ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިއްމު އެއް މާކެޓް ކަމަށްވާ
މެދުތެރޭ އޭޝިއާ އާއި އިރުމަތީ ޔޫރަޕަށް އަމާޒުކޮށްގެން މޯލްޑިވްސް ނެޝަނަލް
ހޮޓެލްސް ގެސްޓް ހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އިން ބާއްވާ "އައި
އޭމް މޯލްޑިވްސް" ރޯޑްޝޯގެ ފުރަތަމަ އިވެންޓް ރަޝިއާގެ ވެރިރަށް މޮސްކޯގައި
ބާއްވައިފި އެވެ.

ވިޒިޓް މޯލްޑިވްސް އާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް
އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާ ގުޅިގެން ބާއްވާ މި ހަރަކާތުގައި ދެން
އޮންނާނީ މި މަހުގެ 23 ގައި ރަޝިއާގެ ސެއިންޓް ޕީޓާސްބާގުގައި އަދި 25 ގައި
ކަޒަކިސްތާނުގެ ވެރިރަށް އަލްމާޓީގައި ބާއްވާ ރޯޑްޝޯ އެވެ.

މި ހަރަކާތުގައި ރިޒޯޓް، ހޮޓެލްސް، ގެސްޓްހައުސް، ލިވްއަބޯޑް،
އަދި ޓްރެވަލް އޭޖެންސީތައް ހިމެނޭހެން ރާއްޖޭގެ ޓޫރިޒަމް ތަމްސީލުކުރާ 26
ކުންފުންޏަކުން 50 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. މޮސްކޯގައި އިއްޔެ
ބޭއްވި ރޯޑްޝޯގައި އެ ގައުމުގެ ޓުއާ އޮޕަރޭޓާރުންނާއި، ޓްރެވަލް އޭޖެންޓުންނާއި،ދ
ާއިރާގެ އިސް ފަރާތްތައް ހިމެނޭހެން 90 އަށް ވުރެ މީހުން ބައިވެރިވި އެވެ.

މި ރޯޑްޝޯގެ ތެރެއިން ވަކިވަކި ނެޓްވޯކިން
ބައްދަލުވުންތަކާއި، ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ ތައާރަފުކުރުމަށް ޕްރެޒެންޓޭޝަންތައް
ކުރިއަށްގެންދިޔަ އެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމުން ލިބެންހުރި އެކޮމަޑޭޝަން
އޮޕްޝަންތަކާއި، ކުރެވެން ހުރި ތަޖުރިބާތަކާއި، ދެމެހެއްޓެނިވި ޓޫރިޒަމްގެ
ފުރުސަތުތައް ރަޝިއާ މާކެޓަށް ތައާރަފުކުރުން އޮތެވެ.

މޮސްކޯގައި އޮތް "އައި އޭމް މޯލްޑިވްސް" އިވެންޓުގެ ތެރެއިން.

މޮސްކޯގައި އޮތް "އައި އޭމް މޯލްޑިވްސް" އިވެންޓުގެ ތެރެއިން.

މި ރޯޑްޝޯގެ ތެރެއިން ގެސްޓް ހައުސް އެސޯސިއޭޝަން ރައީސް
އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ވަނީ "އައި އޭމް މޯލްޑިވްސް" މަޖައްލާގެ
2026/2027 ގެ އަދަދު ވަނީ އިފްތިތާހުކޮށްފަ އެވެ.

މި ރޯޑްޝޯގައި ވާހަކަދައްކަވަމުން އަބްލޯ ވިދާޅުވީ މެދުތެރޭ
އޭޝިއާ އާއި އިރުމަތީ ޔޫރަޕް ނުވަތަ ސީއައިއެސް މާކެޓަކީ ރާއްޖެ އަށް އެންމެ މުހިއްމު
އަދި އެންމެ ފުރުސަތު ބޮޑު އެއް މާކެޓް ކަމަށާއި، މި އިވެންޓުގެ ސަބަބުން ރާއްޖޭގެ
މަގުބޫލުކަން އިތުރުކުރެވި، ރާއްޖޭގެ ހާއްސަ ކަންކަން ތައާރަފުކުރެވޭނެ ކަމަށެވެ.

މި މާކެޓުން އަންނަނީ އަހަރަކުން އަހަރެއް ކުރިއެރުން
ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު މި ސަރަހައްދުން 278،761 ޓޫރިސްޓުން ރާއްޖެ
އަށް ޒިޔާރަތްކުރި އެވެ. މިއީ އޭގެ ކުރީ އަހަރާ ބަލާއިރު 23.8 ޕަސެންޓުގެ ކުރިއެރުމެކެވެ.

"އައި އޭމް މޯލްޑިވްސް"
ބްރޭންޑުގެ ދަށުން މީގެ ކުރިން ދެ ރޯޑްޝޯއެއް ގެސްޓް ހައުސް އެސޯސިއޭޝަނުން ވަނީ
ބާއްވައިފަ އެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވީ ޖޯޖިއާ، އަޒަރުބައިޖާން،
ރޫމޭނިއާ، ޕޮލެންޑް އަދި ޗެކް ރިޕަބްލިކުގަ އެވެ. އަދި މި އަހަރު ކުރީކޮޅު ހޮންކޮން
އާއި މެލޭޝިއާގައި ވަނީ ބާއްވައިފަ އެވެ.