޖުރިބާތައް އެ ހަރަކާތުގައި އެހެން ޖަމިއްޔާތަކާ ވަނީ ހިއްސާކޮށްފަ އެވެ.

ޑީއެމްއާރުއާރު އިމްޕެކްޓް ޕްލެޓްފޯމު ހަރަކާތުގެ ބައިވެރިން -- ފޮޓޯ: ނިޝާން އަލީ | މިހާރު
ދިރާގު ރޯޑް ރޭހުން ލިބުނު އެހީއާ އެކު ޖަމިއްޔާތަކުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ޑައިބެޓިކް ސޮސައިޓީ މޯލްޑިވްސްއަށް
މިދިޔަ އަހަރު ފޯރުކޮށްދިން އެހީ މެދުވެރިކޮށް "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮގްރާމަށް
އިތުރު އެއްބާރުލުމެއް ލިބުނެވެ.
މި ޕްރޮގްރާމަކީ ޓައިޕް 1 ޑައިބީޓީޒް ހުންނަ ކުދިންނަށް ބޭނުންވާ
ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މުހިންމު ޕްރޮގްރާމެކެވެ. އެގޮތުން
މިދޔަ ޑިސެމްބަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސޭވް އަ ޑައިބެޓިކް
ޗައިލްޑް ޕްރޮގްރާމް މެދިވެރިކޮށް އެ ޖަމިއްޔާއިން ކުޑަކުދިން ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ޑައިޓީޝަނަށް
ދެއްކުމުގެ ހަރަދު ފޯރުކޮށްދިނެވެ.
ޑީއެމްއާރުއާރުން ލިބުނު އެހީގައި ޓައިނީ ހާޓްސް އޮފް
މޯލްޑިވްސް އިން ވަނީ ހިތުގެ ބަލި ހުރި 16 ތުއްތު ކުދިންނަށް ފަރުވާ ހޯދުމަށް
ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ބަލި ދެނެގަތުމުގެ
ޓެސްޓުތަކަށް ސާޖަރީ އާއި ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް
އާއިލާތަކަށް ހުރި މާލީ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނެވެ.
ދިރާގު ރޯޑް ރޭހުގެ ޕާޓްނާ އެންޖޯއޯއެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭގެ އިތުރުން މަމްސް އެއިޑަށް ފޯރުކޮށްދިން އެހީއާ އެކު، މާލީ އެހީތެރިކަން ބޭނުންވާ ހަ ރަށެއްގައި
ކިޔަވަމުން ދާ ހަ ދަރިވަރަކަށް ބޭނުންވާ ޓިއުޝަން ފީ އާއި ގުރުއާން ކްލާހުގެ
ހަރަދުތައް ވަނީ ފޯރުކޮށްދީފަ އެވެ. އަދި ޑީއެމްއާރުއާރުން ކެއާ ސޮސައިޓީއަށް
ލިބުނު އެހީގައި އެތަނުގައި ކިޔަވަމުންދާ 114 ދަރިވަރަކަށް ކިޔެވުމަށް ބޭނުންވާ
ޒަރޫރީ ވަސީލަތްތައް ވަނީ ފޯރުކޮށްދީފަ އެވެ.
ދިރާގު ރޯޑް ރޭހުން މިދިޔަ އަހަރު އެކި ޖަމިއްޔާތަކަށް
ފޯރުކޮށްދިން އެހީގެ ސަބަބުން ކުޑަކުދިންނަށް އެކި ދާއިރާތަކުން ބޭނުންތެރި، އަދި ހޭލުންތެރިކުރުމުގެ މުހިއްމު ޕްރޮގުރާމްތައް ކުރިއަށް ގެންދަން އެއްބާރުލުން ލިބުނެވެ.
ވިމެން އެމްޕަވާމަންޓް އެސޯސިއޭޝަން އޮފް ތިނަދޫ (ވީޓް)އިން ވަނީ
ކުޑަކުދިންނަށް ހާއްސަކޮށް ސައިބާ ކްރައިމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމަކާއި
އަމިއްލަ ނަފްސު ރައްކާތެރިކުރާނެ ގޮތްތަކަށް އަހުލުވެރިކުރުވި ހާއްސަ
ހަރަކާތްތަކާއި އިންކްލޫޝަން ޕްރޮގުރާމާއި ކެރިއާ ގައިޑަންސް ޕްރޮގުރާމްތައް ހިންގައިފަ އެވެ. އެ ޕްރޮގްރާމްތަކުގެ އެހީގައި 900 އަށް ވުރެ ގިނަ ކުޑަކުދިންނަށް
އެ ކުދިންގެ ރައްކާތެރިކަމާއި ދުޅެހެޔޮކަމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް
ވަނީ ފޯރުކޮށްދީފަ އެވެ.

