ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެންމެ މަޝްހޫރު އެއް ކުންފުންޏާ އެކު ދިވެހި ސަރުކާރުން 12 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ދެންމެ ސޮއިކޮށްފި އެވެ.

ރާއްޖޭގެ ޖުމްލަ ޖީޑީޕީ 8 ބިލިއަން ޑޮލަރުގައި ހުރި އިރު، މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު އޭގެ ދެ ގުނައަށް ވުރެ ބޮޑެވެ. 

ހައުސިން މިނިސްޓްރީ އާއި ޔޫއޭއީގެ އީގަލްސް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، ޔޫއޭއީގެ އަބޫދާބީގައި މަރުކަޒު ކޮށްފައިވާ އީގަލް ހިލްސް ކުންފުނިން ދިވެހި ސަރުކާރާ އެކު އެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ކަމަށެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން މުަހައްމަދު އަލައްބާރު އެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ވޯޓަފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ މި މަޝްރޫއުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭއިރު، ވިޔަފާރި އާއި ކެއިންބުއިމާއި ދުޅަހެޔޮކަމާއި ތައުލީމާއި ސިއްހީ ހިދުމަތް އަދި އިޖުތިމާއި އެންމެހައި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މި މަންޒިލުން ދޫކުރާ ބިންތަކާއި އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުންނެވެ.

ވިއްކުމުގެ މުއާމަލާތަކުން ނުވަތަ ވާރުތަވުމުގެ ތެރެއިން މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަލުން 99 އަހަރުގެ ލީސްހޯލްޑް މުއްދަތެއް ފަށާނެ އެވެ. މިއީ އިންވެސްޓަރުންނާއި ވެރިފަރާތްތަކަށް ޖީލުތަކަކަށް ދެމިގެންދާނެ ފަދަ ގާނޫނީ އަދި މާލީ ރައްކާތެރިކަމެއް ކަށަވަރުކޮށްދޭނެ މަޝްރޫއެއް ކަމަށް ސަރުކާރުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، މި މަޝްރޫއު ހިންގަނީ ރަސްމާލޭން މިހާރު ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގަ އެވެ. ނަމަވެސް، މިކަމުގެ ސަބަބުން ކުރިން އިއުލާން ކޮށްފައިވާ ގޮތަށް ދިވެހި ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ކަނޑައަޅާފައިވާ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.