ރާއްޖެ ހަމައަކަށް އަޅުވަން ކޮމަންވެލްތުން ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ހަމަޖައްސައިފި
ރާއްޖެ ހަމައަކަށް އަޅުވަން ކޮމަންވެލްތުން ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ހަމަޖައްސައިފި

ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމުގެ ޒިންމާ ހަވާލުކޮށް، ކޮމަންވެލްތުން ރާއްޖެ އަށް ހާއްސަ މަންދޫބަކު ކަނޑައަޅައިފި އެވެ.

ކޮމަންވެލްތުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ހަމަޖެއްސީ ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ވިލީ މުޓުންގާ އެވެ.

ކެންޔާގެ ދަ ސްޓާ ނޫހުން ބުނި ގޮތުގައި އެކަން އިއުލާން ކުރެއްވީ މުޓުންގާ ރިޓަޔަ ކުރެއްވުމުން އޭނާ އަށް އަލްވަދާއު ކިއުމަށް ކެންޔާގެ ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ހަފުލާގައި މުޓުންގާ ވިދާޅުވީ، ސްޓާ ނޫހުން ބުނި ގޮތުގައި، އޭނާ މަސައްކަތް ކުރާނީ ރާއްޖޭގެ ސިޔާސީ ފަރާތްތައް އެއްގަލަކަށް އެރުވުމަށެވެ.

"މިކަމުގެ ބޭނުމަކީ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިހާބެއް 2018 ގައި ބޭއްވުމަށް މަގުފަހި ކުރުމަށް ބޭނުންވާ މަޝްވަރާގެ އިންތިޒާމް ހަމަޖައްސައި ދިނުން. އަދި ރާއްޖޭގެ މުއައްސަސާތަކާއި ޑިމޮކްރެސީ ވަރުގަދަ ކުރަން އެހީ ވާން ވެސް ވަނީ ހަވާލުކޮށްފައި،" މުޓުންގާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ކޮމަންވެލްތުގެ ބަހެއް އަދި ނުލިބެ އެވެ.

އެކަމަކު، ރާއްޖެ އަށް ހާއްސަ މަންދޫބެއް ކަނޑައަޅާނެކަން ކޮމަންވެލްތުން ވަނީ ކުރިން އިއުލާންކޮށްފަ އެވެ.

މިއީ ކޮމަންވެލްތުގެ ހާއްސަ މަންދޫބެއް ރާއްޖެ އަށް ކަނޑައެޅި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2012 ގައި ވެރިކަން ބަދަލުވުމާ އެކު ހިނގި ހަމަނުޖެހުންތަކާއި އޭރު އޮތް ސިޔާސީ ހަލަބޮލިކަން ހައްލު ކުރުމަށް ރާއްޖެ އަށް އެހީ ވުމަށް ވެސް ކޮމަންވެލްތުން ހާއްސަ މަންދޫބެއް ހަމަޖެއްސި އެވެ.