އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)
އަށް އެފްއޭމުން ދައްކަން ޖެހޭ 253،030 ޑޮލަރު (3.9 މިލިއަން ރުފިޔާ) މައާފުކޮށް،
ރާއްޖެ އަށް އަޅާފައިވާ ފިޔަވަޅު އެ ޖަމިއްޔާ އިން އުވާލައިފި އެވެ.
މި ފައިސާއަކީ އޭއެފްސީން 2023 ގައި ރާއްޖެ
އަށް އެހީގެ ގޮތުން ދިން ފައިސާއެކެވެ. އެކަމަކު އެފްއޭއެމްގެ އޭރުގެ ރައީސް
ބައްސާމް އަދީލް ޖަލީލް އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ އޭއެއެފްސީން
އެ ފައިސާ އަނބުރާ ދޭން އެންގީ އެވެ. އަދި އަދަބެއްގެ ގޮތުން 2024 ވަނަ އަހަރުން
ފެށިގެން ރާއްޖެ އަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދޭން އޭއެފްސީން ނިންމީ އެވެ.
އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި
ބުނީ އޭއެފްސީން އެ ފައިސާ މައާފަފުކޮށްދީ ސަސްޕެންޝަނުން ސަލާމަތްކޮށްދިނީ
ރާއްޖޭން އެކަމަށް އެދުމުން ކަމަށެވެ. އަަދަބުން ސަލާމަތްވުމާ އެކު އަންނަ
އަހަރުން ފެށިގެން އޭއެފްސީގެ މާލީ އެހީތެރިކަމުގެ ޕްރޮގްރާމަށް ރާއްޖެ އަށް
ކުރިމަތިލެވޭނެ އެވެ.
"މި ނިންމުމަކީ
ދިވެހި ފުޓްބޯޅަ އަލުން، އާރާސްތުކޮށް، މާލީގޮތުން ހަމަމަގަށް އަޅުވައި، ކުރިއަށް
އޮތް ތަނުގައި، އޭއެފްސީގެ އެހީތެރިކަމާއެކު، ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައި،
ތަރައްގީކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ،" އެފްއޭއެމްގެ ބަޔާނުގައިވެ
އެވެ.
ބައްސާމުގެ ދައުރުގައި އެފްއޭއެމަށް ފީފާ އިން
ދިން ފައިސާގައި ވެސް އޭނާ ވަނީ ޖެހިފަ އެވެ. އެ މައްސަލައިގައި ފީފާ އިން ވަނީ
ބައްސާމް ފުޓްބޯޅައިން އުމުރަށް ސަސްޕެންޑްކޮށްފަ އެވެ. ބައެއް މައްސަލަތައް ޝަރީއަތަށް
ސާބިތުވެ އޭނާ އަށް ޖަލު ހުކުމް ވަނީ އައިސްފަ އެވެ. އިތުރު މައްސަލަތަކެއްގެ
ޝަރީއަތް ވެސް އަންނަނީ ހިނގަމުންނެވެ.