ދިރާގު ރޯޑް ރޭހުގެ ބައިވެރިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ދިރާގު ރޯޑް ރޭހުގެ އެހީއާ އެކު ޝީން ވެސް މިދިޔަ އަހަރު
މުހިންމު ޕްރޮގުރާމެއް ވަނީ ހިންގައިފަ އެވެ.
އެގޮތުން 200 އަށް ވުރެ ގިނަ
ކުޑަކުދިންނަށް، ކުޑަކުދިންގެ ރައްކާތެރިކަމާއި ސާފުތާހިރުކަމާ ގުޅޭ ސެޝަންތައް
ވަނީ ހިންގައިފަ އެވެ. އެ ސެޝަންތަކުން ކުދިންނަށް އަމިއްލަ ޒާތީ ބައުންޑްރީތަކާއި އެ ކުދިންގެ ރައްކާތެރިކަން ގެއްލޭނެ ފަދަ އެކި އަމަލުތަކާއި އެފަދަ އަމަލެއް
އިތުބާރު ހިފޭ ބޮޑު މީހެއްގެ ފުށުން ފެނިއްޖެ ނަމަ އެކަން ރިޕޯޓުކުރާނެ ގޮތުގެ
މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.
ޝީގެ އިތުރުން ބްލައިން އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ
އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ވެސް ވަނީ ކުޑަކުދިންގެ
ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން
ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ކުދިންނަށް ބޭނުންވާ ސަޕޯޓާއި ސްކޫލު
މާހައުލުގައި އެ ކުދިންގެ ބައިވެރިވުން އިތުރުކޮށް، އެފަދަ ކުދިންނަށް ބޭނުންވާ
ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުޑަކުދިންގެ މެދުގައި އަހުލުވެރިކަން
އިތުރުކުރުވުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގެ ހަ ސްކޫލެއްގައި 200 ކުދިންނަށް ސެޝަންތައް ކުރިއަށް ގެންދިޔަ އެވެ.
ކެންސާ ސޮސައިޓީ މޯލްޑިވްސް އިން ވެސް ވަނީ މިދިޔަ އަހަރު
ދިރާގު ރޯޑް ރޭހުން ލިބުނު އެހީގައި ކެންސަރަށް ހޭލުންތެރިކުރުވުމުގެ
ޕްރޮގްރާމްތައް ހިންގައިފަ އެވެ. އެގޮތުން ހދ. އަތޮޅާއި އައްޑޫގައި، ކެންސަރު ދެނެގަންނާނެ ގޮތާއި ކެންސަރުން ރައްކާތެރިވުމަށް ދުޅަހެޔޮ
ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ކަންތައްތައް ހިމަނައިގެން މުހިންމު
ޕްރޮގުރާމްތަކެއް ހިންގި އެވެ. މިއީ އެ އެންޖީއޯއިން މުޅި ރާއްޖެއަށް
ހިންގަމުން އަންނަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ނަގައިދިން ސެޝަނެކެވެ.
އެ
ޕްރޮގްރާމަކީ ރާއްޖޭގެ 10 އަތޮޅުގެ 4,800 އަށް ވުރެ ގިނަ ދަރިވަރުން ކެންސަރަށް
އަހުލުވެރިކޮށްދިން ޕްރޮގުރާމެކެވެ.
ދިރާގު ރޯޑް ރޭހުގެ އެހީގައި ޗައިލްޑް އެބިއުސް
ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)އިން ވެސް ވަނީ ހާއްސަ ޕްރޮގުރާމްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ރ. ފައިނާއި ކ. ދިއްފުށީގައި ޖުމްލަ 225
ބައިވެރިންނަށް ފުރާވަރު އުމުރުގައި ކުޑަކުދިންގެ އުޅުމާއި ނަފްސާނީ ގޮތުން
ކުރިމަތިވާ އެކި ބަދަލުތަކާއި އާއްމު ގުޅުންތަކަށް އަންނަ އެކި ބަދަލުތަކާ ގުޅޭ
މައުލޫމާތު ވަނީ ދީފަ އެވެ. އޭގެ ތެރޭގައި 188 ބެލެނިވެރިންނާއި 37 ޓީޗަރުން
ހިމެނެ އެވެ.
