އަލްވެސް އަށް ކުރެވެނީ ހިތިފޮނި އިހުސާސެއް
އަލްވެސް އަށް ކުރެވެނީ ހިތިފޮނި އިހުސާސެއް

ބާސެލޯނާ (އޭޕްރިލް 20) – ކުރީގެ ކްލަބް ބާސެލޯނާގެ މައްޗަށް ކުރި ހޯދައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޔުވެންޓަސްއާ އެކު ދަތުރުކުރެވުމާ އެކު ކުރެވެނީ މަސްހުނި އިހުސާސްތަކެއް ކަމަށް ޑެނީ އަލްވެސް ބުނެފި އެވެ.

ފުރަތަމަ ލެގުން 3-0 އިން ޔުވެންޓަސް މޮޅުވިއިރު ރޭ 0-0 އިން އެއްވަރުވީ އެވެ. ރޭގެ މެޗުގައި ވެސް އަލްވެސް ވަނީ ބާސެލޯނާގެ ފޯވާޑުން ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މެޗަށް ފަހު ބާސެލޯނާގެ ނޭމާ ރުއިއިރު އޭނާ މަސަލަސް ކުރީ އަލްވެސް އެވެ.

"ވަރަށް ތަފާތު. އަދި އަހަރެންގެ އިހުސާސްތައް މިހިރީ ވަރަށް އެހެން ކަހަލަ ގޮތަކަށް، ހިތިފޮނި އިހުސާސެއް. އެއީ މިތަނުގައި އެތައް ކަމެއް ހާސިލްކުރުމަށް ފަހު އިދިކޮޅު ޓީމަކާ އެކު އަންނަން ޖެހުމުން،" އަލްވެސް ބުންޏެވެ.

ބާސެލޯނާ އަށް 2008 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ކުޅުނު އަލްވެސް ވަނީ އެ ކްލަބާ އެކު މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން ސްޕެނިޝް ލީގު ހަ ފަހަރު އަދި ސްޕެނިޝް ކަޕް ހަތަރު ފަހަރު ކާމިޔާބުކުރި އެވެ.

އަލްވެސް ބުނީ ބާސެލޯނާއާ ދެކޮޅަށް ކުޅެން ނުޖެހޭނެ ކަމަށް އުއްމީދުކުރާ ކަމަށް ކުރިން ވެސް ބުނި ކަމަށެވެ. ސަބަބަކީ އެ ޓީމު ދެކެ ބިރުގަންނާތީކީ ނޫން ކަމަށާއި މި އިހުސާސްކުރަން ބޭނުންނުވާތީ ކަމަށެވެ.

"އެކަމަކު އަހަންނަށް ހީވަނީ މިކަހަލަ ޖަޒުބާތައް އެބަޖެހޭހެން ބޭރުކޮށްލަން ސަބަބަކީ އެހެން ޓީމަކަށް ކުޅޭތީ އަދި އަހަރެންނަކީ ވަރަށް ބޮޑަށް ޕްރޮފެޝަނަލްކޮށް ހުރިހާ ކަމެއް ކުރަން ބޭނުންވާ މީހަކަށް ވާތީ،" އަލްވެސް ބުންޏެވެ.

އަލްވެސް ބުނީ ލިއޮނަލް މެސީ އާއި ނޭމާ އަދި ސުއަރޭޒް ހިމެނޭ ފޯވާޑް ލައިނަކާ ދެކޮޅަށް ދެ މެޗު ކުޅެ ގޯލެއް ވައްދާނުލައި ނިންމާލެވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެހެންކަމުން މިއީ ޔުވެންޓަސް ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.