މީގެ ދެ އަހަރުކުރިން ތިން މިނިސްޓްރީއެއް އަނދާ އަޅިއަށްވިއިރު އޭގެ ތެރެއިން އިންޝުއަރެންސް ކޮށްފައި ހުރީ އެންވަޔަރްމަންޓް މިނިސްޓްރީ އެކަނި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ޑިސެމްބަރު 12، 2024 ގައި ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށް އަނދައިގެން ދިޔައިރު، އެންވަޔަރްމަންޓް މިނިސްޓްރީ އަދި އެތަނާ ޖެހިގެން ހުރި މާލެ ސިޓީ ކައުންސިލްގެ އޮފީހަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ.
އެ ދެ އޮފީހުން ކޮންމެ ވެސް ވަރަކަށް ތަކެތި ސަލާމަތް ކުރެވުނަސް، އިންޝުއާކޮށްފައި ނެތެވެ.
"އަލިފާނުގެ މި ހާދިސާގައި ގެއްލުން ލިބުނު ސަރުކާރުގެ ތިން އިމާރާތުގެ ތެރެއިން އިންޝުއަރެންސް ކޮށްފައި ވަނީ ހަމައެކަނި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖު އެންޑް އެންވަޔަރްމަންޓް އެންޑް އެނާޖީ،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ އެ ސަރަހައްދުގައި ހުރި ތިން ގެއެއްގެ ނުވަ އެޕާޓްމަންޓަކާއި އަދި ފިހާރައަކަށް އަލިފާނުގެ ހޫނުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބުނު ކަމަށެވެ.
އެ ހާދިސާގައި ހެނދުނު ރޯވި އަލިފާންގަނޑު ކޮންޓްރޯލްވީ މެންދުރު 12:40 ހާއިރެވެ. ނަމަވެސް އަލިފާން އެއްކޮށް ނިއްވާލެވުނީ 3:30 ގަ އެވެ.