ގައުމީ ޓީމުން ރިޓަޔާ ކުރަނީ، ޓީމަށް އެއްވެސް ކަމެއް ކޮށްނުދެވޭކަމަށް އިހްސާސްވާ ހިސާބުން ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ނިމިދިޔަ ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ގައުމީ ޓީމަށް ކުރިމަތިވި ނާކާމިޔާބަށް ފަހު، އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރާނެ ކަމަށް ބެލެވުނެވެ. އަދި ޕޯޗުގަލްގެ މީޑީއާތަކުން ވެސް އެ ވާހަކަ ފެތުރި އެވެ.
ރޮނާލްޑޯ ބުނީ ގައުމީ ޓީމުން ރިޓަޔާކުރަން މީގެކުރިން ވިސްނި ކަމަށެވެ. ނަމަވެސް ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސާ ޕެޑްރޯ ޕްރޮއެންސާ އާއި ކޯޗު ހޯޖޭ ޖެސޫސްއާ އެކު ކުރި މަޝްވަރާތަކަށް ފަހު، ގައުމީ ޓީމާ އެކު ކުރިއަށްދާން ނިންމީ ކަމަށް އޭނާ ބުންޏެވެ.
ރޮނާލްޑޯ ކެރިއާ ފެށި ސްޕޯޓިން ލިޒްބަންގެ ސްޓޭޑިއަމްގައި މިރޭ ޕޯޗްގަލްއިން ވޭލްސްއާ ކުޅޭ މެޗަކީ އޭނާގެ ވަދާއީ މެޗަށް ވެދާނެކަމަށް ބުނެ ބައެއް ކޮމަންޓޭޓަރުން ވާހަކަ ދެއްކި އެވެ. ނަމަވެސް ރޮނާލްޑޯ އެ ވާހަކަތަކަށް ރައްދި ދިނެވެ.
ވޯލްޑް ކަޕަށްފަހު ގައުމީ ޓީމު ދޫކޮށްލަން ވިސްނިންތޯ ސުވާލުކުރުމުން ރޮނާލްޑޯ ބުނީ، އޭނާއަކީ އަބަދުވެސް ގޮތްތައް ނިންމުމުގެ ކުރިން ފުންކޮށް ވިސްނާ މީހެއް ކަމަށެވެ. އަދި މިހާރު ގައުމީ ޓީމާ އެކު ހުރުމުގެ މާނައަކީ، ގައުމީ ކެރިއަރު އިތުރަށް ކުރިއަށްގެންދަން ނިންމުން ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ވާހަކަދެއްކިން އަހަރެމެންގެ ރައީސާއި ކޯޗާ އެކު. އަދިވެސް އަހަރެން ގަބޫލުކުރަން ގައުމީ ޓީމުން ބޭނުންވާ އަމާޒަށް ދިއުމަށް އަހަރެންނަށް އެހީތެރިވެދެވޭނެ ކަމަށް. އަހަރެން ކުޅުން ހުއްޓާލާނީ މިތަނުގައި އަހަންނަށް އެއްވެސް ކަމެއް ކޮށްނުދެވޭނެ ކަމަށް އިހުސާސްވާ ހިސާބުން،" އަންނަ ފެބްރުއަރީ މަހު އުމުރުން 42 އަހަރު ފުރޭނެ ރޮނާލްޑޯ ބުންޏެވެ.
ވޯލްޑް ކަޕްގައި އޭނާ އަށް ކުރިމަތިވި ލަނޑު ނުޖެހުމުގެ މައްސަލަ އެވެ. އޭގެ ކުރިން ކުޅުނު ވަރުގަދަ މެޗުތަކުގައި ވެސް އޭނާ އަށް ލަނޑު ނުޖެހޭ މައްސަލައިގައި ފާޑުކިޔުން އަމާޒުވި އެވެ.
ރޮނާލްޑޯ ބުނީ ޓީމަށް އެހީވެދޭވޭނީ ހަމައެކަނި ލަނޑު ޖަހައިގެން ނޫން ކަމަށެވެ. ދަނޑުން ބޭރުން ވެސް ޓީމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މި ވަގުތަކީ ޒުވާން އާ ކުޅުންތެރިން ގައުމީ ޓީމަށް ނުކުންނަ ވަގުތުކަމަށްވާތީ އޭނާގެ މައިގަނޑު އަމާޒަކީ ލަނޑުޖަހައިގެން ޓީމު މޮޅުކޮށްދިނުން ކަމަށް ރޮނާލްޑޯ ބުންޏެވެ.