21 އެޕްރީލް 2017 - 07:01

ކޮއްޕާލުމުން ނުވަތަ އެއްލުމުން އެ އެއްޗެއް ދާނީ އެ ފޮނުވާލި މިސްރާބަކަށް، ދުރަށެވެ. މިއީ އިސާކް ނިއުޓަންގެ "ސެކަންޑް ލޯ އޮފް މޯޝަން" ގައި ވެސް ބުނާ ގޮތެވެ. މިއީ ޕޮޒިޓިވް މާސްގެ ސަބަބުން މިކަން ހިނގާ ގޮތް ކަމަށް ވާއިރު، ތިއަރީގައި ބުނަނީ ނެގެޓިވް އަދި ޕޮޒިޓިވް އިލެކްޓްރިކް ޗާޖް ފަދައިން މާސްގައި ވެސް މި ދެ ޗާޖް ހުންނާނެ ކަމަށެވެ.
ވޮޝިންޓަން ސްޓޭޓް ޔުނިވަސިޓީ (ޑަބްލިޔު.އެސް.ޔޫ)ގެ ޕްރޮފެސަރު ޕީޓާ އެންގެލްސް އާއި އޭނާގެ ޓީމުން، ކެމިކަލް އެލެމެންޓެއް ކަމަށްވާ ރުބިޑިއަމްގެ އެޓޮމް މައިނަސް 273 ޑިގްރީ ސެލްސިއަސް އަށް ފިނިކުރި އެވެ. މިވަރަށް ފިނިކޮށްލުމުން އޭގެ ޕާޓިކަލްސްތައް ހަރަކާތްކުރަނީ ވަރަށް ލަސް ދުވެއްޔެއްގަ އެވެ.
މި ހިނގާ ހަރަކާތްތަކާ އޭގެ މިޒާޖު ސައިންސްވެރިންގެ ޓީމުން ދެނެގަނެ ނެގެޓިވް މާސް އަށް ބަދަލުކޮށްފައި ވަނީ ރުބިޑިއަމް އެޓޮމް ލޭޒާއިން "ހުއްޓުވައި" ކުރިއަށާއި ފަހަތަށް ދާ ގޮތް ލޭޒާ ބޭނުންކޮށްގެން ހެދުމަށް ފަހުގަ އެވެ. އެގޮތުން، އެޓޮމްތައް އެނބުރޭ ކޮޅު ނޫން އަނެއް ކޮޅަށް އެނބުރޭ ގޮތް ހެދި އެވެ.
މިގޮތަށް ލޭޒާއިން އެޓޮމްތައް ހިފެހެއްޓުމަށް ފަހު ދޫކޮށްލާއިރު އެޓޮމްތައް ބޮޑުވެ، ނެގަޓިވްމާސް އުފައްދަ އެވެ.
"ނެގަޓިވް މާސް ހުންނަ އެއްޗެއް، ކުރިއަށް ކޮއްޕާލައިފި ނަމަ އެ އެއްޗެއް އެނބުރި އަންނާނީ އެ ފޮނުވާލި ދިމާލަކަށް،" ދިރާސާގައި ބައިވެރިވެ ވަޑައިގެންނެވި، ޑަބްލިޔު.އެސް.ޔޫގެ އެސިސްޓެންޓް ޕްރޮފެސަ އޮފް ފިޒިކްސް މައިކަލް ފޯބްސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރުބިޑިއަމްގައި ނެގެޓިވް މާސް އުފެއްދުމަށް ފަހު ދޫކޮށްލުމުން އެނބުރި އަންނަނީ "ނުފެންނަ ފާރެއްގައި ޖެހިފައި އަންނަހެން" ކަމަށެވެ.
ދިރާސާ ޓީމުން ބުނީ މި ހޯދުންތަކާ އެކު މިކަން އަދި އިތުރަށް ބެލޭނެ މަގުތައް ފަހިވެގެން ގޮސްފައިވާ ކަމަށެވެ.