20 އެޕްރީލް 2017 - 13:51

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޕީޕީއެމުން ވަކިކުރި މައްސަލައިގެ ޝަރީއަތަށް އެ ޕާޓީ ހާޒިރު ނުވާތީ ޕީޕީއެމްގެ ޣައިރު ހާޒިރުގައި އެ މައްސަލަ ބަލަން ސިވިލް ކޯޓުން ނިންމައިފި އެވެ.
ފާރިސް ޕީޕީއެމުން ވަކިކުރަން ނިންމި ނިންމުން ބާތިލްކުރަން އޭނާ ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތަށް ޕީޕީއެމުން ހާޒިރު ނުވާތީ އެ މައްސަލަ އޮތީ ކުރިއަށް ނުގެންދެވި އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލް ކުރުމުން އެ އަޑުއެހުމަށް ވެސް ޕީޕީއެމުން ހާޒިރެއް ނުވި އެވެ. އެހެންވެ އެ މައްސަލަ އެ ޕާޓީގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދަން ކޯޓުން ނިންމާފައިވާ ކަމަށް ފާރިިސްގެ ވަކީލުންގެ ޓީމުން ބުންޏެވެ.
މަދަނީ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތް ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ، އެ މައްސަލަ އެ ފަރާތެއްގެ ޣައިރު ހާޒިރުގައި ހިންގުމުގެ ބާރު ކޯޓުތަކަށް އޮވެ އެވެ.
ޕީޕީއެމުން ފާރިސް ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމީ ޕީޕީއެމްގެ ވިޕްލައިނާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގައި އޭނާ ވޯޓު ދެއްވި މައްސަލައިގަ އެވެ. ފާރިސްގެ އިތުރުން ވެސް މައުމޫންގެ ފެކްޝަނަށް ނިސްބަތްވާ އެހެން ބައެއް މެމްބަރުން ވެސް ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ.
ޕީޕީއެމްގެ ހިންގުމުގެ ބާރު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ޕާޓީ މިވަގުތު ހިންގަވަނީ ރައީސް ޔާމީނެވެ. އަދި ޕާޓީގެ ހުރިހާ ގުނަވަންތަކުގެ ކޮންޓްރޯލް ވެސް އޮތީ ރައީސް ޔާމީންގެ ފެކްޝަންގަ އެވެ. އެކަމަކު މައުމޫންގެ ފެކްޝަނުން އެކަން ގަބޫލެއް ނުކުރެ އެވެ.