20 އެޕްރީލް 2017 - 15:26

މިއީ މި އަހަރުގެ ތެރޭގައި ރާއްޖެ އަށް އެންމެ ހޫނުގަދަވާނެ ދުވަސްވަރު ކަމަށާއި ހޫނުމިން 34 ޑިގްރީ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން މިއަދު ބުނެފި އެވެ.
އެ ސެންޓަރުގެ ޑިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވީ އުތުރާއި މެދު ރާއްޖެތެރޭގެ ހިސާބުތަކުގެ ހޫނުމިން 33 ޑިގްރީ އަށް އިއްޔެ އެރި ކަމަށެވެ. އަދި ދެކުނުގެ ރަށްތަކުގެ ހޫނުމިން 32 ޑިގްރީ އަށް މަތިވި އެވެ. ހޫނުމިން އެންމެ މައްޗަށް ދިޔަސް ދާނެކަމަށް ލަފާކުރެވެނީ 34 ޑިގްރީ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
""މިއީ މިއަހަރުގެ ތެރޭގައި ރާއްޖެ އަށް އެންމެ ހޫނު ދުވަސްކޮޅު. ހޫނުމިން އެންމެ ދަށަށް ދިޔަސް ދާނީ 28 ޑިގްރީ އަށް. ހުޅަނގު މޫސުމުގެ ވިއްސާރައާ ހަމައަށް މި ވަރަށް އޮންނާނީ،" ރަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައިވަނީ، 1996 ވަނަ އަހަރު އެވެ. އެ އަހަރު ހޫނުމިން 36 ޑިގްރީ އަށް އެރި ކަމަށް މެޓުން ބުންޏެވެ.
މިދިޔަ އަހަރު ވެސް ރާއްޖެ އަށް ވަރަށް ހޫނުގަދަވި އިރު، ހޫނުމިން އެންމެ މައްޗަށް ދިޔައީ 35 ޑިގްރީ އަށެވެ.