ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ގޭމިން މުބާރާތް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2026"ގެ ޕަބްޖީ ކޮލިފަޔާސް
57 ޓީމާއެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ޕަބްޖީ މޮބައިލް ކޮލިފަޔާސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.  އެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން
ވަނަވަނައަށް ދާ ޓީމުތަކަށް ޖުމްލަ 10,000ރ. ފައިސާގެ އިނާމުގެ ޕްރައިޒް
ޕޫލެއް ވަނީ ހުށަހަޅައިފަ އެވެ. އެ މުބާރާތުގެ ފޯރިގަދަ މެޗުތައް ދިރާގު ގޭމާސް ގިލްޑްގެ
ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ބެލޭނެ އެވެ. 

އެ މުބާރާތުގެ ތެރެއިން ހޮވާލެވޭ 16 ޓީމަކަށް ޑީއެމްޖީސީ
2026 ގައި ބައިވެރިވުމުގެ ފުރުސަތު ލިބި ޖުމްލަ 30،000ރ. ޕްރައިޒް ޕޫލުގެ އިނާމުތަކަށް ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. 

ދިރާގު ގޭމާސް ގިލްޑް(ޑީޖީޖީ)
އިން އިންތިޒާމުކޮށްގެން ބާއްވާ ޑީއެމްޖީސީއަކީ ރާއްޖޭގެ
ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު
ދައްކާލުމަށް ލިބޭ ފުރުސަތެކެވެ. އަދި މިދިޔަ އަހަރު ބޭއްވި
މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން
ބައިވެރިވި އެވެ.

މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000ރ. ބޮޑު ފައިސާގެ އިނާމުތައް ހިމެނޭ ޕްރައިޒް ޕޫލަކާއެކު އެވެ.

މި އަހަރުގެ ޑީއެމްޖީސީގައި ވެސް މޮބައިލާއި ޕީސީ އަދި
ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުޅޭ އެކި ގޭމްތައް ހިމެނެ އެވެ. އޭގެ ތެރޭގައި
ޕަބްޖީ މޮބައިލްގެ އިތުރުން މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގާއި ރޮކެޓް ލީގާއި އެފްސީ26
އަދި ޓެކެން 8 ހިމެނެ އެވެ. އަދި ކުޅުންތެރިންނަށް ފައިސާގެ އިނާމު ހޯދުމުގެ އިތުރުން ކޮލިފަޔާތަކުން ކުރިހޯދައިގެން ޑީއެމްޖީސީގެ މެއިން އިވެންޓުގައި ބައިވެރިވުމުގެ
ފުރުސަތު ލިބޭނެ އެވެ.

ޑީޖީޖީއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން ޕްލެޓްފޯމެވެ. އަދި އެ ޕްލެޓްފޯމުން ދަނީ ރާއްޖޭގެ ގޭމަރުން ތަރައްގީ ކުރުމަށް އެކި ފުރުސަތުތައް ފަހިކޮށްދެމުންނެވެ.