20 އެޕްރީލް 2017 - 15:30

އިސްލާމްއާބާދު (އޭޕްރީލް 20) - ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުތަކުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން ދުރުކުރެވޭވަރުގެ ކޮރަޕްޝަނެއް ނެތް ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނަމަވެސް ކޯޓުން ވަނީ ފައިސާ ޓްރާންސްފާ ކޮށްފައިވާ މައްސަލައިގެ އިތުރު ތަހުގީގެއް ކުރުމަށް އަންގައިފަ އެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރޭން ދެ ފަނޑިޔާރުންގެ ހުކުމް އައީ ނަވާޒް ޝަރީފާ ދެކޮޅަށެވެ. އަނެއް ތިން ފަނޑިޔާރުން ނިންމީ ބޮޑު ވަޒީރުގެ މައްޗަށް ތުހުމަތު ކުރާ މައްސަލަ އިތުރަށް ބެލުމަށެވެ.
ނަވާޒް ޝަރީފުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް، މަގާމުން ދުރުކުރުމަށް ކޯޓަށް ހުށަހެޅީ 2015 ވަނަ އަހަރު ލީކުކޮށްލި ޕެނަމާ ޕޭޕާސްގައި ނަވާޒް ޝަރީފުގެ ތިން ބޭފުޅަކު ގައުމުން ބޭރުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ވާހަކަ ހިމަނާފައިވާތީ އެވެ. ނަވާޒް ޝަރީފް އާއި އާއިލާ އިން ބުނެފައި ވަނީ ގަވާއިދާޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން ފެންމަތިކޮށްފައިވާ މައްސަލަތަކެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ނަވާޒް ޝަރީފުގެ މައްސަލާގައި ހުކުމް އިއްވަން ތައްޔާރުވަމުން ދިޔަ އިރު ކޯޓު ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަނީ 15،000 ސިފައިން ނެރެފަ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަށް ނަވާޒް ޝަރީފްގެ މުސްލިމް ލީގު ޕާޓީން ވަނީ މަރުހަބާ ކިޔައިފަ އެވެ.
ނަވާޒް ޝަރީފުގެ މައްސަލަ ސުޕްރީމް ކޯޓުން މިދިޔަ އަހަރު ފަހުކޮޅު ބަލަން ފެށީ އިދިކޮޅު ލީޑަރު އިމްރާން ޚާންގެ ތަހުރީކީ އިންސާފު ޕާޓީން ހުށަހެޅުމާ ގުޅިގެންނެވެ.
ޕެނަމާ ޕޭޕާސް އިން ވަނީ ނަވާޒް ޝަރީފުގެ އަންހެން ދަރިކަނބަލުން މަރިޔަމް އާއި ފިރިހެން ދެ ބޭފުޅުން ކަމަށްވާ ހަސަން އާއި ހުސައިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ވިޔަފާރި ކުރަމުންދާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ލަންޑަނުން ބިން ގަނެ ވިޔަފާރި ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. ޕެނަމާ ޕޭޕާސް އިން ވަނީ 11 މިލިއަން ޑޮކިއުމެންޓް ލީކުކޮށްލައިފަ އެވެ.
ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ނަވާޒް ޝަރީފް މިދިޔަ އަހަރު ވިދާޅުވީ އެމަނިކުފާނުގެ އާއިލާ އިން ވިޔަފާރި ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި އާއިލީ ވިޔާރި ވަނީ އެމަނިކުފާނު ސިޔާސީ ދާއިރާ އަށް ވަނުމުގެ ކުރިން ވެސް ފަށާފައި ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އިމްރާން ޚާން ވިދާޅުވެފައި ވަނީ ނަވާޒް ޝަރީފުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުނިތަކުން ގައުމުން ބޭރުގައި ކުރާ ވިޔަފާރިއާ ބެހޭ ގޮތުން ނަވާޒް ޝަރީފުގެ ވަކީލުން ވާހަކަ ދައްކަނީ އެކި ފަހަރު އެކި ގޮތަށް ކަމަށެވެ. އަދި އެ ކުންފުނިތައް މެދުވެރިކޮށް މަނީ ލޯންޑްރިންގެ އެއްވެސް ކަމެއް ނުކުރާކަން ނަވާޒް ޝަރީފް ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް އިމްރާން ޚާން ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޔޫސުފް ރަޒާ ގިލާނީގެ މަގާމު 2012 ވަނަ އަހަރު ވަނީ ގެއްލިފަ އެވެ.