މޯލްޑިވްސް
އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދެމުން އަންނަ ޑިޖިޓަލް ބޭންކިން ހިދުމަތްތައް އިތުރު ފުރިހަމަ ކޮށްދިނުމުގެ ގޮތުން ބޮޑެތި
އަޕްގްރޭޑްތަކާ އެކު، އެ ބޭންކުގެ މޮބައިލް އެޕްލިކޭޝަން "ފައިސާ މޮބައިލް އެކްސް 2.0" އިފުތިތާހުކޮށްފި އެވެ. 

މިއީ ކަސްޓަމަރުންނަށް
ކުރިއަށް ވުރެ ފަސޭހަ، އަވަސް އަދި ރައްކާތެރި ބޭންކިން ތަޖުރިބާއެއް
ފޯރުކޮށްދިނުމުގެ މަގުސަދުގައި ގެނައި ބޮޑު އަޕްގްރޭޑެއް ކަމަށް އެ ބޭންކުން ބުންޏެވެ.

އެމްއައިބީ އިން ބުނީ އާ އަޕްގްރޭޑުގައި ކުރިއަށް ވުރެ ފަސޭހައިން އެޕްލިކޭޝަން ބޭނުން ކުރެވޭނެ ގޮތް ހެދުމަށް އެޕްގެ ޔޫސާ އިންޓަފޭސް އެއްކޮށް އަޕްގްރޭޑުކޮށް، އަލުން ފަރުމާކޮށްފައިވާނެ ކަމަށެވެ. އޭގެ އިތުރުން ފައިސާ ފޮނުވުމުގައި އެކައުންޓް ނަމްބަރާއި ނަން ސާޗު ކޮށްގެން މުއާމަލާތްތައް އަވަހަށް ނިންމާލެވޭ 'ސްމާޓް ސާޗް' ފީޗާގެ އިތުރުން، ބޭރު ގައުމުތަކަށް ފަސޭހަކަމާ އެކު ފައިސާ ފޮނުވޭނެ 'ފައިސާ ރެމިޓް' އިންޓަނޭޝަނަލް ރެމިޓެންސްގެ ހިދުމަތް ވެސް އެޕަށް ވަނީ އިތުރުކޮށްފަ އެވެ. 

އެމްއައިބީއިން ބުނި ގޮތުގައި، އާ އަޕްގްރޭޑުގައި ކަސްޓަމަރުންގެ
މައުލޫމާތާއި ފައިސާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެޕްލިކޭޝަންގެ
ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައި ވާނެ އެވެ. އަދި ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު
ލުއިފަސޭހަކަން ގެނެސްދޭނެ އާ ގިނަ ހިދުމަތްތަކެއް ވެސް ކުރިއަށް އޮތް ތަނުގައި އެ އެޕް މެދުވެރިކޮށް ތައާރަފު ކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ. 

އެމްއައިބީ އިން މަސައްކަތް
ކުރަމުން އަންނަނީ ޒަމާނީ ޓެކްނޮލޮޖީއާ އެކު، ކަސްޓަމަރުންގެ ބޭންކިން ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށެވެ.