23 އެޕްރީލް 2017 - 09:23

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް ވާދަވެރި މެޗަކަށް ނުކުންނައިރު މި މެޗަކީ ދެ ޓީމުގެ ކޯޗުންނަށް ހާއްސަ ވެގެންދާނެ މެޗެކެވެ.
އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އަކީ ޒުވާން ކުޅުންތެރިންނަށް އެންމެ ގިނައިން ފުރުސަތުދިން އެއް ކޯޗެވެ. ޒުވާން ކުޅުންތެރިން ކުރިއެރުވުމުގައި ކުރުމުގައި ސާންތީ ވަނީ އޭނާގެ ކެރިއަރުގެ މިހާތަނަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު މުހައްމަދު ސޮބާހު (ސޮބާ) އަކީ ވެސް ސާންތީގެ ދަރިވަރެކެވެ. މިއަދު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ސާންތީ ބުނީ ސޮބާއާ ދެކޮޅަށް ކުޅެން ޖެހޭ ކޮންމެ ފަހަރަކު ވެސް ކުރެވެނީ ތަފާތު އިހުސާސެއް ކަމަށެވެ.
"މިއީ ކޯޗިންގައި އަޅުގަނޑު ހޭދަކުރާ 25 ވަނަ އަހަރު. ސޮބާމެން ސްކޫލުގައި އުޅުނުއިރުގައި އަޅުގަނޑުގެ ކޯޗުކަމުގައި 19 އަހަރުން ދަށުގެ އިންޓަ ސްކޫލު ހޯދައިދިނީ. ސޮބާ، އޮއިއްޓޭ އަދި އޮއްޕޮ މެން އެ ޓީމުގައި ހިމެނޭ. ސޮބާއާ ދެކޮޅަށް ނުކުންނައިރު އަޅުގަނޑަށް ކުރެވެނީ ތަފާތު އިހުސާސެއް،" ސާންތީ ބުންޏެވެ.
ފަހުން ސީނިއާ ގައުމީ ޓީމަށް ސޮބާ ކުޅުނުއިރު ސާންތީ އަކީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. ގައުމީ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ސާންތީ އާއި ސޮބާގެ ހިއްސާ ބޮޑެވެ. ހުރިހާ ގޮތަކުން ބަލާއިރު ވެސް ސޮބާގެ ކެރިއަރާ ސާންތީއާ އޮތް ގުޅުން ބޮޑެވެ. ސާންތީ ބުނީ ކޯޗިންގައި ސޮބާ އަށް ކާމިޔާބު ހޯދޭނެ ކަމަށާއި އޭނާގެ މުސްތަގުބަލު އުޖާލާ ކަމަށެވެ/
"އަޅުގަނޑު ވަރަށް އުފާވޭ އޭރު އަޅުގަނޑާ އެކު އުޅުނު ކުޅުންތެރިއަކު މިހާރު މި ހިސާބުގައި ހުރީމަ. އަޅުގަނޑު ދެކޭ ގޮތުގައި ކޯޗެއްގެ ގޮތުގައި ސޮބާގެ އެބައޮތް ބޮޑު މުސްތަގުބަލެއް. އެއީ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ސޮބާ އެބަހުރި ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދާފައި،" އޭނާ ބުންޏެވެ.
ސޮބާގެ ކޯޗުކަމުގައި ކުޅުނު ނިއު ރޭޑިއަންޓާ ދެކޮޅަށް 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ސާންތީ ވަނީ ކުޅެފަ އެވެ. އައްޑޫ ސިޓީގައި ކުޅުނު އެ މުބާރާތުގެ ސެމީ ފައިނަލުގައި އީގަލްސް އަތުން ނިއު މޮޅުވީ 2-1 އިންނެވެ.
"ސޮބާއާ ދެކޮޅަށް ނުކުމެގެން އަޅުގަނޑު ބަލިވިޔަސް އެއް އުފަލެއް އަޅުގަނޑަށް އެބައޮތް. އެއީ އަޅުގަނޑުގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކުޅުންތެރިއަކަށްވީމަ،" ސާންތީ ބުންޏެވެ.
