ނޮވެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް
އިންޑިއާ އިން ފޮނުވާނީ 23 އަހަރުން ދަށުގެ ޓީމު ނުވަތަ ރިޒާވް ޓީމެއް ކަމަށް އެ
ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ އޮފިޝަލަކާ
ހަވާާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނީ އެގޮތަށް ރޭވީ އެ މުއްދަތުގައި
ނިއުޒީލެންޑާ ދެކޮޅަށް ސީނިއާ ޓީމުން އެކުވެރިކަމުގެ ދެ މެޗު ކުޅެން އޮތުމުން
ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް އޮންނާނީ ބަންގްލަދޭޝްގެ
ވެރިރަށް ޑާކާގައި ނޮވެމްބަރު 4-17 އަށެވެ. ނިއުޒީލެންޑާ ދެކޮޅަށް އިންޑިއާ ކުޅޭނީ
ނޮވެމްބަރު 7 ގައި ފަށާ ފީފާ އިންޓަނޭޝަނަލް ވިންޑޯގެ ތެރޭގަ އެވެ.

ކުރިން މި މަހު ބާއްވަން ރޭވި ސާފް
ޗެމްޕިއަންޝިޕް ނޮވެމްބަރަށް ފަސްކުރީ ވެސް ފީފާ އާސިއާން ކަޕުގައި އިންޑިއާ ވާދަކުރާތީ
އެ ގައުމަށް ވަގުތު ނެތުމުންނެވެ. އެކަމަކު ބްރެޒިލާއި، އުރުގުއޭއާ ދެކޮޅަށް އެކުވެރިކަމުގެ
މެޗުތަކެއް ކުޅެން ފުރުސަތު ލިބުމުން އިންޑިއާ އިން އާސިއާން ކަޕުން ވަކިވީ އެވެ. އެ
މުބާރާތަށް 23 އަހަރުން ދަށުގެ ޓީމު ނުވަތަ ރިޒާވް ޓީމެއް ފޮނުވަން ފީފާ އިން
ހުއްދަ ދިން ނަމަ އެގޮތަށް އަމަލުކުރީހެވެ.

އެކަމަކު ސާފް ޗެމްޕިއަންޝިޕުގައި އެ ފުރުސަތު
އޮތުމުން އިންޑިއާ އިން އޭގެ ބޭނުން ހިފަނީ އެވެ. ފެޑެރޭޝަނުގެ އޮފިޝަލް ބުނީ ކޯޗު
ހާލިދު ޖަމީލް ބޭނުންވަނީ އޭނާ އަލަށް ބިނާކުރަމުން އަންނަ ޓީމު ވަރުގަދަކުރުމުގެ
ގޮތުން ވޯލްޑް ކަޕް ފެންވަރުގެ ގައުމުތަކާ ކުޅެން ކަމަށެވެ.

އިންޑިއާއާ އެކު ކުޅުންތެރިއެއްގެ ގޮތުފައު
1997 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޖަމީލް ބުނީ އޭނާ އަމަލުކުރާނީ އިންޑިއާ
ފުޓްބޯޅަ އަށް ރަނގަޅު ގޮތަށް ކަމަށާއި، އެހެންވެ ނިއު ޒީލެންޑާ ދެކޮޅަށް ކުޅެން
ސީނިއާ ޓީމު ފޮނުވަން ބުނެފައިވާނެ ކަމަށެވެ.

އިންޑިއާ އިން 2009 ގެ ސާފް ޗެމްޕިއަންޝިޕަށް ފޮނުވީ
ވެސް 23 އަހަރުން ދަށުގެ ޓީމެވެ. އެ ފަހަރު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން
ރާއްޖެ ބަލިކޮށް އިންޑިއާ ޗެމްޕިއަންކަން ހޯދި އެވެ.

މި ފަހަރުގެ މުބާރާތުގެ އިންޑިއާ ހިމެނެނީ ރާއްޖެ
އާއި ޕާކިސްތާނާ އެކު ގްރޫޕް ބީ ގަ އެވެ.