ރާއްޖެއިން ބޭރަށް ދިޔުމަށް ފުރަން ގޮސް ތިބި ބައެއްގެ އަތުން ގާތްގަނޑަކަށް 3.8 މިލިއަން ދިވެހި ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި އެވެ. 

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެގެ ހިންގި އޮޕަރޭޝަނެއްގައި ހަ ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފައްޓާފައިވާ ކަަމަށެވެ. 

ބަންގްލަދޭޝަށް ނިސްބަތްވާ އެ ހަ މީހުން ފުރަން ގޮސް ތިއްބައި ހުއްޓުވާފަައި ވަނީ އެމީހުންގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނިފައިވާ މައްސަލައެއްގަ އެވެ.

ފުލުހުން ބުނީ އެމީހުންގެ އަތުން 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ. އެ ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3.8 އަށް އަރާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ފުލުހުން އާންމުކޮށްފައިވާ ފޮޓޯގައިވާ ގޮތުން އެ ފައިސާ ފޮރުވާފައި ހުރީ ސީރިއަލް ޕެކެޓުތަކެއްގެ ތެރޭގަ އެވެ. 

އެ މައްސަލައާ ގުޅިގެން އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ހިންގަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު މި ފަހުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ހުއްދަ ނެތް ފަރާތުން ޑޮލަރު ވިއްކާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފައިވާއިރު މިފަހުން ވެސް ވަނީ އެ ވިޔަފާރީގައި އުޅޭ ބިދޭސީންތަކެއް ހައްޔަރުކޮށްފަ އެވެ.