ހައުސިން މިނިސްޓްރީ އަށް 8 ސިވިލް އިންޖިނޭރުން ހޯދަން އިއުލާނު ކޮށްފި އެވެ.
އެ އިއުލާނުގައިވާ ގޮތުން އެސިސްޓަންޓް ސިވިލް އިންޖިނިއަރަކު ހިމެނޭހެން ތިން ސިވިލް އިންޖިނިއަރަކު ހޯދަނީ ކޯސްޓަލް ސެކްޝަނަށެވެ. އަދި ސްޓްރެޓީޖިކް ޕްރޮޖެކްޓްސް ސެކްޝަނަށް ދެ ސީނިއާ ސިވިލް އިންޖިނިއަރަކު ހޯދާއިރު ހައުސިން މަޝްރޫއުތަކާ ބެހޭ ސެކްޝަނަށާއި މަގުތަކާ ބެހޭ ސެކްޝަންތަކަށް ސިވިލް އިންޖިނިއަރަކާއި އެއާޕޯޓު ތަރައްގީކުރުމާ ބެހޭ ސެކްޝަނަށް ސީނިއާ ސިވިލް އިންޖިނިއަރަކު ހޯދަ އެވެ.
އެސިސްޓެންޓް ސިވިލް އިންޖިނިއަރު ހޯދުމަށް ކޮށްފައިވާ އިއުލާނުގައި އެ މަގާމުގެ އަސާސީ މުސާރަައަކީ 14،095ރ. އެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 6،575ރ. ލިބޭއިރު ހާޒިރުވާ ކޮންމެ ދުވަހަކަށް 180ރ. ދޭނެ އެވެ. އެހެންކަމުން އެސިސްޓަންޓް ސިވިލް އިންޖިނިއަރުގެ މުސާރައަށް މަހަކު 26،070ރ. ލިބޭނެ އެވެ.
ސިވިލް އިންޖިނިއަރެއްގެ އަސާސީ މުސާރައަކީ 18،945ރ. އެވެ. ހާޒިރުވާ ކޮންމެ ދުވަހަކަށް 295 ރުފިޔާގެ އިނާޔަތެއް ލިބެ އެވެ. އެ މަގާމުގެ މުސާރައަކީ މަހަކު 38،645ރ. އެވެ.
ސީނިއާ ސިވިލް އިންޖިނިއަރެއްގެ މުސާރައަކީ 46،155ރ. އެވެ. ހާޒިރުވާ ކޮންމެ ދުވަހަކަށް 350ރ. ލިބޭއިރު އަސާސީ މުސާރައިގެ ގޮތުގައި 22،670ރ. އާއި މަގާމުގެ އެލަވަންސްގެ ގޮތުގައި 12،985ރ. ލިބޭނެ އެވެ.
މަގާމާއި ޝަރުތުތައް:
- ސީނިއާ ސިވިލް އިންޖިނިއަރެއް ނަމަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ޑޮކްޓޯރިއަލް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ނުވައެއްގެ މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ހަތަރު އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އަށެއް ގެ ޑިގްރީއެއް، ނުވަތަ ބެޗެލާސް އޮނާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި އަށް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން
- ސިވިލް އިންޖިނިއަރުންގެ ޝަރުތުތަކުގެ ތެރޭ ހިމެނެނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ނުވައެއްގެ މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އަށެއް ގެ ޑިގްރީއެއް، ނުވަތަ ބެޗެލާސް އޮނާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ހަތަރު އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން
- އެސިސްޓަންޓް ސިވިލް އިންޖިނިއަރުގެ ޝަރުތުތަކުގެ ތެރޭ ހިމެނެނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އަށެއް ގެ ޑިގްރީއެއް ނުވަތަ ބެޗެލާސް އޮނާސް ޑިގްރީއެއް ހާސިލުކޮށްފައިވުން
އެ މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ 12 ޖެހުމާ ހަމައަށް ހުޅުވާލާފައި ވާއިރު ފޯމާއި ލިޔެކިއުންތައް ހައުސިން މިނިސްޓްރީގެ ކައުންޓަރުން ނުވަތަ އެ މިނިސްޓްރީގެ އީމެއިލުން ބަލައިގަންނާނެ އެވެ.