20 އެޕްރީލް 2017 - 13:06

އޭއެފްސީ ކަޕްގައި ރޭ އަމިއްލަ ދަނޑުގައި މާޒިޔާ އަތުން 1-0 އިން ބަލިވި ނަމަވެސް މޯހަން ބަގާން ޓީމަށް އެކަމުގެ އަސަރު ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ސަންޖޯއީ ސެން ބުނެފި އެވެ.
ކަލްކަތާގައި ރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ މުހައްމަދު އުމެއިރުގެ ލަނޑުން 1-0 އިންނެވެ. މި މޮޅާ އެކު މާޒިޔާ ވަނީ ބަގާން ފަހަތަށް ޖައްސާލުމަށް ފަހު ގްރޫޕް އީގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. މި ޒޯނުގެ ކޮންމެ ގްރޫޕަކުން ވެސް ދެ ވަނަ ބުރުގެ ޖާގަ ލިބޭނީ ގްރޫޕްގެ އެއް ވަނަ ދާ ޓީމަކަށެވެ.
ގްރޫޕްގެ އެއް ވަނައިގައި ބެންގަލޫރު އެފްސީ ނުވަ ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި މާޒިޔާ އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ބަގާނަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ އެންމެ ފުލުގައި އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
އައި-ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ހޮނިހިރު ދުވަހު އައިޒަވާލްއާ ދެކޮޅަށް މުހިއްމު މެޗެއް އޮތުމުން ބަގާނުން ރޭގެ މެޗަށް ނުކުތީ މުހިއްމު ތިން ކުޅުންތެރިއަކު ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. ރޭގެ މެޗަށް ފަހު ބަގާން ކޯޗު ސަންޖޯއީ ބުނީ މި ވަގުތު އެ ޓީމުގެ ސަމާލުކަން ހުރީ އައި ލީގަށް ކަމަށެވެ.
"އަހަރެމެންނަށް ލީގު ކަށަވަރުކުރަން މުހިއްމު މެޗެއް އޮތުމުން ޓީމުގައި ތިބި މުހިއްމު ކުޅުންތެރިން ނުލައި އަހަރެމެން މި މެޗު ކުޅުނީ. މި މެޗުން ބަލި ވިޔަސް އަހަރެމެންގެ ފޯކަސް ހުރީ އައިޒަވާލް މެޗަށް. މާޒިޔާ އަތުން ބަލިވިޔަސް ބަގާނަށް އޭގެން މާ ބޮޑު އަސަރެއް ނުކުރާނެ،" ސަންޖޯއީ ބުންޏެވެ.
އައި ލީގުގެ އެއް ވަނައިގައި 33 ޕޮއިންޓާ އެކު ބަގާން އޮތްއިރު ދެ ވަނައިގައި އޮތް އައިޒަވާލަށް ވެސް ލިބިފައިވަނީ 33 ޕޮއިންޓެވެ. ބަގާން ކުރީގައި އޮތީ ހެޑް-ޓު-ހެޑް އިން ކުރި ލިބޭތީ އެވެ. އައިޒަވާލް ދަނޑުގައި ހޮނިހިރު ދުވަހު ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ބަގާން އަށް ޗެމްޕިއަންކަން ލިބޭނެ އެވެ. އެއީ ފަހުން މެޗުން ބަގާން މޮޅުވެ އަދި އައިޒަވާލް މޮޅުވިޔަސް، ހެޑް-ޓު-ހެޑް އިން ބަގާން އަށް ކުރި ލިބޭނެތީ އެވެ.
ބަގާން މި ފަހަރު އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުން ޖާގަހޯދީ ޕްލޭއޮފުގައި ރާއްޖޭގެ ވެލެންސިއާގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ. މާލޭގައި 1-1 އިން އެއްވަރުވިއިރު ކަލްކަތާގައި ބަގާން މޮޅުވީ 4-1 އިންނެވެ. އެ ދެ މެޗު ވެސް ކުޅުނީ އައި ލީގުގެ މެޗުތައް ގިނަ ދުވަސްތަކެއްގައި ކަމަށްވުމުން ބަގާނުން ދެ މެޗުގައި ވެސް ބައެއް ސީނިއާ ކުޅުންތެރިން ބޭނުންނުކުރެ އެވެ.
އައި ލީގުގެ ޗެމްޕިއަން ޓީމަށް އަންނަ ސީޒަނުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ޕްލޭއޮފުން ޖާގަ ލިބޭއިރު، ބަގާނުން އަންނަނީ ލީގަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ.