21 އެޕްރީލް 2017 - 07:06
މިދިޔަ ޖެނުއަރީ މަހު މަރުވި، އިންޑިއާގެ މަޝްހޫރު އެކްޓަރު އޯމް ޕޫރީގެ ރޫހު ކަމަށް ބުނެ ވީޑިއޯއެއް ދެއްކި މައްސަލައެއް ހޫނުވެއްޖެ އެވެ.
މިއީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނުގެ ޓީވީ ޗެނެލަކުން ދެއްކި ވީޑިއޯއެއް ނަމަވެސް އިންޑިއާގެ ޗެނަލެއް ކަމަށްވާ އާޖް ތަކް އިން މި ވީޑިއޯ ދެއްކީ އިހަށް ދުވަހު އެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ވީޑިއޯ ވައިރަލްވެ ޓީވީ ޗެނަލަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އާޖް ތަކް އަކީ އިންޑިއާގައި އެންމެން ދަންނަ ޗެނަލަށް ވާއިރު، އެފަދަ ބަޔަކު މިކަހަލަ ކަމެއް ކުރުމުން ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ.
މި ވީޑިއޯގައި ބުނާ ގޮތުން އޯމް ޕޫރީގެ ރޫހު ދަނީ އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެންއެސްއޭ ޗީފް އަޖިތު ދޯވާލްގެ ކިބައިން ބަދަލު ހިފަން މަސައްކަތް ކުރަމުންނެވެ. މޯދީ އާއި ދޯވާލްގެ ރޭވުމަކުން އޯމް ޕޫރީ މަރާލީ ކަމަށް ތުހުމަތުކުރާ ވީޑިއޯގައި ބުނަނީ އެކަން ކޮށްފައި ވަނީ އެ ދުވަސްވަރު ޕާކިސްތާނު އާޓިސްޓުން އިންޑިއާގައި މަސައްކަތްކުރުން މަނާކުރުމާ ދެކޮޅަށް އޯމް ޕޫރީ ވާހަކަ ދެއްކުމުން ކަމަށެވެ.
މި ވީޑިއޯގައި ވާހަކަ ދައްކާ މީހާ ބުނަނީ ވީޑިއޯ އިން ފެންނަ، ހުދުކުލައިގެ ކުރުތާ ލައިގެން ހުރި މީހާ އަކީ އޯމް ޕޫރީ ކަމަށެވެ.
މިކަމާ ރުޅިއައިސްގެން ޓުވީޓްކުރި މީހުން ބުނީ ޕާކިސްތާނު ޓީވީން ދެއްކި އެއްޗެއް އިންޑިއާގެ ޗެނަލަކުން ދެއްކުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ ހަގީގަތުގައި މީގެ 11 މަސް ކުރީގެ ވީޑިއޯ އެއް ކަމަށާއި ވީޑިއޯ އެޑިޓްކޮށްފައިވާ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.
އުމުރުން 66 އަހަރުގައި އޯމް ޕޫރީ މަރުވީ ޝޫޓިން ނިންމާފައި ގެއަށް ގޮސް އުޅެނިކޮށް ހިތް ހުއްޓިގެންނެވެ.