އިންޑިއާއާ ދެކޮޅަށް ބްރެޒިލް ކުޅޭ
މެޗުގެ ސްކޮޑަށް، ވޯލްޑް ކަޕުން ފުރުސަތު ނުލިބުނު ޗެލްސީގެ ޖޮއާއޯ ޕެޑްރޯ އާއި
އެސްޓެވާއޯ ނަގައިފި އެވެ.

ވޯލްޑް ކަޕުގެ ނާކާމިޔާބީ އަށް ފަހު
ބްރެޒިލް ޓީމު އަލުން ބިނާކުރަން ކޯޗު ކާލޯ އަންޗެލޮޓީ ކުރާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި
އެކުވެރިކަމުގެ ތިން މެޗު ކުޅޭނެ އެވެ. އެއީ އޮސްޓްރޭލިއާއާ ދެކޮޅަށް އެ
ގައުމުގައި ކުޅޭ ދެ މެޗާއި، އިންޑިއާއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗެވެ.

ވޯލްޑް ކަޕުގެ ސްކޮޑުން ޕެޑްރޯ އަށް އަންޗެލޮޓީ ފުރުސަތު ނުދިނީ
ނޭމާ އަށް ޖާގަ ދިނުމުގެ ގޮތުންނެވެ. އެކަމާ ގުޅިގެން އޭނާ އަށް ފާޑުކިއުން
އަމާޒުވި އެވެ. އެސްޓަވާއޯ އަށް ޖާގަ ނުލިބުނީ އަނިޔާގެ ސަބަބުންނެވެ.

އަންޗެލޮޓީ ވަނީ މި ފަހަރު އާ ބައެއް ކުޅުންތެރިންނަށް
ވެސް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ގޯލްކީޕަރުން ކަމަށްވާ ޕެޑްރޯ މޮރިސްކޯ
އާއި އޮޓާވިއޯ ހިމެނެ އެވެ. މީގެ އިތުރުން ޑިފެންޑަރު މައުރޯ ޖޫނިއާ އާއި ދެ މިޑްފީލްޑަރުން
ކަމަށްވާ ބްރެނޯ ބިޑޮން އާއި ގެބްރިއަލް ބޮންޓެމްޕޯ އަކީ ވެސް އަލަށް ފުރުސަތު ލިބުނު
ކުޅުންތެރިންނެވެ.

މި ފަހަރު ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންނަކީ ކެޕްޓަން
މާކީނިއޯސް އާއި ވިނީޝިއަސް ޖޫނިއާ އާއި ރަފީނިއާ އަދި ބްރޫނޯ ގީމަރޭސް އެވެ. ސްކޮޑުގައި
ނުހިމެނޭ ކުޅުންތެރިންގެ ތެރޭގައި ދާދި ފަހުން ރިޓަޔާކުރި ނޭމާ އާއި ކަސެމިރޯ އަދި
ގޯލްލީޕަރު އެލިސަން ބެކާ ފާހަގަކުރެވެ އެވެ.

އޮސްޓްރޭލިއާއާ ދެކޮޅަށް ބްރެޒިލްގެ ފުރަތަމަ މެޗު
އޮންނާނީ ސެޕްޓެމްބަރު 25 ގައި ޓައުންސްވިލް އެވެ. ދެ ވަނަ އޮންނާނީ 29 ގައި
ބްރިސްބޭންގަ އެވެ. އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އޮކްޓޫބަރު 3 ގައި ކަލްކަތާގަ
އެވެ.