އައިޝްވަރިޔާ އާއި އަބީޝެކްގެ އާދައިގެ ދިރިއުޅުން
އައިޝްވަރިޔާ އާއި އަބީޝެކްގެ އާދައިގެ ދިރިއުޅުން

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އައިޝްވަރިޔާ ރާއީ އާއި އަބީޝެކް ބައްޗަންގެ ކައިވެންޏަށް މިދިޔަ ބުރާސްފަތި ދުވަހު 10 އަހަރު ވަނީ ފުރިފަ އެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން އައިޝްވަރިޔާގެ ބައްޕަ މަރުވެފައި ވާތީ ކައިވެނީގެ އުފާ ފާޅެއް ނުކުރެ އެވެ. އައިޝްވަރިޔާ އާއި އަބީޝެކްގެ ފޭނުން ސޯޝަލް މީޑިއާގައި ފޮނުވި ތަހުނިޔާތަކަށް ޝުކުރު އަދާކޮށް ޓްވީޓެއް ކޮށްލުން ފިޔަވައި މާބޮޑު ކަމެއް ނެތެވެ.

އައިޝްވަރިޔާ އާއި އަބީޝެކްގެ އާދައިގެ ދިރިއުޅުން
އައިޝްވަރިޔާ އާއި އަބީޝެކްގެ އާދައިގެ ދިރިއުޅުން

ދުނިޔޭގެ ރީތީގެ ރާނީއެއްގެ ލަގަބު ލިބިފައިވާ އައިޝްވަރިޔާ އާއި އަބީޝެކްގެ ލޯބީގެ ވާހަކަ އަކީ ހަގީގީ ލޯބިވެރިންނަށް މިސާލެކެވެ. މި ދެމަފިރިންނަކީ ގާތް ދެ އެކުވެރިންނެވެ.

އައިޝްވަރިޔާ އާއި އަބީޝެކްގެ އާދައިގެ ދިރިއުޅުން
އައިޝްވަރިޔާ އާއި އަބީޝެކްގެ އާދައިގެ ދިރިއުޅުން

އަބީޝެކް އާއި އައިޝްވަރިޔާ ފުރަތަމަ ބައްދަލުވީ މި ދެ ތަރިން އެކުގައި ކުޅުނު "ދާއި އަކްޝަރް ޕްރޭމް ކޭ"ގެ ސެޓުންނެވެ. އެއީ 2000 ވަނަ އަހަރެވެ. އޭގެ ފަހުން 2003 ގައި "ކުޗް ނާ ކަހޯ" ގައި ވެސް އެކުގައި މަސައްކަތް ކުރި އެވެ. މި ދުވަސްވަރަކީ ހަމައެކަނި "އެކުވެރިން"ގެ ގޮތުގައި މި ދެ އެކްޓަރުން ހޭދަކުރި ދުވަސްތަކެކެވެ. ނަމަވެސް މި ދުވަސްވަރަކީ ދެ މީހުން އެކަކު އަނެކަކަށް ރަނގަޅަށް ދަސްވި ދުވަސްވަރޭ ވެސް ބުނެވިދާނެ އެވެ.

ބުނެވޭ ގޮތުގައި އައިޝްވަރިޔާ އާއި އަބީޝެކްގެ ލޯބީގެ ހުޅުކޮޅު ދިއްލިގެން ދިޔައީ 2005 ގައި ނުކުތް "ބަންޓީ އައުރް ބަބްލީ" އަށް އައިޝްވަރިޔާ ކުޅެދިން އައިޓަމް ނަންބަރެއް ކަމަށްވާ "ގަޖްރާ ރޭ" ގެ ޝޫޓިން ގެ ތެރޭގަ އެވެ. ނަމަވެސް އެކަކު އަނެކަކާ ގަޔާވި ނަމަވެސް އެކަން މާބޮޑަށް ފާޅުކުރެވޭ ގޮތެއް އޭރަކު ނުވި އެވެ. ސަބަބަކީ އެ ފިލްމުގައި އައިޝްވަރިޔާގެ އެ ލަވަ ފިޔަވައި އެހެން މަންޒަރެއް ނެތީމަ އެވެ. ނަމަވެސް ޖެހިގެން އައި 2006-2007 އަށް މި ދެ ތަރިން އެކުގައި ތިން ފިލްމެއް ކުޅުނެވެ. "ދޫމް 2" އާއި "އުމްރާއޯ ޖާން" އަދި "ގުރޫ" އެވެ.

"ދޫމް 2" ގެ ޝޫޓިންގައި ބޭރު ގައުމެއްގައި މި ދެ ތަރިން އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ލިބުނެވެ. އަދި މިއީ ދެ މީހުންގެ ހިތުގައި އެކަކު އަނެކަކަށް ޚާއްސަ މަގާމެއް އުފެދިގެން ދިޔަ ދުވަސްވަރު ވެސް މެ އެވެ. އަދި އެންމެ ފަހުން ލޯބީގެ މާތައް ފޮޅެން ފެށީ އެވެ. "އުމްރާއޯ ޖާން" އާއި "ގުރޫ" ފަދަ ފިލްމުތައް ކުޅުނުއިރު ދެ މީހުން ތިބީ ހަމަ ރަނގަޅަށް ވެސް އެކަކު އަނެކަކު ދެކެ ލޯބި ވެވިފަ އެވެ.

