ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 3-0 އިން ބަލިވުމަކީ
އާސެނަލް އަށް ލިބުނު ވަރަށް ބޮޑު ފިލާވަޅެއް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ
ބުނެފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް މި ސީޒަން ފެށީ ފުރަތަމަ
ހަތަރު މެޗުން މޮޅުވެ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެކަމަކު ރޭ ރަށުން ބޭރުގައި
ބްރައިޓަންއާ ދެކޮޅަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މީގެ އެންމެ ބޮޑު ފައިދާއެއް
ނެގެން އޮތީ މެންޗެސްޓާ ސިޓީ އަށެވެ. އެ ޓީމު މިރޭ ސަންޑަލެންޑް އަތުން މޮޅުވެއްޖެ
ނަމަ 15 ޕޮއިންޓާ އެކު އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ. އާސެނަލް
އަތުގައި 12 ޕޮއިންޓް އޮތްއިރު، ބްރައިޓަން ވަނީ ރޭގެ މޮޅާ އެކު 10 ޕޮއިންޓް
ހަމަކޮށް ތިން ވަނަ އަށް އަރައިފަ އެވެ.
އާޓެޓާ ބުނީ ރޭގެ މެޗުގައި އޭނާގެ ޓީމަށް ވުރެ ފިޒިކަލީ
ވަރުގަދައީ ބްރައިޓަން ކަމަށެވެ. އަނެއްކޮޅުން އާސެނަލުން އެތައް ގޯހެއް ހެދިއިރު،
މެޗުގެ ކޮންޓްރޯލް ނުހޯދި އުފެއްދުންތެރި ކުޅުމެއް ވެސް ނުދެއްކުނު ކަމަށް އޭނާ
ބުންޏެވެ.
"އާދައިގެ ކަންކަން ވެސް ނުކުރެވި ދިޔައީ. މިއީ
ބްރައިޓަން އަށް ހައްގު މޮޅެއް،" އާޓެޓާ ބުންޏެވެ.
އޭނާ ބުނީ މި މެޗުން ބަލިވިޔަސް އާސެނަލް ސީޒަން ފެށީ
ރަނގަޅަށްކަން ހަނދާންކުރަން ޖެހޭ ކަމަށާއި، މިއީ ކުރިއަށްދާން ލިބުނު ފިލާވަޅެއް
ކަމަށެވެ.
"ކުޅުންތެރިންނަށް މިހާރު އެނގޭނެ ޕްރިމިއާ ލީގުގައި
ކޮންމެ މެޗަކުން މޮޅުވާން ވަރުގަދަ ކުޅުމެއް ދައްކަންޖެހޭކަން. އާދައިގެކޮށް ނުނެގޭނެކަން
ކުޅުންތެރިންނަށް އެނގޭނެ. އެގޮތުން ބަލާއިރު މިއީ ވަރަށް ރަނގަޅު ފިލާވަޅެއް،"
އާޓެޓާ ބުންޏެވެ.
މި މެޗުގައި ބްރައިޓަންގެ ފުރަތަމަ ގޯލު 31 ވަނަ
މިނެޓުގައި ޖެހީ ޖަރުމަނުގެ ޕަސްކަލް ގްރޮސް އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި
ދެ ވަނަ ގޯލު ޖެހީ ކަރަލަމްޕޮސް ކޮސްޓޫލަސް އެވެ. އަދި ތިން ވަނަ ގޯލް 57 ވަނަ
މިނެޓުގައި ވައްދާލީ ޗެމާ އަންދްރެސް އެވެ.
ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް ވަނީ އެސްޓަން
ވިލާ އަތުން 3-2 އިން ބަލިވެ ހާސްކަން ބޮޑުވެފަ އެވެ. މިދިޔަ ސީޒަނުގައި
ރެލިގޭޝަނުން ކިރިޔާ ސަލާމަތްވި ޓީމު މި ސީޒަނުގައި ބޮޑު ހަރަދެއްކޮށް
ވަރުގަދަކުރި ނަމަވެސް އެއްވެސް ބަދަލެއް ނާދެ އެވެ. ފުރަތަމަ ފަސް މެޗުގެ ތެރެއިން
ތިން މެޗުން ބަލިވެ ދެ މެޗުން އެއްވަރުވެ އެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގަ އެވެ.