ސަލްމާން ޚާންގެ "ޓިއުބުލައިޓް" ޕޯސްޓަރު ވަރަށް ޝައުގުވެރި
ސަލްމާން ޚާންގެ "ޓިއުބުލައިޓް" ޕޯސްޓަރު ވަރަށް ޝައުގުވެރި

ސަލްމާން ޚާންގެ އާ ފިލްމު "ޓިއުބުލައިޓް"ގެ ދެ ވަނަ ޕޯސްޓަރަށް ސޯޝަލް މީޑިއާގައި ވަނީ ބޮޑު ސަމާލު ކަމެއް ލިބިފަ އެވެ.

ފުރަތަމަ ޕޯސްޓަރުގައި ފެންނަނީ ސަލްމާން ފުރަގަހަށް އެނބުރި ހުއްޓާ ނަމަވެސް ދެ ވަނަ ޕޯސްޓަރުގައި އޭނާ ހުންނަނީ ކެމެރާއަށް ކުރިމަތިލައިގެންނެވެ. ފުރަތަމަ ޕޯސްޓަރެކޭ އެއްގޮތަށް ދެ ވަނަ ޕޯސްޓަރު ވެސް ވަރަށް ޝައުގުވެރި އެވެ. ޕޯސްޓަރުން ސަލްމާންގެ ކެރެކްޓާ ކޮންމެވެސް ވަރަކަށް ސިފަވެ އެވެ. މައުސޫމް، އެކަމަކު ބިރުވެރި ގޮތެއް އެ ފޮޓޯއިން ސިފަވެ އެވެ.

ދެ ބޫޓު ކިބަ ނާޑުވާއިން ގޮށް ޖަހާލައި ކަރުގައި އަޅުވައިގެން ސަލްމާން ހުންނަނީ ސެލިއުޓް ނަގައިގެންނެވެ.

އަންނަ ކުޑަ އީދު ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާ މި ފިލްމަކީ 1962 ގައި ހިނގި އިންޑިއާ-ޗައިނާ ހަނގުރާމައިގެ ދުވަސްވަރަށް ބިނާކޮށްފައިވާ އާދަޔާ ޚިލާފު ރީތި ލޯބީގެ ވާހަކައަކަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުގެ ބަތަލާއަކީ ޗައިނާގެ ޒޫ ޒޫ އެވެ.

މިއީ "އޭކް ތާ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" އަށް ފަހު ސަލްމާނާއި ޑައިރެކްޓަރު ކަބީރް ޚާން ގުޅިގެން އުފައްދާ ތިން ވަނަ ފިލްމެވެ. ފިލްމުގެ ބޮޑު ބައެއް ޝޫޓް ކޮށްފައިވަނީ އިންޑިއާގެ ލަޑާކް އަދި މަނާލީގަ އެވެ.

ޖޫން 23 ގައި މި ފިލްމު ރިލީޒްކުރާއިރު ސަލްމާންގެ އެންމެ ފަހުގެ ފިލްމަށް ވުރެ ރަނގަޅު ވިޔަފާރިއެއް މި ފިލްމަށް ވާނެ ކަމަށް މިހާރުއްސުރެ ގިނަ ބަޔަކު ވަނީ އަންދާޒާކޮށްފަ އެވެ.