އަދި އެ ސެޝަންތަކުގައި އެކި ފަރާތްތަކާއި ވަކިން ބައްދަލުކޮށް، އެކި
ފަރާތްތަކުގެ ކަންބޮޑުވުންތައް ދެނެގަނެ އެކަމަށް ބޭނުންވާ ސަޕޯޓު ފޯރުކޮށްދިނެވެ.

ދިރާހު މޯލްޑިވްސް ރޯޑް ރޭހުގެ ބައިވެރިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ދިރާގު ރޯޑް ރޭހުން ހަދިޔާ ކުރި ފައިސާގެ އެހީގައި އާކް އިން ވަނީ ކުޑަކުދިންގެ ހައްގުތަކާއި އެކުދިންގެ ދުޅަހެޔޮކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރާނެ ވަސީލަތްތައް ތައްޔާރުކޮށްފަ އެވެ. އޭގެ ތެރޭގައި މައިންބަފައިންނާއި ބެލެނިވެރިންނަށް ހާއްސަކޮށް ތައްޔާރު ކުރި މެންޓަލް ހެލްތު ފޮތާއި ކުޑަކުދިންނަށް ހާއްސަކޮށް އެކުދިންގެ ހައްގުތައް ކިޔައިދޭ ހާއްސަ ފޮތް ހިމެނެ އެވެ.
ދިރާގު ރޯޑް ރޭހުން މިދިޔަ އަހަރު މޯލްޑިވްސް ތެލެސީމިއާ
ސޮސައިޓީއަށް ފޯރުކޮށްދިން އެހީން އެ ޖައްމިއްޔާ އިން ވަނީ 'ތެލް ކަނެކްޓް'
ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށްފަ އެވެ. މި ޕްރޮގްރާމަކީ ތެލެސީމިއާ ބަލި
ތަހައްމަލު ކުރާ ފަރާތްތަކާއި ގުޅައިދީ އެ ފަރާތްތަކުގެ ތަޖުރިބާތައް ހިއްސާކޮށް، އެ ބަލި ހުންނަ ފަރާތްތައް ބާރުވެރިކުރުވުމުގެ ގޮތުން ހިންގާ މުހިންމު
ޕްރޮގުރާމެކެވެ.
ދިރާގު ރޯޑް ރޭހުގެ އެހީގައި މޯލްޑިވް އޯޓިޒަމް
އެސޯސިއޭޝަނުން ވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށް އަހުލުވެރިކުރުވުމުގެ
މަސައްކަތް ތެރަޕީ ސެޝަންތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފަ އެވެ. އަދި ލައިފް
ސްކިލް ހަރަކާތްތަކާއި ބެލެނިވެރިންނަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓާއި ތެރަޕީ ދޭ
މާހައުލާއި ވަސީލަތްތަކުގެ އިންސްޕެކްޝަން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އަދި ހިލޭ ޑިވަލޮޕްމަންޓް ސްކްރީނިން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
ދިރާގު ރޯޑް ރޭހުގެ ޕާޓްނާ އެންޖޯއޯއެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ޕްރޮގްރާމްގައި 25 ކުޑަކުދިން ވަނީ ސައިކޮލިޖިސްޓަކާއި
ސްޕީޗް ތެރަޕިސްޓެއްގެ އިތުރުން އޮކިއުޕޭޝަނަލް ތެރަޕިސްޓުގެ އެހީގައި ސްކްރީންކޮށްފަ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އެހީގައި މިފަދަ އެކި
މުހިންމު މަސައްކަތްތައް އެކި ޖައްމިއްޔާތަކުން ކޮށްފައި ވާއިރު، މި އަހަރުގެ
ދުވުމުން ލިބޭ އެހީން ވެސް މުހިންމު މަސައްކަތްތަކެއް ކުރަން ޖަމިއްޔާތަކުން ވަނީ ރާވައިފަ އެވެ.
މިއަހަރު ވެސް ދިރާގު ރޯޑް ރޭހުގެ ކޮންމެ ރަޖިސްޓްރޭޝަނަކުން
ލިބޭ 100ރ. އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމިއްޔާތަކަށް ހަދިޔާ ކުރާނެ އެވެ.
އަދި ދިރާގު ރޯޑް ރޭހަށް އެންޑޯސްޑް ކޮށްފައިވާ ޖަމިއްޔާތަކުގެ
ތެރެއިން ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް ދިރާގުން
200،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ދޭނެ އެވެ.
ދިރާގު ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު
ޑީއެމްއާރުއާރުއިން މިހާރު ވަނީ ހުޅުވާލައިފަ އެވެ.