ކަންކަމާ ޝުކުރުވެރިވާށެވެ. އޭގެ ފައިދާ ފަހުން މާ ބޮޑުވާނެ އެވެ.
ކަންކަމާ ޝުކުރުވެރިވާށެވެ. އޭގެ ފައިދާ ފަހުން މާ ބޮޑުވާނެ އެވެ.

ލިބޭ މިންވަރަށް ނުވަތަ ހާސިލްކުރެވޭ ކުދިކުދި އުފާތަކަށް ޝުކުރު ކުރުމަކީ އޭގެ ފައިދާ މުޅި ދިރިއުމަށް ވެސް ކުރާނެ ކަމެކެވެ. އެއް ދުވަސްވަރެއްގައި އަޅުގަނޑާ އެކު އޮފީހުގެ އިސް ވެރިއަކަށް މަސައްކަތް ކުރި މީހެއްގެ ވާހަކަ ފާހަގަކޮށްލާނަމެވެ. އޭނާގެ ދަށުން މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް، އޭނާގެ އަތު ލިޔުމުން ތައްޔާރުކުރާ ސިޓީތައް ވަރަށް ގިނައިން ފޮނުވަ އެވެ. މިސިޓީތަކުގައި މުވައްޒަފުން ކޮށްދީފައިވާ މަސައްކަތްތަކާއި އަދި އެމީހުންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީތީ އެކަމާ އުފާވާކަމަށް އޭނާ ފާހަގަކުރެ އެވެ. އަދި ބައެއް ފަހަރަށް ކުރިން ހޯދިފައި ހުންނަ ކާމިޔާބީތަކުގެ ވާހަކަ ވެސް އޭނާ އެސިޓީތަކުގައި ފާހަގަކުރެ އެވެ. އޭނާގެ މި ފުރިހަމަ އަމަލުން، އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެމީހުން ކުރާ މަސައްކަތް ބަލައިގަންނަ ކަމުގެ އިހްސާސް ކުރެވެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިތުރަށް ބުރަކޮށް މަސައްކަތް ކުރުމަށް ހުރިހާ މުވައްޒަފުންނަށް ހިތްވަރު ލިބިގެން ދެ އެވެ. ހަގީގަތަކީ، މިގޮތަށް ތިމާ ކުރާ މަސައްކަތް އެހެން މީހަކު ފާހަގަކޮށް އެއަށް ތާރީފުކުރުމުން، އޭގެ ބަދަލުގައި ތިމާ އަދާކުރަން ޖެހޭ ޒިންމާގެ މުހިއްމުކަން އަމިއްލައަށް އިހްސާސް ކުރެ ވެ އެވެ.

ތިބާއަށް ލިބިފައިވާ، ކުޑަ ނަމަވެސް، ނިއުމަތްތަކާ މެދު ވިސްނާލަބާލާށެވެ. ތިބާ ދުނިޔޭގައި ލަހައްޓަވާފައި ހުރުމާއި ތިބާ ދެކެ ލޯބިވާ މީހުން ވެސް އެބަ ތިއްބެވެ. ހަމައެހެންމެ، ކޮންމެވެސް ވަރެއްގެ ދުޅަހެޔޮ ސިއްހަތެއް ވެސް ތިބާއަށް ލިބިފައި ވެ އެވެ. އާދައިގެ ނަމަވެސް ކޮންމެވެސް ވަރެއްގެ ފުދުންތެރި ދިރިއުޅުމެކެވެ. އަދި، އޮންލައިންކޮށް، މި ލިޔުން ކިޔާލުމުގެ މަގު ވެސް ތިބާއަށް ވަނީ ތަނަވަސް ވެފަ އެވެ. މިއީ ހައްތާވެސް ޝުކުރު ހައްގު އުފާތަކެވެ. ނޫންތޯ އެވެ؟

ލިބިފައިވާ މިފަދަ ނިއުމަތްތަކާ މެދު އެންމެ ފަހުން ތިބާ ވިސްނާލީ ކޮން އިރަކުތޯ އެވެ؟ ބައެއް ފަހަރަށް، ދިރިއުޅުމުގެ ބުރަ ކަމުން މިފަދަ ކަމަކާ މެދު ވިސްނާލަން ފުރުސަތު ލިބޭނެކަމަށް ގަބޫލުކުރަން ދައްޗެވެ. ނަމަވެސް، ތިމާއަށް ލިބިފައި ނުވާ ނިއުމަތްތަކާ މެދު އަބަދުމެ ކަހަލަ ގޮތަކަށް ވިސްނައި އެކަމުގައި ތާ އަބަދު ފިކުރުކުރެވެ އެވެ. އެހެންނޫންތޯ އެވެ؟

ދިރިއުޅުމަކީ، ހަމައެކަނި ތިމާ ބޭނުންވާ ކަންކަންކުރުމާ މެދު ފިކުރުކޮށް މުޅި އުމުރު ހުސް ކުރުމެއް ނޫނެވެ. ތިމާއަށް ކަންކަން ހާސިލުވެފައިވާކަން ގަބޫލުކޮށް އެކަމަށް ޝުކުރުވެރިވުމަކީ ވެސް އޮންނަން ޖެހޭ މުހިއްމު ކަމެކެވެ. ދިރިއުޅުމަކީ ތާއަބަދަށް ދެމިގެންދާނެ އެއްޗެއް ނޫންކަމާއި، މި ދުނިޔޭގައި ދިރިއުޅުމުގެ ފުރުސަތަކީ އެންމެ ފަހަރަކު ލިބޭނެ އެއްޗެއް ކަމާ މެދު ވިސްނަންވާނެ އެވެ. މި ސަބަބާ ހުރެ، މި ދުނިޔޭގައި ދިރިއުޅުމަށް ލިބިފައިވާ ފުރުސަތު އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެހެންކަމުން، ތިމާއަށް ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވެ، އެކަމުގެ އުފާ ހާސިލުކޮށްލުމަށް ކުޑަ ވަގުތު ކޮޅެއް ނަމަވެސް ހޭދަކޮށްލާށެވެ. އެއިން ލިބޭނެ ފައިދާ ވަރަށް ވެސް ބޮޑުވާނެ އެވެ. މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.