16 ޖޫން 2016 - 23:19

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންގެ ބަންދުން ދޫކުރާނީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު ނިމުމުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އަދީބުގެ ވަކީލް މުސާ ސިރާޖު ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް މިއަދު ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމާ އެއްގޮތަށް އަދީބު ޖަލަށް ބަދަލުކޮށް ދެއްވުމަށެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ހުކުމްކޮށްފައިވާ މީހަކަށް ލިބެން ޖެހޭ އިނާޔަތްތައް އެ މަނިކުފާނަށް ލިބެމުން ނުދިއުމެވެ.
އަދީބުގެ ވަކީލުގެ ހުށަހެޅުއްވުމާ ގުޅޭ ގޮތުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް "މިހާރު" އަށް ވިދާޅުވީ ހުކުމް ކުރި ދެ މައްސަލައިގެ އިތުރުން ވެސް އަދީބާ ގުޅޭ ގޮތުން ތަހުގީގުކުރާ އިތުރު މައްސަލަތަކެއް އެބަހުރި ކަމަށެވެ. ފުލުހުންގެ ބަންދުގައި އެ މަނިކުފާނު ބަހައްޓާފައި ހުރީ އެ މައްސަލަތައް ނިމެންދެން ކަމަށް ވެސް ނަވާޒް ވިދާޅުވި އެވެ.
އަދީބު މިހާރު ހުންނެވީ ފުލުހުންގެ ކަސްޓޯޑިއަލް، ދޫނިދޫގަ އެވެ.
"އެ ތަހުގީގުތައް ނިމުނުހާ އަވަހަކަށް އަދީބު ހުކުމާ އެއްގޮތަށް ބަދަލު ކުރާނެ. އަޅުގަނޑުމެން މި ދަނީ ވީހާ ވެސް އަވަހަކަށް އެ ތަހުގީގުތައް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުން،" ނަވާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ބަންދުގައި އަދީބު ބަހައްޓާފައި ހުރީ ގާނޫނީ ގޮތުން ނަގަން ޖެހޭ ހުއްދަތައް ނަގައި އުސޫލުތައް ފުރިހަމަކޮށްގެންނެވެ. އަދީބުގެ ތަހުގީގުތަކެއް ހިނގަމުން ދާއިރު، އެ މަނިކުފާނު ހުންނަވަން ޖެހިވަޑައިގަންނަވާ ތަން ކަނޑައަޅުއްވާނީ ވަކީލުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅުކުރެއްވި ލޯންޗްކޮޅު "ފިނިފެންމާ"ގައި އައިއީޑީއެއް ގޮއްވާލުމުގެ އަޑީގައި ހުންނެވީ އަދީބު ކަމަށް ސާބިތުވެ، އެ މަނިކުފާނު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ ކުރި ދައުވާގައި އަދީބުގެ މައްޗަށް އިތުުރު 10 އަހަރުދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
އޭގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލާގައި ވެސް އަދީބުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެ އެވެ. އޭގެ ތެރެއިން އެއް މައްސަލައިގެ ޝަރީއަތް ފަށާފައި ވާއިރު، ދެން ހުރި މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.