ބިހުރޯޒު މިސްކިތު ގޯތިތެރޭގައި ނަމާދުކުރުން މަނާކޮށްފި
ބިހުރޯޒު މިސްކިތު ގޯތިތެރޭގައި ނަމާދުކުރުން މަނާކޮށްފި

ބިހުރޯޒު މިސްކިތު ގޯތިތެރެއިން ގަބުރު ފެނިގެން އެތަނުގެ ގޯތިތެރޭގައި ނަމާދު ކުރުން އިސްލާމިކް މިނިސްޓްރީން މަނާކޮށްފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ ރޯދަމަހަށް، މިސްކިތު ގޯތިތެރެ ހިޔާކުރުމަށް އެތަނުގައި ތަނބުޖަހަން ކޮންނަނިކޮށް، ދެ ތަނަކުން މިނިކަށި ފެނިފައިވާ ކަމަށެވެ. އެހެންވެ، ގަބުރު މަތީގައި ނަމާދު ކުރުމަކީ ހުއްދަކަމަކަށް ނުވާތީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިސްކިތު ގޯތި ތެރޭގައި ނަމާދު ކުރުން މަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށްދެބައިމަގުގައި ސީއެޗްއެސްއީ ކައިރީގައި ހުންނަ ތިބުރޯޒު މިސްކިތުގެ އިމާރާތް ކުޑަވުމުގެ ސަބަބުން އެތަން ފުރޭ ވަގުތުތަކުގައި ގޯތިތެރޭގައި މީހުން ނަމާދު ކުރެ އެވެ.

"މިސްކިތް އެތެރޭގައި ނަމާދު ކުރެވިދާނެ. އެކަމަކު ގޯތި ތެރޭގައި ނަމާދު ކުރުން މިހާރު ވާނީ މަނާކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މިސްކިތާ މެދު ދެން އަމަލު ކުރާނެ ގޮތާ މެދު މިނިސްޓްރީން އަދި ގޮތެއް ނުނިންމާ ކަމަށެވެ.