އައިޝްވަރިޔާ ކުރެން ކައިވެންޏަށް އެހުމަށް އަބީޝެކް ނިންމީ ނިއު ޔޯކްގައި އޮތް "ގުރޫ"ގެ ޕްރޭމިއާ އަށް ފަހުގަ އެވެ. އޭރު މި ދެ ތަރިންގެ ލޯބީގެ ވާހަކަތައް އިންޑިއާގެ ނޫސް މަޖައްލާތަކުގައި ވަރަށް ގިނައިން ލިޔަމުން ދިޔަ އެވެ. ނިއު ޔޯކްގައި އައިޝްވަރިޔާ އަށް އަބީޝެކް ދިނީ އަގުބޮޑު އަލިމަހުގެ އަނގޮޓިއެއް ނޫނެވެ. "ގުރޫ"ގެ ސްޓޫޑިއޯގައި ގެންގުޅުނު ވަރަށް އާދައިގެ ފޭކް އަނގޮޓިއެކެވެ. "ގުރޫ" ގައި އެ ދެ މީހުންގެ ކެރެކްޓާ ކައިވެނިކުރާއިރު އަޅުވަނީ އެ އަނގޮޓި އެވެ. މި މަންޒަރުތައް ނިމުމަށް ފަހު ވެސް އެ އަނގޮޓި އޭނާ ބާއްވަންތޯ އަބީޝެކް ޕްރޮޑިއުސަރު ކިބައިން އެދި އޭނާގެ ހުއްދަ ލިބިގެން އެ ރައްކާކޮށްގެން ހުރީ އެވެ.

ހަގީގަތުގައި މިކަން ވެސް ވެގެން ދިޔައީ އައިޝްވަރިޔާގެ ހިތުގައި އަބީޝެކަށް އޮތް ގަދަރާއި ލޯބި އިތުރުވީ ކަމަކަށެވެ. އެ ދެ މީހުންނަކީ ވެސް އިންތިހާއަށް ފައިސާވެރި ބައެކެވެ. އެހެންކަމުން އެންމެ އަގުބޮޑު އެސް ޖަހާފައިވާ އަނގޮޓިއެއް ހޯދުމަކީ އެމީހުންނަށް އެއްވެސް ކަމެއް ނޫނެވެ. ނަމަވެސް އެއީ އެމީހުންނަށް އެހާ ބޭނުން ކަމަކަށް ނުވެ އެވެ. އަބީޝެކް އައިޝްވަރިޔާއަށް އެ ރޭ ދިން އަނގޮޓިއަކީ އެމީހުންގެ ހިތުގެ ޖަޒުބާތުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. އައިޝްވަރިޔާ ފަހުން ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި އަބީޝެކަކީ އޮރިޖިނަލް އަދި ހަގީގީ މީހެކެވެ.

އަބީޝެކް ކައިވެންޏަށް އެހުމުން އައިޝްވަރިޔާ އެއްބަސްވި އެވެ. އަދި ދެ މީހުން ވެސް އެކަން އާއިލާއަށް އެންގި އެވެ. އެމީހުން އެނބުރި މުމްބައި އަށް ދިޔައިރު ދެ ފަރާތުގެ އާއިލާއިން ވަނީ އެންގޭޖްމަންޓަށް ތައްޔާރުކޮށްފަ އެވެ. ޖެނުއަރީ 14، 2007 ގައި އަމީތާބު ބައްޗަންގެ ގޭގައި އާއިލާގެ ގާތް މީހުންގެ ހާޒިރުގައި އެމީހުން އެންގޭޖްވި އެވެ.

އައިޝްރިޔާ އާއި އަބީޝެކްގެ ކައިވެނި އޮތީ އޭޕްރީލް 20، 2007 ގަ އެވެ. އަމީތާބުގެ ޖަލްސާ ބަންގްލޯ އިން ނުކުތް، ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާ މީހުންތައް ނެށުމާއި ލަވަކިއުމުގެ ބޮޑު މަޖާގަނޑަކާ އެކު އަމީތާބުގެ އެހެން ގެއެއް ކަމަށްވާ ޕްރަތީކްޝާ އަށް ދިޔަ އެވެ.

މިހާރު މި ދެމަފިރިންނަށް ދަރިއަކު ވެސް ވަނީ ލިބިފަ އެވެ. އާރާދިޔާ ބައްޗަން އުފަންވީ ނޮވެމްބަރު 16، 2011 ގަ އެވެ. ދަރިފުޅު ލިބުމާއެކު ފިލްމު ކުޅުމާ ދުރުވެލައި ދަރިފުޅަށްޓަކައި އައިޝްވަރިޔާގެ ހުރިހާ ވަގުތެއް ހުސްކުރި އެވެ. އަދި މިހާތަނާ ޖެހެން ދެން ވެސް އޭނާ ކުޅެފައިވަނީ ވަރަށް މަދު ފިލްމެކެވެ. އެ ވެސް ދަރިފުޅަށް ވަގުތު ދީފައި ބާކީ އޮންނަ ވަގުތުކޮޅުގައި އޭނާ ކުޅެފައިވާ ފިލްމު ތަކެވެ.