ގްރީން ސްޓްރީޓްސްއާ މިދިޔަ އަހަރު ހަވާލުވެ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ގެނެސްދިނުމަށް ފަހު ސޮބާގެ ވިސްނުމަކީ ވާދަވެެރި ފުޓްބޯޅަ ޓީމެއް ތައްޔާރުކުރުމެވެ. ސޮބާ އޭރުވެސް ބުނީ އޭނާގެ ކެރިއަރުގައި ކޯޗުކޮށްދިން ފަރާތްތައް ކައިރިން ދަސްވެފައިހުރި އެއްޗެހީގެ ބޭނުން އޭނާ އަށް ހިފޭނެ ކަމަށެވެ.
"ހުރިހާ ގޮތަކުން ބެލިޔަސް ސާންތީ ކޯޗަކީ އަޅުގަނޑުގެ ކެރިއަރުގައި ވަރަށް ހާއްސަ ފަރާތެއް. އަޅުގަނޑުގެ އުމުރުން އެންމެ 16 ނޫނީ 17 އަހަރުގައި ކެޕްޓަނެއްގެ ގޮތުގައި ހުރެގެން ސްކޫލަށް ނުވެފައި އޮތް ކަމެއް އެ މުބާރާތް ކާމިޔާބު ކުރުމަކީ. އެ ކާމިޔާބީ ހޯދުނީ ސާންތީ ކޯޗާ އެކީ،" ސާންތީއާ ބެހޭގޮތުން ސޮބާ ބުންޏެވެ.
ސޮބާ ބުނީ އޭނާގެ ކެރިއަރުގެ ފެށުން އައީ އެ ކާމިޔާބީއާ ހަމައިން ކަމަށެވެ.
"އެ ކާމިޔާބީގެ ސަބަބުން ފަސޭހަވި 19 އަހަރުން ދަށުގެ ގައުމީ ޓީމުން ވެސް ޖާގަ ހޯދަން. ދެން އޭގެ ފަހުން އަޅުގަނޑު ގައުމީ ޓީމުގައި ހޭދަވި 12 އަހަރުގެ ތެރެއިން 10 އަހަރު އަޅުގަނޑު ހޭދަކުރީ ސާންތީ ކޯޗާ އެކު. ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު،" އޭނާ ބުންޏެވެ.
މިއަދު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ސޮބާ ކެރިއަރު ފެށި ޓީމަކީ އީގަލްސް އެވެ. ސޮބާ ބުނީ އެ ކްލަބަކީ އަބަދުވެސް އޭނާ އަށް ހާްއްސަ ޓީމެއް ކަމަށެވެ.
"އީގަލްސް އަކީ ހުރިހާ ގޮތަކުން ވެސް އަޅުގަނޑާ ގުޅިފައި އޮތް ޓީމެއް. ހަގީގަތުގައި ބުނާނަމަ ޓޮޕް ލެވެލް ފުޓްބޯޅަ އަށް އަޅުގަނޑު ނުކުތްތަނަކީ އެއީ. އެހެން ޓީމުތަކަށް އަޅުގަނޑު ފެނިގެންދިޔަ ތަނަކީ އެއީ. އެހެންވެ އަބަދުވެސް އަޅުގަނޑު ހިތުގައި އީގަލްސް އަށް ހާއްސަ ޖާގައެއް އޮންނާނެ،" ސޮބާ ބުންޏެވެ.
ފުޓްބޯޅަ ކެރިއަރުގައި މައުރޫފް އަހުމަދު (މާއްޓޭ) އާއި އަލީ ސުޒޭން އަދި ސާންތީ އަކީ އަބަދުވެސް ހާއްސަވާނެ ފަރާތްތަކެއް ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
ގްރީން ސްޓްރީޓްސް އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.