ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތްތަކުގައި މީގެ ދެ އަހަރެއް ކުރިން އަލިފާން ރޯވި މަންޒަރު ފެންނަ ވީޑިއޯ ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ ޕޮލިސް ކޮންފަރެންސްގައި އާންމުކުރި ވީޑިއޯގައި ޑިސެމްބަރު 12، 2024 ގެ ފަތިހު 5:33 ގައި ހައުސިން މިނިސްޓްރީގެ ގޯތިތެރެއިން ކަރަންޓު ކަނޑައިގެން ދާތަން ފެނެ އެވެ. އަދި އޭގެ 45 ވަރަކަށް މިނެޓް ފަހުން، އެ މިނިސްޓްރީގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގި ފިލާއާ ދެމެދު ހުރި ކަރަންޓު ނަރުތަކެއްގައި ރޯވެގެން، ގްރީން ބިލްޑިންގައި ހުރި ބިދޭސީ ސެކިއުރިޓީ ގާޑަކު ހަރަކާތްތެރިވާތަން ފެނެ އެވެ.

ކަމާގުޅޭ އިދާރާތަކަށް އެ ހާދިސާ ރިޕޯޓުކުރަން ގުޅާނެ ނަމްބަރާއި ފޯނުގައި ކްރެޑިޓް ނެތުމުން އެއްތަނުން އަނެއް ތަނަށް އޭނާ ދުވެ އެވެ. ނަމަވެސް ގްރީން ބިލްޑިން ކުރިމަތިން ސައިކަލުގައި ދިޔަ އޮފް ޑިއުޓީ ސިފައިންގެ މީހަކު 6:15 ގައި ހުއްޓުވައި، އެ ސިފައިންގެ މީހާގެ އެހީތެރިކަން އެ ބިދޭސީ މީހާ ހޯދި އެވެ. 

އެ ބިދޭސީ މީހާ ވަނީ ކަރަންޓު ނަރުތަކުގައި ރޯވި އަލިފާންގަނޑު ފެން ޖަހައިގެން ނިއްވާލައިފަ އެވެ. ނަމަވެސް، ދުން އެރުން ނުހުއްޓޭތީ އެކަން ހައުސިން މިނިސްޓްރީގެ ސެކިއުރިޓީ ގާޑަށް ރިޕޯޓުކުރަން، ގްރީން ބިލްޑިންގެ ސެކިއުރިޓީ އޮފިސަރާއި ސިފައިންގެ މީހާ ހައުސިން މިނިސްޓްރީއަށް ވަންނަ ތަން ފެނެ އެވެ. 

އޭގެ އިރުކޮޅެއްފަހުން އެމްއެންޑީއެފްގެ ފަޔަ ފައިޓަރުން ހައުސިން މިނިސްޓްރީގެ އެކި ފްލޯތަކާއި ގްރީން ބިލްޑިން ކައިރިއަށް ދާތަން، އެ މީހުންގެ ބޮޑީ ވޯން ކެމެރާއިން ފެނެ އެވެ. އަދި ހުޅުގަނޑު ފަޅައިގެން ދިޔައީ ސިފައިން ހަރަކާތްތެރިވަމުން ދަނިކޮށެވެ.

އެ ހާދިސާގައި، ހެނދުނު ރޯވި އަލިފާންގަނޑު ކޮންޓްރޯލްވީ މެންދުރު 12:40 ހާއިރެވެ. ނަމަވެސް އަލިފާން އެއްކޮށް ނިއްވާލެވުނީ 3:30 ގަ އެވެ.

އެ ހާދިސާގައި ޓިނު ބިލްޑިންގައި ރޯވެ، ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރްމަންޓް މިނިސްޓްރީ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. އެހެންވެ، އެ ތިން މިނިސްޓްރީ ވަގުތީ ގޮތުން މިހާރު ހިންގަނީ ދަރުބޭރުގޭގަ އެވެ.