ސޮނާކްޝީއާ ވަރަށް ގަޔާވޭ: އަރްޖުން
ސޮނާކްޝީއާ ވަރަށް ގަޔާވޭ: އަރްޖުން

އަރްޖުން ކަޕޫރާއި ސޮނާކްޝީ ސިންހާ ތަންކޮޅެއް ކުރިން ރައްޓެހިވެގެން އުޅުނު ކަމަށް ވަރަށް ގަދަޔަށް ޚަބަރުތައް ފެތުރުނެވެ. މި މީހުން ރައްޓެހިވީ އެ ދެ ތަރިން އެކުގައި "ތޭވަރް" ގެ ޝޫޓިން ކުރިއަށް ގެންދިޔައިރު ކަމަށްވެ އެވެ. ނަމަވެސް ފަހުން މައްސަލަތައް ޖެހި ދެ މީހުން ވަނީ ރުޅިވެފަ އެވެ.

ރުޅިވާން މެދުވެރިވީ ކޮންމެ ސަބަބަކަށް ވިޔަސް އަރްޖުން ބުނަނީ ބައެއް ފަހަރަށް ގުޅުން ދެމެހެއްޓުމަކީ އުނދަގޫ ކަމަކަށް ވުމުން އެފަދަ ގުޅުންތައް ނިމުމަކަށް އައުން މާ ރަނގަޅުވާނެ ކަމަށެވެ.

"ބައެއް މީހުންނާ އޮންނަ ގުޅުން ގިނަ ދުވަހަށް ދެމި އޮވޭ. އަނެއްބައި ގުޅުންތައް ދެ މީހުން އެކުގައި ކުޅޭ ފިލްމެއް ނިމޭއިރަށް ކެނޑިގެން ދޭ. ސަބަބަކީ ފިލްމު ނިމުމުން ކޮންމެ މީހަކުވެސް އަނެކަކާ ވަކިވެގެން އެހެން މަސައްކަތްތަކަށް އެނބުރި ދަނީ. އަހަރެން އަދިވެސް ސޮނާކްޝީއާ ވަރަށް ގަޔާވޭ،" މުމްބާއީ މިރާ އަށް ދީފައިވާ އިންޓަވިއުއެއްގައި އަރްޖުން ބުންޏެވެ.

ނަމަވެސް އަރްޖުން އާއި ސޮނާކްޝީ މިހާރު އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

އަރްޖުން ބުނި ގޮތުގައި ޕާޓީއެއް ފަދަ ތަނަކުން ބައްދަލުވެއްޖެ ނަމަ އެ މީހުން އެކަކު އަނެކަކާ ސަލާން ކޮށްލަ އެވެ. އަދި ވަކި ގޮތަކަށް އަނެކަކާ ދޭތެރޭ ކަންތައް ބަހައްޓަން އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ

ސޮނާކްޝީގެ އާ ފިލްމު "ނޫރް" އަށް ވެސް އަރްޖުން ތައުރީފު ކުރި އެވެ. އޭނާ ބުނި ގޮތުގައި ފިލްމުގެ ޓްރެއިލާ އޭނާ ވަނީ ބަލާފަ އެވެ. އަދި ސޮނާކްޝީގެ ކެރިއަރުގައި މިހާރު ކުރިއަށް ދަނީ ވަރަށް ހިތްހަމަޖެހޭ ކަހަލަ ދުވަސްވަރެއް ކަމަށް އޭނާ ބންޏެވެ.