އިލްމް ފޯރުކޮށްދިނުމުގައި ތިމާގެ ދުލާއި ގަލަން ހިނގަންޖެހޭ ގޮތާއި ނުޖެހޭ ގޮތް ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 

ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމާ ދިމާކޮށް ބޭއްވި ޒުވާން ހަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިސްލާމް ދީން ކުރިއެރުވުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ތަން ފެނުމަކީ އުފަލެއް ކަމަށާއި އެކަމުގައި ޒުވާނުންގެ ރޫހާއި އަޒުމުގައި ދިރުންވާ ކަމަށެވެ. 

ރައީސް ވިދާޅުވީ އިލްމަކީ ހިކުމަތްތެރިކަމާ ގުޅިފައިވާ އެއްޗެއް ކަމަށާއި އިލްމަކީ ހަމައެކަނި ފޮތަކުން ލިބޭ އެއްޗެއްގެ ބަދަލުގައި އެތައް ތަޖުރިބާއަކާއި އެހެން އިލްމުތަކުން ލިބޭ އެއްޗެއް ކަމުގައި ވެސް ވެދާނެ ކަމަށެވެ. 

އަދި އިލްމް ފޯރުކޮށްދިނުމުގައި ތިމާގެ ދުލާއި ގަލަން ހިނގަންޖެހޭ ހާލަތްތަކާއި ހިނގަން ނުޖެހޭ ހާލަތު ވެސް ހުންނާނެ ކަމަށް ރައީސް މުއިއްޒު ވިދަަޅުވި އެވެ. އަދި ތިމާގެ ދުލާއި ގަލަން ހިނގަން ޖެހޭ ގޮތާއި ނުޖެހޭ ގޮތް ވެސް ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ

"މިކަންކަން އަންނަނީ ހިކުމަތްތެރިކަމުގެ ތެރެއިން. ހިކުމަތްތެރިކަމާ އެކު ދީނަކީ މަސްލަހަތު،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އުއްމީދަކީ މިއަދުގެ ޒުވާނުން ހަތީބުންނަކީ މާދަމާ މީހުންނަށް މަގު ދައްކައިދޭ އިލްމްވެރިންނަށް ވުމެވެ. އެދެނީ ޒުވާނުން ހަތީބުންނަކީ މާދަމާގެ ވިސްނުންތެރިންނާއި ހިކުމަތްތެރިންނަށްވުން ކަމަށް ވިދާޅުވި އެވެ. 

"މުޖުތަމައުގެ ސިކުނޑި އީމާންތެރިކަމުގެ ނޫރުން އުޖާލާ ކުރުމުގައި ތިޔަ ކުދިންގެ ޒުވާންކަމުގެ އުޖާލާ ދޯދިތައް އިންތިހާއަށް މުހިންމު،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ޒުވާނުން ހަތީބުންނަކީ މުޅި ރާއްޖޭގެ އިސްލާމީ ވެއްޓަށް އުޖާލާކަން ދޭނެ ދަންމަރުތަކެއް ކަމަށާއި އެއީ ދިވެހިންގެ އިސްލާމީ އަހުލާގަށް އަރޯކަން ދޭނެ މުރައްބީންތަކެއް ކަމަށެވެ. އަދި ޒުވާނުން ހާތިބުންނަކީ މުސްތަގުބަލުގައި ފިކުރީ ސިކުނޑި ބައްޓަން ކުރާނެ އެނދުންތަކެއް ކަމަށެވެ. 

އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ޒުވާން ހަތީބުންނަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ ޝަހުސިއްޔަތުންތަކަކަށްވުން ކަމަށް ވެސް ވިދާޅުވި އެވެ.