ބެންކޮކްގެ މަގުމަތީގައި ކާބޯތަކެތި ވިއްކުން މަނާކުރަނީ
ބެންކޮކްގެ މަގުމަތީގައި ކާބޯތަކެތި ވިއްކުން މަނާކުރަނީ

ސްޓްރީޓް ފުޑް ނުވަތަ މަގުމަތީގައި ތައްޔާރުކޮށް ވިއްކާ ކާބޯތަކެތީގެ އެންމެ ފުރިހަމަ ބާޒާރެއް އޮންނަނީ ތައިލެންޑުގެ ވެރިކަށް ބެންކޮކްގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެކަމަކު މި މަގުބޫލު ބާޒާރު މި އަހަރުގެ ނިޔަލަށް ހުއްޓުވަން ސަރުކާރުން ނިންމައިފި އެވެ.

ބެންކޮކްގެ މަގުމަތީގައި ކާބޯތަކެތި ވިއްކުން މަނާކުރަނީ
ބެންކޮކްގެ މަގުމަތީގައި ކާބޯތަކެތި ވިއްކުން މަނާކުރަނީ

މަގުމަތި ތަރުތީބުކޮށް ސާފުތާހިރުކުރުމަށް ބެންކޮކްގައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މަގުމަތީގައި ކާބޯތަކެތި ވިއްކަން މަނާކުރުމަކަށް ނިންމާފައި ވަނީ އަންނަ އަހަރުން ފެށިގެންނެވެ. އެހެންވެ އެތައް ހާސް ބައެއްގެ ސްޓޯލްތައް މަގުމަތިން ނަގަން ޖެހޭނެ އެވެ.

ސިޓީގެ އޮފިޝަލުން ވިދާޅުވީ ބެންކޮކްގެ 50 ޑިސްޓްރިކްޓުގައި ވެސް މިގޮތަށް މަގުމަތީގައި ވިޔަފާރިކުރަން ތިބުން މަނާވާނެ ކަމަށެވެ.

"މަގުމަތީގައި އެއްޗެހި ވިއްކަން ތިބޭ މީހުން ޕޭވްމަންޓާއި މަގު އެއްކޮށް ހިފައިގެން ތިބޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ. ގާނޫނާއި ގަވައިދާ އެއްގޮތަށް ވިޔަފާރިކުރުމަށް އެ މީހުންނަށް ސްޓޯލްތައް މިހާރު ވާނީ ހަދާފައި. އެހެންވެ މިއީ މި ފާޑުގެ ކާބޯތަކެތި ވިއްކުން ހުއްޓުމަކަށް އައުމެއް ނޫން. ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ވިޔަފާރި ކުރިއަށް ގެންދެވޭނެ ގޮތެއް އޮންނާނެ. އެ މީހަކު ޖެހޭނީ މަގުމަތި ނޫން އެހެން ތަނަކަށް ބަދަލުވާން،" ބެންކޮކްގެ ގަވަރުނަރުގެ އެޑްވައިޒަރު ވަންލޮޕް ސްވަންދީ ވިދާޅުވި އެވެ.

މިދިޔަ މަހު ސީއެންއެން އިން ވަނީ، އެންމެ ރަނގަޅު ސްޓްރީޓް ފުޑް ލިބޭ ތަނަކީ ބެންކޮކް ކަމަށް ހޮވައިފަ އެވެ. މިއީ އެ މަގާމު ޖެހިޖެހިގެން ބެންކޮކަށް ލިބުނު ދެ ވަނަ އަހަރެވެ. ސީއެންއެން އިން ބުނެފައިވާ ގޮތުގައި ބެންކޮކަށް ޒިޔާރަތްކުރާ ނަމަ ސްޓްރީޑް ފުޑް މާކެތަށް ނުގޮސް ފަރަކު ނުޖެހޭނެ އެވެ.

ބެންކޮކަށް ދާ ޓޫރިސްޓުންނަށް މިއީ މުހިންމު މާކެޓަކަށް ވެފައި ވާއިރު، ސަރުކާރުގެ ނިންމުމާ ދެކޮޅު ހަދާ މީހުން ބުނަނީ އެހެން ތަނެއްގައި ކާނާ ވިއްކޭނެ ގޮތް ހެދިޔަސް އެއީ މި ވިޔަފާރިއަށް ބަދަލެއް ނައިސް ކުރިއަށް ދިއުން ނޫން ކަމަށެވެ. އެ މީހުން ބުނަނީ ވިޔަފާރިއަށް ބޮޑެތި ބަދަލުތަކެއް އައިސް ބެންކޮކްގެ ހާއްސަ ސިފައެއް މިކަމުން ގެއްލޭނެ ކަމަށެވެ.