20 އެޕްރީލް 2017 - 12:25

ގުދުސް (އެޕްރީލް 20) - އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނު މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރި ނަމަވެސް އެ މީހުންނާ ވާހަކަ ނުދައްކާނެ ކަމަށް އިޒްރޭލުން ބުނުމުން ފަލަސްތީނުން ރުޅިވެރިކަން ފާޅުކުރަން ފަށައިފި އެވެ.

ފަލަސްތީން އޮތޯރިޓީގެ ޕްރިޒަން އެފެއާޒްގެ ވެރިޔާ އިއްސާ ގަރާގު ވިދާޅުވީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރާ ފަލަސްތީނުގެ އެއްވެސް ގައިދީއަކު މަރުވެއްޖެ ނަމަ އާ އިންތިފާޒާއެއް ފަށާނެ ކަމަށެވެ. އަދި ފަލަސްތީނު މީހުންގެ ޑިމާންޑްތަކަށް އިޒްރޭލުން އިޖާބަ ނުދީފި ނަމަ އިތުރު މީހުން ހަޅުތާލުގައި ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގުވާމީ މުޖްތަމަ އާއި އދ. ގެ އެހީ އަށް މިހާރު ވާނީ އެދިފައި،" ގަރާގު ވިދާޅުވި އެވެ.
ފަލަސްތީނު މީހުން ކުރަމުން ގެންދާ ހަޅުތާލުގައި އެންމެ އިސްކޮށް ހުރީ އިޒްރޭލުން އުމުރަށް ޖަލަށްލާފައި ހުރި މަރްވާން ބަރްގޫތީ އެވެ. ރައީސް މަހްމޫދު އައްބާސްގެ ފަތަހަ ޖަމާއަތުގައި ވެސް ހިމެނޭ އިސް މެންބަރެއް ކަމަށްވާ 57 އަހަރުގެ ބަރްގޫތީ އަކީ އައްބާސް އަށް ފަހު ފަލަސްތީނުގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ފަރާތް ކަމަށް ބެލެވެ އެވެ. ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ބަރްގޫތީ އެކަހެރިކޮށް ބަންދުކޮށްފައި ބަހައްޓާތާ މިހާރު ތިން ދުވަސްވެއްޖެ އެވެ.
އިޒްރޭލުގެ ޕަބްލިކް ސާވިސް މިނިސްޓަރު ގިލާދު އެރްދާން ވިދާޅުވީ ހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ފަލަސްތީނުގެ ގައިދީންނާ ވާހަކަ ދައްކަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރާ މީހުން ވަނީ އިޒްރޭލަށް ޑިމާންޑްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި އެ މީހުންނަށް ރަނގަޅު ސިިއްހީ ޚިދުމަތް ދިނުމާއި އާއިލާއާ ފޯނުން ވާހަކަ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ.
ގަރާގު ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން 1،300 މީހުން ހަޅުތާލު ކުރަމުންދާ ކަމަށެވެ. ފަލަސްތީނިއަން ޕްރިޒަނާސް ކްލަބުން ބުނީ 1،500 މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށެވެ. އެކަމަކު އިޒްރެލުގ ޕްރިޒަން ސާވިސްގެ ތަރުޖަމާނަކު ބުނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ބައިވެރިވެފައި ވަނީ 1،100 މީހުން ކަމަށެވެ.
ފަލަސްތީނުން ގަބޫލް ކުރަނީ އިޒްރޭލުގެ ޖަލުތަކުގައި ތިބީ އެ ގައުމުގެ ސިޔާސީ ގައިދީން ކަމަށެވެ. ގިނަ މީހުން ބަންދުކޮށްފައި ވަނީ އިޒްރޭލް މީހުންނަށް ހަމަލާ ދީގެންނެވެ. އަނެއް ބަޔަކު ތިބީ އިޒްރޭލުން ގެންގުޅޭ "އިދާރީ ބަންދު" ގަ އެވެ. އިދާރީ ބަންދުގެ ދަށުން އެއްވެސް ކުށެއް ނެތި ހަ މަސް ދުވަސް ވަންދެން ޖަލުގައި ގެންގުޅެވެ އެވެ. ހަ މަސް ހަވަމުމުން އަނެއްކާ ވެސް މުއްދަތު އިތުރު ކުރެ އެވެ. ފަލަސްތީނުގެ ޕްރިޒަން ގްރޫޕްތަކުން ބުނީ މިދިޔަ އަހަރުގެ ނިޔަލަށް އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 7،000 ގައިދީން ތިބި ކަމަށެވެ. މީގެ ތެރޭގައި 62 އަންހެނުންނާއި 300 ކުޑަ ކުދިން ހިމެނޭ ކަމަށްވެ އެވެ. އަދި 500 މީހުންނަކީ އިދާރީ ބަންދުގައި ތިބި މީހުންނެވެ.