ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަކަ އަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވިއިރު ރާއްޖޭގައި އެފަދަ ހަކަތައިން އުފައްދަމުން އައީ 53 މެގަވޮޓްްގެ ކަރަންޓު ކަމަށާއި އެކަމަކު މިހާރު އެ އަދަދު 126 މެގަވޮޓަށް އިތުރު ކޮށްފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުަގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި މިނިސްޓަރު ވިދާޅުވީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލްކަން (އިންސްޓޯލްޑް ކެޕޭސިޓީ) އެ މިންވަރަށް އިތުރުކުރީ އެކި ސަރަަހައްދުތަކުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގަ އެވެ. އެއީ 2023 އާ ހަމައަށް އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދި މިންވަރަށް ވުރެ ދެގުނައަށް ވުރެ ވެސް މަތީ މިންވަރެކެވެ.
"މިހާރު މި ސަރުކާރުން ވަނީ އިޔާދަކުރަނިވި ހަކަތަ އިންސްޓޯލްޑް ކެޕޭސިޓީ 53 މެގަވޮޓުން 126 މެގަވޮޓަށް އިތުރު ކޮށްފައި. އެއީ އެކި މަޝްރޫއުތައް އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންގޮސްގެން،" ޝަރީފް ވިދާޅުވި އެވެ.

އިއާދަކުރަނިވި ހަކަތަ އުފައްދަން ރ.ވާދޫގައި އިމާރާތެއްގެ ފުރާޅުގައި ސޯލާޕެނަލް ހަރުކޮށްފައި. ފޮޓޯ: އެންވަޔަރްމެންޓް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވި ގޮތުގައި ރ. އަތޮޅާއި ބ. އަތޮޅުގެ ޖުމްލަ 23 ރަށެއްގައި ބެހެއްޓި 6.5 މެގަވޮޓްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓްގެ ބެޓެރީ ސިސްޓަމް މިދިޔަ ޖުލައި މަހު ވަނީ ބޭނުންކުރަން ފަށައިފަ އެވެ. އޭގެ ތެރެެއިން ބައެއް ރަށްރަށުގައި ހަ ގަޑިއިރަށް ކަރަންޓް ކަނޑާލައި ހަމަ އެކަނި އިޔާދަކުރަނިވި ހަކަަތައިން ކަރަންޓު އުފައްދާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެގޮތަށް ޖަނެރޭޓަރު ނިއްވާލާ ރަށްތަކަކީ މިނިސްޓަރު ވިދާޅުވި ގޮތުަގައި ރ. ރަސްމާދު އާއި އެ އަތޮޅު ވާާދޫ އާއި ކިނޮޅަސް އަދި ބ. ކުޑަރިކިއްޔެވެ.

އިއާދަކުރަނިވި ހަކަތަ އުފައްދަން ރ.ވާދޫގައި ސޯލާޕެނަލް ހަރުކޮށްފައި. ފޮޓޯ: އެންވަޔަރްމެންޓް މިނިސްޓްރީ
"ފުދޭވަރެއްގެ ޕޮޒިޓިވް ވައިބެއް މީގައި އަޅުގަނޑުމެންނަށް ލިބިގެން ދިޔަ، އެ ރަށްރަށުގައި ހައެއްކަ ގަޑިއިރަށް، ފަސްގަޑިއިރަށް އިންޖީނު ނިއްވާލާފައި ހުރީމާ. އެ އިން [ޖަނަރޭޓަރުތަކުން] އަރާ ދުމާއި އިވޭ އަޑާއި އުނދަގޫވުމާ މި ހުރިހާ ކަމަކުން ވެސް ތިމަންނާމެން އެބަ ސަލާމަތްވޭ [އެ ރަށްރަށުގެ މީހުން ބުނީ]،" ޝަރީފް ވިދާޅުވި އެވެ.
އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލްކަން އެ މިންވަަރަށް އިތުރުކުރުުމުން، ރާއްޖޭގައި ކަރަންޓު އުފައްދަން އަހަރަކު އަންދާ ޑީސަލްގެ ތެރެއިން 3.1 މިލިއަން ލީޓަރު މަދުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ޖައްވަށް ބޭރު ކުރާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން 8،400 ޓަނު މަދުކުރެވޭނެ ކަމެކެވެ.