ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުން އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު އިސްތިއުފާ ދެއްވައިިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވިކަން "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ވަޒީރު ފެންވަރުގައި އެ މަގާމަށް މިދިޔަ ޖޫން މަހުގެ ކުރީކޮޅު، އައްޔަނުކުރި ނާޒިމް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭގެ އެވެ.
މި ސަރުކާރުގައި ނާޒިމް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީއަށެވެ. ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު ހެލްތު މިނިސްޓަރަކަށް އޭނާ އައްޔަންކުރެއްވީ ސެޕްޓެމްބަރު 30، 2024 ގަ އެވެ.
ނަމަވެސް މިދިޔަ އޭޕްރީލް ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު، ކަންކަން ހަރުދަނާކުރުމަށް ކަމަށް ވިދާޅުވެ ދިހަ މިނިސްޓަރަކު އިސްތިއުފާ ދެއްވިއިރު ނާޒިމް ވެސް މަގާމުން އިސްތިއުފާ ދެއްވީ އެވެ. ރައީސް އޮފީހަށް ގެންދެވީ އޭގެ ފަހުންނެވެ.