މާލެ ކައިރިން ބޮޑު ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު ހާދިސާ ހިނގަން މެދުވެރިވުމުގައި ދައުލަތުގެ އިދާރާތަކުގެ އިހުމާލު ބަލައި، ފިޔަވަޅު އަޅަން މާލޭ ސިޓީ ކައުންސިލުން މިއަދު ގޮވާލައިފި އެވެ. 

ދޫނިދު އާއި މާލެއާ ދެމެދު އަޅާފައި އޮތް ދެ ބޯޓު އޮޔާދިޔައީ އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެން ގޮސްގެންނެވެ.  އޮޔާ ގޮސް އެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށެވެ. އެ ހާދިސާގައި މާލޭގެ ފަރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އޭގެ ފަހުން، ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގެ ސުޕަސްޓްރަކްޗާގައި ވެސް ޖެހުނެވެ. ބްރިޖުގައި ޖެހުނު ކަމަށް ބެލެވެނީ އެތަނުން އެއް ބޯޓުގެ ދަގަނޑުން ހަދާފައިވާ އެންޓަނާއަކާއި ނެވިގޭޝަން ލައިޓެކެވެ. ބްރިޖުގެ ދަށުން ގޮސް އެ ބޯޓު އެންމެފަހުން މާލޭގެ ދެކުނު ފަރާތަށް އޮޔާ ގެންދިޔަ އެވެ. 

އެ ދެ ބޯޓަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ރާއްޖޭގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަން ދެ ބޯޓެވެ. އެ ބޯޓުގެ ފަޅުވެރިން ހާލުގައި ޖެހިފައި ތިބިިއިރު މިހާރު އެ ވަނީ ރާއްޖޭން ބޭރަށް ފެތިފަ އެވެ. 

ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ ހިނގާފައިވަނީ ދައުލަތުގެ މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާކުރެވިފައިނުވާތީ ކަމަށެވެ. މާލޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ގުޅޭ ގޮތުން ސުވާލު އުފެދިފައިވާ ކަމަށް ވެސް ބުންޏެވެ. 

ކައުންސިލުން ވަނީ އެ ދެ ބޯޓު ރާއްޖެއަށް އެތެރެވި ގޮތާއި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި ނަގިލި ކަނޑައިގެން ގޮސް ފަރަށްއަރައި ބްރިޖުގައި ޖެހުނު މައްސަލަ ތަހުގީގުކުރަން ޕަބްލިކް އިންކްއަރީއެއް ހެދުމަށް ގޮވާލައިފަ އެވެ. 

ފަރަށް ލިބުނު ގެއްލުން އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) މެދުވެރިކޮށް ބަލައި ގެއްލުމުގެ ބަދަލު ހޯދުމަށް ވެސް ސިޓީ ކައުންސިލުން ގޮވާލި އެވެ. އަދި ބްރިޖަށް ލިބުނު ގެއްލުން ބަލަން އިންޖިނިއަރުންގެ އޮޑިޓެއް ހަދަން ވެސް ގޮވާލާފައިވެ އެވެ. 

ސިނަމާލެ ބްރިޖު ބަލަހައްޓާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)ގެ މަސައްކަތްތެރިން އެ ކަން ބަލާފައިވެ އެވެ. ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި ބްރިޖަށް ސްޓްރަކްޗަރަލް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، ކޫރުންތަކެއް ހުރި ކަން ފާހަގަކުރެއްވި އެވެ.